ގައުމީ ޓީމަށް ވުރެ ވަކިވަކި ކުޅުންތެރިން ބޮޑެއް ނުވާނެ!

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށްވުރެ އެއްވެސް ކުޅުންތެރިއަކު ބޮޑު ނުވާނެ ކަމަށް ގައުމީ ޓީމްގެ ކޯޗު ޕީޓާ ސެގާޓް ބުނެފި އެވެ.


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ދިން ހާއްސަ ބަސްދީގަތުމެއްގައި ސެގާޓް ބުނީ އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖޭގެ ފުޓްބޯޅަ ޓީމްގެ ޓެކްޓިކްސް ގާއިމްކުރުން ކަމަށާއި ވާދަވެރިން ދަސްކުރުން މުހިންމުވާ އިރު، އެއީ ޑިސިޕްލިންގެ ތެރެއިންވެސް އަންނާނެ ބައެއް ކަމަށެވެ.

ކުޅުންތެރިންނަށް ނިސްބަތްވާ ގޮތަށް ސެގާޓް ބުނީ، ޓީމްގެ ހުރިހާ ކުޅުންތެރިން އެކަކު އަނެކަކަށް އިހްތިރާމް ކުރަން ޖެހޭނެ ކަމަށާއި، އަދި، ގައުމީ ޓީމްގެ ކޯޗުގެ ހައިސިއްޔަތުން އޭނާ ނިންމާ ނިންމުންތަކަށްވެސް އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ސެގާޓް ބުނީ އެއީ، އެއްވެސް ކުޅުންތެރިއަކީ ގައުމީ ޓީމަށްވުރެ ބޮޑު ކުޅުންތެރިއެއް ނޫން ކަމަށް. ގައުމީ ކޯޗު ބުނީ، އެއީ އޭނާގެ ފަލްސަފާ ކަމަށާއި ޓީމަށް ކާމިޔާބީ ހާސިލްކުރުމަށް ޓީމްގެ އެންމެންވެސް އެކަތިގަނޑަކަށްވެ، މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.


އަދި އެއީ، ބަވަނަ ވަމުން އަންނަ ދުނިޔޭގައި ކުޅެމުން އަންނަ ފުޓްބޯޅައިގެ އުސޫލު ކަމަށާއި ބައިނަލްއަގްވާމީ ބޮޑެތި ގައުމީ ޓީމް ތަކަށް ބަލާލާއިރުވެސް، އެއީ ފެންނަން އޮތް ހެއްކެއް ކަމަށް ސެގާޓް ބުންޏެވެ. ސެގާޓް ވަނީ އެފްއޭއެމްގެ ޓީމަކާ އެކު މިދިޔަ އަންގާރަ ދުވަހު އައްޑޫ ސިޓީ އަށް ޒިޔާރަތްކޮށް ހުނަރުވެރި ޒުވާން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ފަށާފަ. އޭނާ ބުނީ، ދިއްގަރަށް ކުރި ދަތުރުގައި ފެނުނު ފަދަ ދެތިން ކުޅުންތެރިން އައްޑޫއިން ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ


. ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށްވުރެ އެއްވެސް ކުޅުންތެރިއަކު ބޮޑު ނުވާނެ ކަމަށް ގައުމީ ޓީމްގެ ކޯޗު ޕީޓާ ސެގާޓް ބުނި އިރު، އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ބައިވެރި ނުވުމުން، ކޯޗު ވަނީ ގައުމީ ޓީމުން އޭނާ ބާކީކޮށްފަ އެވެ.


އަދި ދަގަނޑޭ އާ ނުލައިވެސް، ރާއްޖެއިން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ބޫޓާންގެ މައްޗަށް ކުރިހޯދާފަ އެވެ. ނަމަވެސް، ގައުމީ ޓީމުން ދަގަނޑޭ ބާކީ ކުރުމުން، ދިވެހި ފުޓްބޯޅައިގެ ބައެއް ފަންނާނުން ވަނީ ކޯޗުގެ ނިންމުމަށް ފާޑުކިޔާފަ އެވެ. އޭގެ ތެރޭގައި، ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އަދި އިސްމާއިލް އާސިފް (ކުޑަ ހީނާ) ހިމެނެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...