މިސްޓަރ ރޮށީގެ ނަމުގައި މީރު ރޮށި އުފައްދާ ރޮށި ފެކްޓްރީއެއް ހުޅުވައިފި

މިސްޓަރ ރޮށީގެ ނަމުގައި މީރު ދިވެހި ރަހަތަކުގެ ރޮށި އުފައްދާ ރޮށި ފެކްޓްރީއެއް މާލެގައި ހުޅުވައިިފިއެވެ. މިސްޓަރ ރޮށީގެ ނަމުގައި ބްރޭންޑެއް އުފައްދާ، ރޮށި ވިއްކާ ތަނެއް ހުޅުވާފައިވާއިރު، އެތަނުން ތަފާތު 3 ވައްތަރުގެ ރޮށި ލިބޭނެއެވެ.


އެގޮތުން ލިބޭ ވައްތަރު ތަކަކީ ހެލްތީ ބުރައުން، ހެލްތީ ގްރީން އަދި ޕްލެއިނެވެ. މި ތިން ވައްތަރު ތަފާތު ޕެކެޓްތަކުގައި ޕެކް ކުރެވިފައިވާއިރު، ހެލްތީ ބްރައުން ރޮއްޓަކީ، އާޓާ ފުށް ބޭނުން ކޮށްގެން ފިހެފައިވާ ރޮށްޓެވެ. އަދި ހެލްތީ ގްރީން އަކީ އޮލިވް އޮއިލް ތެލެއްގެ ގޮތުގައި ބޭނުންކޮށްގެން ފިހެފައިވާ ރޮށްޓެވެ.

މީގެ އިތުރުން ޕްލެއިން އަކީ އާދައިގެ ރޮށިކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. މިސްޓަރ ރޮށީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަޖްމީ ވިދާޅުވީ މި ރޮށި ޕެކެޓްތަކުގައި ޖުމްލަ 10 ރޮށި ހިމެނޭ ކަމަށެވެ. އަދި އޯޑަރަށް ރޮށި ބޭނުންވާ ފަރާތްތަކަށް ޑެލިވަރީ ކޮށްދޭކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 2 ޕެކެޓް ގަންނަން ބޭނުންނަމަ ޑެލިވަރީގެ ޚިދުމަތް ދޭކަން ނަޖްމީ ފާހަގަކުރިއެވެ.

މިސްޓަރ ރޮށިން ރޮށި އުފައްދަނީ ޚާއްސަ މެޝިންތައް ބޭނުންކޮށްގެންނެވެ. އެގޮތުން މި ތަނުގައި ފުށް މޮޑެ، ފުށުގެ ގުޅަ ހަދައި ފިހަނީވެސް އެކަމަށް ޙާއްސަ މެޝިން ބޭނުންކޮށްގެންނެވެ. އެ ކުންފުނިން މަޢުލޫމާތު ދޭ ގޮތުގައި، މެޝިން ބޭނުން ކުރި ނަމަވެސް، ހުރިހާ މަސައްކަތެއްގައި ދިވެހި މުވައްޒަފުން ހަރަކާތްތެރިވާނެއެވެ.

އެގޮތުން އެ ތަނުގައި ގިނަ އަންހެނުން މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވެއެވެ. ކަލާފާނު ހިނގުމުގައި ހުޅުވާފައިވާ މިސްޓަރ ރޮށިންވެސް ރޮށި ގަންނަން ލިބެން ހުންނާނެކަން އެ ފަރާތުން ފާހަގަކުރެއެވެ. މީގެއިތުރުންވެސް މާލޭގެ އެކި ފިހާރަތަކުން މިސްޓަރ ރޮށީގެ ރޮށި ޕެކެޓް ލިބެން ހުންނާނެއެވެ. 

ނަޖުމީ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހުނި ރޮއްޓާއި، ޝަވަރުމާ ރޮށި އަދި ފްލެޓް ބްރެޑުގެ ގިނަ ވައްތަރުތައް އުފައްދާ ބާޒާރަށް ނެރޭނެ ކަމަށެވެ. މީގެއިތުރުން މިހާރުވެސް އާއްމުންގެ ތަރުހީބު މިސްޓަރ ރޮށްޓަށް ލިބިފައިވާކަން އެ ފެކްޓްރީން ފާހަގަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...