މިއީ ދިވެހިންގެ ޤައުމު!

ދިވެހި ރާއްޖޭގޭ ތާރީޚް ބަލާލާ، ދިރާސާކޮށް ވިސްނާ ފިކުރުކުރުމުން ފެނިގެންދާ އެންމެ ބޮޑު ޙަޤީގަތަކީ ދިވެހިންގެ މިނިވަންކަން ގެއްލިފައިވަނީ އަބަދުވެސް ދިވެހި ހާއިނުންތަކެއްގެ އަމިއްލަ އެދުމާއި، މަކަރުވެރި ރޭވުންތަކުގެ ސަބަބުންނެވެ.

ވެރިކަމަށް ބޫތަ ކާ، ދިވެހިން މަރާ ނީލަމުގައި ދިވެހިން ވިއްކާލައިގެންވެސް ވެރިކަން ހޯދުމަކީ އެބައި މީހުންގެ މަޤުސަދުކަމަށް ވަނީވެފައެވެ. ވެރިކަން ހޯދުމަށް ދިވެހި ޤައުމުން އިސްލާމް ދީން ފޮހެލުމަށްވެސް މި ދެންނެވި އަމިއްލަ އެދުމުން ފުރިފައިވަ ބައިގަނޑު އަބަދުވެސް ތިބެނީ ތައްޔާރަށެވެ. މީގެ އިތުރުން ވެރިކަމުގެ ކޮއިލުގެ އެތެރޭންނާއި ބެރުން އަބަދުވެސް ދިވެހިންގެ ވެރިކަމާއި ކުޅެ އެ ވެރިކަމުގެ ދާނުގައި އޮއްތާލާ ބޮއްތާލާ ހަދަން ބެނުންވާ މީހުން އަބަދުވެސް ވަރަށް ގިނައެވެ. 


މި ކުޑަކުޑަ ޤައުމަށް މިހާރުވެސް ދިމާވެގެން މިއުޅެނީ އެ މުސީބާތްތަކެވެ. މަދު ބައެއްގެ އަމިއްލަ އެދުންތައް ހާސިލްކުރުމަށް މުޅި ދިވެހި ޤައުމު ހަލަބޮލިކޮށްލަން ބަޔަކު މީހުން ކުރާ މަސައްކަތްތައް ވަރަށްވެސް ސާފެވެ. ހިތުގައި ވެރިކަމަށް އޮންނަ އެދުންތައް ހާސިލްކުރުމަށް ތިމާމެން ބިއްލޫރިކޮޅެއްހާ ސާފު ވެގެން ތިބޭ އިރު ތިމާމެންގެ ޙަޤީގަތަކީ ތިޔައީ ނޫންކަން މިއަދު ދިވެހިން ދަންނަން ފަށައިފިއެވެ. ޙައްޤު ހޯދުމަށް ކަމަށް ބުނެ ދިވެހި ޒުވާނުންނަށް ދައްކަނީ ކުޑަގޮޅިއަށް ދާންވީ މަގެވެ. މުޒާހަރާއަށް ގޮވާލުމަށްފަހު ލީޑަރުން ފިލާތިބެ ފުލުހުންނާ ކުރިމަތިލާން ނެރެނީ މައުސޫމް އަންހެން ކަނަބަލުންތަކެވެ. ތިމާމެން ބޭނުންވާ ފޮޓޯގަނޑު ނެގުމަށް އުމުރުން ދުވަސް ވީ މީހުންލައްވާ ގޯސް ހައްދާ އެ މީހާ ހައްޔަރު ކުރާ ވަގުތުގަ ފޮޓޯއެއް ނެގުމުން އެމީހުންގެ މަޤުސަދު ހާސިލްވީއެވެ. އަމިއްލަ އެދުމުން ފޯވިޔަސް ފުކެއް ބޮޑުވަރެވެ. އެހެން ނޫންތޯއެވެ؟


ބަޣާވާތުގެ ޗެޕްޓަރ ތަކުން ދިވެހިންނާއި އެންމެ ފަހުން ބައްދަލުކުރީ ސިޔާސީ ފަރާތްތަކުގެ އަމިއްލަ އެދުންތަކާއި، ރިޝްވަތުގެ ހުތުރު ފައިސާތަކާއި އެކު ސްޕްރީމް ކޯޓުން 01 ފެބުރުއަރީ 2018 ގައި ނެރުނު އަމުރެވެ. ނެރުނު އިރުވެސް ބާޠިލްވާ ގޮތަށް ތައްޔާރުކޮށްފައިވާ މި ރިޝްވަތުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާ އަމުރު ނެރުމުގެ އަޑިގައި ތިބިކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ބައިގަނޑު ތެޅި ފޮޅިގަތެވެ. އަމުރު ތަންފީޒުނުކޮށް ގެއަށް ނުވަންނާނޭ ކަމަށާއި، އެ އަމުރު ތަންފީޒުކޮށް ރައީސް ޔާމީނު ވެރިކަމުން އަޒުލް ކުރާނެކަމަށްވެސް އެއްކަލަ ބައިގަނޑު ގޮވަން ފެށިއެވެ. ދިވެހި ރައްޔިތުންނަށް އަވާ މެންދުރު ތަކެއް ދައްކާ ނަނާ ހުވަފެންތަކެއް ގެ ތެރެއަށް ގަންބާލާ ދިވެހިން ގުނބޯ ހެއްދުމަށް އެ ބައިގަނޑުން ކުރަމުންދާ މަސައްކަތް ތަކުރާރުކުރަން ފެށިއެވެ. 


ތިމަންމެން މިއީ އިސްލާހަށް ނިކުމެ ތިބި ބައެއްކަމަށް ބުނެ ދިވެހި ޤައުމު ހަލަބޮލިކޮށް ރައްޔިތުންނަށް ތުރާކޮށް އުދަނގޫކޮށް ޖެއްސުންކޮށް، މި ދިވެހި ޤައުމަކީ ވަކި ބައެއްގެ މުދާގަނޑަކަށް ހެދުމަށް ބަޔަކު މީހުން ދިޔައީ ތަކުރާރުކޮށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ، ސްޕްރީމް ކޯޓުގެ އަމުރު ވިއްސަން، މަރިޔަމް މާ ހޯދައިގެން ބޯތައްޓަކަށް ލާ ކިޔެވެލި ކިޔަވައިގެން ވެސް އެކަން ކުރާނޭކަމަށެވެ. އިހު ޒަމާނުގައި ވިހަން އުދަގޫވުމުން ކޮށްއުޅެ ހުރަފަތަކުން މިސާލު ނެންގެވިއިރު، މި ބައި މީހުން ދިވެހި ޤައުމު މިލްކުކުރުމަށް ސިހުރު ހާ ހޫރު ނަހަދާނެކަމަށް ބުނަން ދައްޗެވެ. 


އިސްލާޙުގެ މަގުގައި ދިވެހި ޤައުމު ދިޔަ ނުދޭން އިދިކޮޅު އަމިއްލަ އެދުމުން ފުރިފައިވާ ބައިގަނޑު، އެދުވަހު ދެއްކީ މަރިޔަމް މަލެއްގެ ވާހަކައެވެ. މިއަދު އެބައިމީހުންގެ މައުޟޫއު މުޅިން ބަދަލުވެއްޖެއެވެ. ރައީސް ޔާމިނުގެ ވެރިކަން ބަދަލުކޮށްފަ ނޫނީ ގެޔަށް ނުވަންނާނެ ބުނި އެންމެން ދައްކަމުން ދަނީ ހަމަ ރޯ ބުހުތާނު ދޮގުކަން ދިވެހި ރައްޔިތުންނަށް ޔަޤީންވެ ކަށަވަރުވެއްޖެއެވެ. މިބައިމީހުންގެ އަމިއްލަ އެޖެންޑާ ތަންފީޒުކުރުމަށް ޤުރުބާން ކުރެވޭ ރައްޔިތަކަށް ވާކަން މިއަދު ދިވެހި ރައްޔިތުންނެއް ނޭދެއެވެ. 


އަނެއްކާ މިހާރު މި ފެންނަނީ މުޅިން އަ މަންޒަރެކެވެ. އާ މަންޒަރެއް ނަމަވެސް ބިރުވެރި މަންޒަރެކެވެ. މިބައި މީހުން ޖައްސަން އުޅުނު އެއްވެސް ދަންތުރައެއްގަ ނުޖެހި ދިވެހި ޤައުމީ ފުލުހުން ގެ ވާޖިބު އަދާކުރުމުގައި ދެމި ތިބުމުން އެންމެ ފަހުން ދިވެހި ފުލުހުންނަށް ހަމާލާ ދިނުމަށް މިބައިގަނޑު ރަވަމުން ގޮސް އެކަންވެސް ކޮށްފިއެވެ. ދިމާވާ ކޮންމެ ކަމެއްގައި ދިވެހިން ގެ ޚިދުމަތުގައި އަވަދިކަމެއްނެތި އުޅުއްވާ ދިވެހި ފުލުހުންނަށް ހަމަލާ ދިނުމަށް މިރުސް ދިޔަ ޕެކެޓް ތައްޔާރުކޮށް ދަގަނޑުބުރިތައް ރައްކާކޮށްފަ ބަހައްޓަނީވެސް ޤައުމު އިސްލާހު ކުރުމަށްކަމަށް މި ބައިގަނޑު ބުނާނެއެވެ. އާހިރުގައި މި ބައި މީހުންގެ ފަތިފުށް މިއޮތީ ހާމަވެ ނިމިގޮސްފައެވެ. އަނިޔާވެރި ނުވާން ބުނެ އަޑުގަދަ ކުރާ މީހުން ފުލުހުންނަށް އަނިޔާކޮށް ނޫސްވެރިންނަށް ފުރައްސާރަކޮށް، ހަދަނީވެސް އިސްލާހަށް ކަމަށް ބުނެ އަޑު އުފުލަފާނެއެވެ. 


މަރިޔަމް މަލަށް ކިޔވައިގެން އެކަން ނުވުމުން ، މިރުސް ޕެކެޓާއި ދަގަނޑު ބުރިތައް ބެނުން ކުރަން ފަސް ނުޖެހޭ ބައިގަނޑެއް ދިވެހިންނަށް އެދޭނެ އިތުރު ހެޔޮއެދުމެއް ނޯންނާނެއެވެ. އިސްލާމް ދީން މި ޤައުމުން ފޮހެލާ ދީނީ މިނިވަން ކަމަށް ގޮވާލާ ބަޔަކަށް މި ޤައުމުން ދޭން ޖެހޭނެ ޖާގައެއްވެސް ނޯންނާނެއެވެ. ދިވެހިންގެ މިނިވަންކަން ނަގާލާ، ދިވެހިންނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ބަޔަކަށް ދިވެހި ޤައުމީ ފަސްގަނޑުގައި ޙައްޤުތަކޭ ކިޔާފައި ވާހަކަދެއްކުމުގެ ފުރުސަތެއް ނޯންނާނެއެވެ. ދިވެހިންގެ ޤައުމުގައި ފުރުސަތު އޮންނާނީ ދިވެހިވަންތަ ޤައުމީވަންތަ ދިވެހި ދަރިންނަށެވެ. މިއީ ދިވެހިންގެ ޤައުމެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...