އަޑު އިވުމުގައި ދަތިތައް ހުރި ކުދިންގެ ދަތުރު ޅ. އަތޮޅަށް!

ސްޕޯޓްސް ކޯޕަރޭޝަންގެ ފަރާތުން ފުޓްބޯޅަ ފަރިތަކުރުންތައް ބާއްވަމުން އަންނަ އިވުމުން މަހުރޫމް ވެފައިތިބި ކުދިން ޅ. އަތޮޅަށް ދަތުރުދާން ތައްޔާރުވެއްޖެ އެވެ.


ދިވެހިރާއްޖޭގެ ސްޕޯޓްސް ކޯޕަރޭޝަނުން އިންތިޒާމްކޮށްގެން ފެށި ލެޓްސް ޕްލޭ ކެމްޕޭންގެ ދަތުރުގައި އެ ކޯޕަރޭޝަނުން ވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކުޅިވަރުގެ ތެރެއިން ޖާގަ ހޯދައިދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ފަށާފަ އެވެ. އަޑުއެހުމުން މަހުރޫމް ވެފައިވާ ކުދިންނަށް ޚާއްސަކޮށްގެން އެ އެސޯސިއޭޝަނުން ފުޓްބޯޅަ ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދާތާ ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، ލެޓްސް ޕްލޭ ކެމްޕޭންގެ ދަށުން އެ ކޯޕަރޭޝަނުން މިހާރު ވަނީ އަޑު އިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތްތަކެއް ފަށާފަ އެވެ.

ލެޓްސް ޕްލޭ ކެމްޕޭންގެ ދަށުން ސްޕޯޓްސް ކޯޕަރޭޝަނާއި ރާއްޖޭގެ ޑެފް އެސޯސިއޭޝަން ގުޅިގެން ފުރަތަމަ ފުޓްބޯޅަ ފަރިތަކުރުމެއް ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުގަ އެވެ. އޭގެ ފަހުން، ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު ފަރިތަކުރުންތައް ބާއްވަމުން އަންނަ އިރު، ޑެފް އެސޯސިއޭޝަނަށް ނިސްބަތްވާ ކުދިން ވަނީ އެ ހަރަކާތްތަކުގައި ބައިވެރިވާން ފަށާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިންވެސް ކުދިން އަންނަ އިރު، ރިޒޯޓުތަކުގައި މަސައްކަތްކުރާ ފަރާތްތަކުންވެސް އަންނަނީ އެ ހަރަކާތްތަކުގައި ބައިވެރިވަމުންނެވެ.


އާންމު ކުޅެދޭ މީހުންނެކޭ އެއްގޮތަށް، ނުކުޅެދޭ މީހުންނަކީވެސް، ކަންކަން ކުރުމުގައި ޤާބިލްކަން ހުރި ބައެއްކަން ގިނަ ހަރަކާތްތަކުން ފާހަގަ ވާއިރު، ކުޅިވަރުގައި މި ބޭބޭފުޅުންނަށް ފުރުސަތު ނުލިބޭންވީ ކީއްވެތޯ؟ އެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދާ ލެޓްސް ޕްލޭ ކެމްޕޭންގެ ދަށުން އެންމެ ފުރަތަމަ ފެށުނީ އަޑު ނީވޭ ކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ފުރުސަތު ދިނުމަށެވެ. ސްޕޯޓްސް ކޯޕަރޭޝަނުން މައުލޫމާތު ދިން ގޮތުގައި، މިވަގުތަށް ހަމައެކަނި އަޑު އިވުމުން މަހުރޫމް ވެފައިވާ ކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ފުރުސަތު ތަނަވަސްކޮށްދެމުން އައި ނަމަވެސް، ކުރިއަށް އޮތް މުސްތަގްބަލުގައި ލޮލަށް ނުފެންނަ ކުދިންނަށްވެސް ކޮންމެވެސް ކުޅިވަރެއްގެ ތެރެއިން ފުރުސަތު ހޯދައިދޭން ފަށާނެ އެވެ. އަދި އެއީ، އެކުދިން ބޭނުންވާ ކުޅިވަރުގެ ތެރެއިން ކަމަށްވެސް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެ އެވެ. 


ކޮންމެއަކަސް، އަޑުއިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ފުޓްބޯޅައިގެ ތެރެއިން ހޯދައިދިން ފުރުސަތުގެ ތެރެއިން މިހާރު މިވަނީ މުޅިން އާ ދަތުރެއް ފެށިފަ އެވެ. ލެޓްސް ޕްލޭ ކެމްޕޭންގެ ދަށުން ފެށި ހަރަކާތް ފުޅާކުރަމުން ގޮސް، މިހާރު ސްޕޯޓްސް ކޯޕަރޭޝަނުން އަމާޒު ހިފާފައިވަނީ މިކުދިންނަށް ފުޓްބޯޅަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމަށް. ރާއްޖެއިން ބޭރުގައިވެސް އެގޮތަށް އަޑު އިވުމުން މަހުރޫމްވެފައިވާ ގިނަ ޤައުމުތަކެއްގައި ޓީމްތަކެއް އޮތުމާ އެކު، ރާއްޖޭގެ ކުދިންނަށް ބޭރުގެ ޓީމަކާ ވާދަކުރަންވެސް ފުރުސަތު ހޯދައިދިނުމަށް ބޭނުންވާ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން ބުނެ އެވެ. އެ ކޯޕަރޭޝަނުން ބުނީ ރާއްޖެއިން ބޭރުގެ ކޮންމެވެސް ގައުމެއްގެ ނުކުޅެދުންތެރިކަން ހުންނަ ޓީމަކާ ވާދަ ކުރުމަށް ރާއްޖޭގެ ކުޅުންތެރިން ނުކުންނާނެ ކަމަށާއި އޭޕްރީލް ނުވަތަ މެއި މަސް ތެރޭ އެކަން ހަމަޖެހިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް، އޭގެ ކުރިން، ރާއްޖޭގައި ދިވެހި ޓީމަކާ ދެކޮޅަށް އެ ކުޅުންތެރިން ނުކުންނާނެ ކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން މައުލޫމާތު ދެ އެވެ. އެ ކޯޕަރޭޝަނުން ބުނީ މި ހިނގާ މާޗު މަހުގެ ނަވާވީސް ވަނަ ދުވަހު ޓީމް ގޮވައިގެން ޅ. އަތޮޅަށް ކޭމްޕިން ދަތުރެއް ދާނެ ކަމަށެވެ. މި ދަތުރުގައި ޅ. އަތޮޅު ހިންނަވަރުގެ ފުޓްބޯޅަ ޓީމަކާ ދެކޮޅަށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ޓީމް ކުޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. ސްޕޯޓްސް ކޯޕަރޭޝަނުން ބުނީ އެ ހަރަކާތަކީ ޓީމެއް އުފައްދަން ކުރައްވާ މަސައްކަތެއް ކަމަށެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...