ކަރެކްޝަންސް އިން ޤައިދީން ބަލަހައްޓަމުން ގެންދަނީ އިންސާނީ ކަރާމާތާ އިހުތިރާމާއެކު - ކަރެކްޝަންސް

ބަންދުގައި ތިބި ޤައިދީންނާމެދު ކަންތައްކުރަމުން ގެންދަނީ އިންސާނީ ކަރާމާތާއި އިޙްތިރާމާއި އެކު ކަމަށް މޯލްޑިވްސް ކަރެޝަނަލް ސާވިސަސްގެ މީޑިއާ އޮފިސަރ، އަހުމަދު ލުގުމާން ވިދާޅުވެއްޖެއެވެ.


ޗެނަލް ތާޓީން އަށް ދިން އިންޓަވިއުއެއްގައި ލުގުމާން ވިދާޅުވީ، ބަންދުގައި ތިބި ޤައިދީންނާމެދު އިހާނެތިކޮށް ކަންތައްކުރާ ކަމަށްބުނެ މީޑިއާގައި ފަތުރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ޤައިދީންނާމެދު ކަންތައް ކުރަމުން ގެންދަނީ އިންސާނީ ކަރާމާތާއި އިހުތިރާމާއެކު ކަމަށެވެ. 


ޤައިދީންނާ މެދު ލާއިންސާނީ ރަޙުމްކުޑަ ގޮތަކަށް ކަންތައްކުރާ ކަމަށްބުނެ އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު، ދާއިމީ ގޮތުން ހިތުގެ ބައްޔަށް ފަރުވާ ކުރުމަށް ބޭނުންކުރާ ބޭސް ހޮނިހުރު ދުވަހު ހެނދުނު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށާއި ނަމަވެސް އެތަކެތި އިބޫއަށް ފޯރުކޮށްދީފައިނުވާ ކަމަށެވެ. އަދި އާއިލާގެ ފަރާތުން އިބޫއަށް ފޮނުވި އަންނައުނު އިބޫއަށް ނުލިބޭތީ އޭނާ ބޭނުންކުރަމުން އަންނަނީ މި މަހުގެ ސޯޅަވަނަ ދުވަހުގެ މުޒާހަރާގެ ތެރެއިން ޕެޕަރ ސްޕްރޭ ޖަހާފައިވާ އަންނައުނު ކަމަށް އެ ބަޔާނުގައިވެއެވެ. އެމްޑީޕީއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިބޫ ބަހައްޓާފައި ހުންނަ ގޮޅިއަކީ ކޮންމެ ދުވަހަކު ހެނދުނު ނުވައަކުން ތިނެއް ޖަހަންދެން އަވިދޭ ތަނަކަށް ވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނު ގަދަކަމަށެވެ. މިކަމަށް ރައްދުދެއްވާ ވާހަކަ ދައްކަވަމުން ލުގުމާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހައްދަވަނީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ބަންދުގައި ތިބި ޤައިދީންނާމެދު ކަންތައް ކުރަމުން އަންނަނީ އޯގާތެރިކަމާއި އިހުތިރާމާއެކު ކަމަށާ އެފަދަ ވާހަކަތައް މީޑިއާގައި ފަތުރަމުން ގެންދަނީ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަށް ކަމަށް ލުގުމާން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...