އެންޓި ޑިފެކްޝަން ގާނޫނު ތަންފީޒު ނުކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް: ދައުލަތް

ދިވެހިރާއްޖޭގެ ސްޕްރީމްކޯޓް: ފޮޓޯ ޗެނަލް13

އެންޓި ޑިފެކްޝަން ގާނޫނު ތަންފީޒު ނުކުރެވޭނެ ގާނޫނީ އެއްވެސް ހަމައެއް ނެތް ކަމަށް ދައުލަތުން ބުނެފިއެވެ. ދައުލަތުން މިހެން ބުނެފައިވަނީ އެންޓި ޑިފެކްޝަން ގާނޫނު ބާތިލުކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ބޭއްވި އިޖުރާޢީ އަޑުުއެހުމުގައެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސް ކުރި އެންޓި ޑިފެކްޝަން ބިލު ޤާނޫނަކަށްވެފައިވާ އިރު، އެއީ ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ދައުލަތުން ސުޕްރީމް ކޯޓުގައި މިއަދު ވަނީ ރައްދު ދީފައެވެ. އެންޓި ޑިފެކްޝަން ޤާނޫނު ބާތިލުކުރަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މިއަދު ކުރިއަށް ދިޔަ އިޖުރާޢީ އަޑު އެހުމުގައި އިދިކޮޅު ފަރާތްތަކުގެ ވަކީލާ ޝަފާ ޝަރީޕް ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހަތަރު ހާލަތެއް ބުނެފައިވާ ކަމަށާއި އެ ހަތަރު ހާލަތް އޮއްވާ، އިތުރު ހާލަތެއް ގާނޫނެއްގެ ތެރެއިން ގެނެވިގެން ނުވާނެ ކަމަށެވެ. އަދި މާޒީއަށް ރުޖޫއަ ވާ ގޮތަށް ބަލަން ނުޖެހޭ ކަމަށާއި އެއީ ކޮންގެން ނުވާނެ ކަމެއް ކަމަށް ޝަފާ ވިދާޅުވިއެވެ.


ޝަފާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ މާޝާ ލުތުފީ ވިދާޅުވީ އެ ގާނޫނު ބުނާ ގޮތުން މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށް ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި 13 ޖުލައި 2017 ގެ ފަހުން ހިނގާފައިވާ ކަންކަމުގެ މައްޗަށް އެޤާނޫނުގެ ބާރު ހިނގާނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ކަމަށާއި މިހާރު އެ ބިލު ފާސްވެ ގާނޫނަކަށްވި ހިސާބުން އެ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.


މި މައްސަލަ ކޯޓަށް ހުށަހަޅުއްވާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނައީމް އެވެ. އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި 13 އިން ފެށިގެން އޭގައި ބުނާ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެކަން މަޖިލީހަށް އަންގާފައިވާ މެމްބަރުންގެ މައްޗަށް އެ އުސޫލުތައް ހިނގާނެ ކަމަށެވެ. އެ ހާލަތްތަކަކީ މަޖިލީހުގެ މެމްބަރަކު، ޕާޓީގެ ޓިކެޓުގައި އިންތިހާބުވުމަށް ފަހު، ޕާޓީން އަމިއްލަ އަށް ވަކިވުން ނުވަތަ ވަކިކުރުން ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލޭނެ ކަމަށް ބުނާ ހާލަތްތަކެވެ. މި މައްސަލާގައި އިދިކޮޅު ފަރާތުގެ ވަކީލާ އާއި ދައުލަތުގެ ވަކީލާގެ ބަހުސަކަށް ގޮސްފައިވާއިރު، އަންނަ އަންގާރަ ދުވަހު އިތުރު އަޑުއެހުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...