ވަންސްޓޮޕް ވިންޑޯ ސަރވިސް އާއި 24 ގަޑިއިރުގެ އޮންލައިން ސަރވިސް ސީއެސްސީގައި ތަޢާރަފްކުރަނީ

ސިވިލް ސަރވިސް ކޮމިޝަންގެ އަހަރީ ރިޕޯޓް ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަމީން ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ވަންސްޓޮޕް ވިންޑޯ ސަރވިސް އާއި 24 ގަޑިއިރުގެ އޮންލައިން ސަރވިސް މި އަހަރުތެރޭގައި ތަޢާރަފް ކުރެވުމުން ދިވެހި ސިވިލް ސަރވިސް ވެގެންދާނީ މި ސަރަޙައްދުގައި އެންމެ ކުރިއަރާފައިވާ ޤައުމަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ އަހަރީ ރިޕޯޓް ނެރުމަށް އެ ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަންގެ ކުރިމަގަށް ރޭވިފައިވާ ތަރައްޤީގެ ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވީ 2018 ވަނަ އަހަރަކީ ސިވިލް ސަރވިސް މިނިވަން މުސްތަޤިއްލު ޚިދުމަތެއްގެ ގޮތުގައި އުފެދި ހިނގަމުން އަންނަތާ 10 އަހަރު ފުރޭ ތާރީޚީ އަހަރު ކަމުން އެ މުއައްސަސާއިންވަނީ މިކަން ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ސިވިލް ސަރވިސްގެ އިދާރާތަކުގެ މެދުގައި ގިނަ ކަންތައްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.


އަދި ދިވެހި ސިވިލް ސަރވިސް އަކީ މައިގަނޑު ގޮތެއްގައި މަސައްކަތް ޑިޖިޓަލައިޒްކޮށްގެން ސާރކްގެ ޤައުމުތަކުގައި ހިންގޭ ހަމައެކަނި ޤައުމު ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ވަރަށް އަވަހަށް ވަންސްޓޮޕް ވިންޑޯ ސަރވިސް އާއި 24 ގަޑިއިރުގެ އޮންލައިން ސަރވިސް މި އަހަރުގެ ތެރޭގައި ތަޢާރަފް ކުރެވުމުން ދިވެހި ސިވިލް ސަރވިސް ވެގެންދާނީ މި ސަރަހައްދުގައި އެންމެ ކުރިއަރާފައިވާ ޤައުމަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ ދިވެހި ސިވިލް ސަރވިސް ކުރިއަރުވައި ތަރައްޤީ ކުރުމުގެ ގޮތުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ބޭނުން ބޮޑަށް ހިފައި، މުވައްޒަފުން ހުނަރުވެރި ޤާބިލް ބަޔަކަށް ހެދުމަށް ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިއަހަރު ބޭއްވޭ ސިވިލް ސާރވިސްގެ 3 ވަނަ ކޮންފަރެންސްގެ ޝިއާރަކަށް ސިވިލް ސަރވިސް ރިފޯމިންގ އެންޑް މޮޑަނައިޒިންގ، ކަނޑައަޅައި ސިވިލް ސަރވިސް އިސްލާހްކޮށް ޒަމާނީ ކުރުމަށް ދިރާސާތަކެއް ކުރެވި މި ކޮންފަރެންސްގައި މަޝްވަރާ ކުރުމަށް ރޭވިފައި ވާކަމަށެވެ. މީގެއިތުރުން ކުރިމަގަށް ރޭވިފައިވާ އިތުރު މުހިއްމު ކަމަކަށް އަލިއައްޅުވާލައްވަމުން ޝަމީމް ވިދާޅުވީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގައި ދިރާސާ ކުރުމާ ފަންނީ ލަފާދިނުމުގެ ޤާބިލްކަން އިތުރު ކުރުމަށް ލައިބްރަރީއެއް މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ޤާއިމް ކުރެވޭނެ ކަމަށެވެ. އަދި ކޮމިޝަންގެ ބަޖެޓަށް އިތުރު ޢާމްދަނީ ހޯދުމުގެ ގޮތުން ކޮމިޝަންގައި ޤާއިމް ވެފައިވާ ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށްވެސް އިތުރު ހަރަކާތްތަކެއް މިއަހަރު ހިންގުމަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ.

ދިވެހި ސިވިލް ސަރވިސްއަކީ ސާރކް ގައި ހިމެނޭ 8 ޤައުމުގެ ތެރެއިން ނިސްބަތުން އެންމެ މުސާރަޔާ އިނާޔަތްތައްވެސް ބޮޑު ކޮށްދެވޭ ޤައުމު. ސިވިލް ސަރވިސް ކޮމިޝަންގެ އަހަރީ ރިޕޯޓްގައި އެ މުއައްސަސާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ސަރުކާރުން ދެއްވާ ފުރިހަމަ އެއްބާރުލުން ފާހަގަކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...