އެންޓި ޑިފެކްޝަން ބިލް އިސްލާހްތަކާއި އެކު ފާސްކޮށްފި

ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ކަނޑައަޅާފައިވާ ބާރަ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް އެންޓި ޑިފެކްޝަން ބިލް މަޖިލީހުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަހްމަދު ނިހާން ހުސައިން މަނިކް ހުށައަޅާފައިވާ އެންޓި ޑިފެކްޝަން ބިލް ފާސްވެފައިވަނީ 36 މެމްބަރުންގެ ވޯޓާއެކުއެވެ.


އެންޓި-ޑިފެކްޝަން ބިލުގައި ރާއްޖޭގައި ހިންގަމުންދާ މަލްޓި ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓިއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވުމަށްފަހު، އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފިނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެނަމަ، ގޮނޑި ގެއްލޭ ހާލާތްތަކުގައި ބައި އިލެކްޝަން ބޭއްވުމާއި ގުޅޭ އުސޫލްތަކާއި އިޖުރާއަތްތައް ބަޔާންކޮށްފައިވެއެވެ.

7 މައްދާއާއި އެކު އެކުލަވާލާފައިވާ އެންޓި ޑިފެކްޝަން ޤާނޫނުގެ 2 ވަނަ ބާބު ގައި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވާނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން މި ޤާނޫނުގެ 3 ވަނަ މައްދާގައި މި ހާލަތްތައް ވަނީ ބަޔާންކޮށްފަ. މި މައްދާގައި މިލާދީން 13 ޖުލައި 2017 ވަނަ ދުވަހުން ފެށިގެން މި މައްދާގައި ބަޔާންކޮށްފައިވާ ހާލަތެއް މެމްބަރަކަށް މެދުވެރިވެއްޖެ ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ބަޔާންކޮށްފައިވާ ހާލަތްތަކަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުން މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކުރުން، ނުވަތަ ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުން މަޖިލީހަށް އިންތިހާބުވުމަށް ފަހު އެ އިންތިހާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީގެ މެމްބަރުކަމުން އަމިއްލައަށް ވަކިވުން، އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވުމަށް ފަހު އެ އިންތިޚާބުވި ދައުރުގެ ތެރޭގައި އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުން ހިމެނެއެވެ.

އަދި ޤާނޫނުގެ 2 ވަނަ މައްދާގެ (ރ) ގައި ބުނެފައިވާގޮތުން ވަކި ޕާޓީ އަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް ވާދަކޮށް މެމްބަރަކަށް ވުމަށްފަހު، އެ މެމްބަރު އިންތިޚާބުވި ދައުރުގެ ތެރޭގައި، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ވުމަށްފަހު އެ މެމްބަރު ގުޅޭ ޕާޓީގެ މެމްބަރު ކަމުން ވަކި ކުރުމާއި، ޕާޓީގެ މެމްބަރު ކަމުން އަމިއްލައަށް ވަކިވުން އަދި އެހެން ޕާޓީއެއްގެ މެމްބަރަކަށް ވުން ހިމެނެއެވެ.

މި ޤާނޫނުގެ ތިން ވަނަ ބާބުގައި ވަނީ މެމްބަރުންގެ ގޮނޑި ހުސްނުވާ ހާލަތްތައް ބަޔާންކޮށްފައެވެ. އެގޮތުން ހިމެނޭ ހާލަތްތަކަކީ ވަކި ޕާޓީއަކަށް ނިސްބަތްނުވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ވާދަކޮށްގެން މިނިވަން މެމްބަރެއްގެ ގޮތުގައި އިންތިޚާބް ވުމަށްފަހު، ސިޔާސީ ޕާޓީއަކާއި ގުޅުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއެއްގެ ވިޕް ލައިނާއި ޚިލާފްވުމާއި މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އެ މެމްބަރަކާއި މެދު ސުލޫކީ ފިޔަވަޅު އެޅުމެވެ.


މި ޤާނޫނަށް އަމަލު ކުރަން ފެށުމާއި އެކު ސިޔާސީ ޕާޓީ ތަކުގެ ޤާނޫނުގެ 17 ވަނަ މައްދާގެ (ބ) އުވިގެން ދާނެ ކަމަށް މި ޤާނޫނުގައިވެއެވެ. މި ގާނޫނުގެ (ބ) ގައި ބުނެފައިވަނީ ޤާނޫނު އަސާސީއާއި ޤާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ބާއްވާ އިންތިހާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކި ކުރި ކަމުގައި ވިޔަސް އެ މީހަކު އިންތިޚާބުވެފައިވާ މަޤާމުގައި ދެމި ހުންނާނެ ކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ މި މައްދާ އުވާލަނީ އެ މައްދާއާއި އެންޓި ޑިފެކްޝަން ބިލާއި ތަޢާރަޒް ވާތީއެވެ. މި ބިލް ފާސްވުމާއި ގުޅިގެން މިހާރު ގޮނޑި ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ބާރަ މެމްބަރުންގެ ގޮނޑިވެސް ގެއްލިގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...