ސީރިޔާގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް އ.ދ އިން ގޮވާލައިފި

ސީރިއާގައި ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް އެގައުމު ރައްޔިތުން މަސައްކަތް ކުރަނީ

ސީރިޔާގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް އދ. ގޮވާލައިފިއެވެ.

ރަޝިޔާ އަދި ސީރިޔާގެ ސިފައިން އެގައުމުގެ އިރުމަތީ ޣޫޠާއަށް ހުއްޓުމެއްނެތި ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން އެ އަވަށުގެ އެތައް ބަޔަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވަމުން ދާއިރު އެތައް ރައްޔިތުންނެއް ވަނީ ހާލުގައި ޖެހިފައެވެ. މި ހަމަލާތައް މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސް ފައިވާއިރު މިހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ ބޮޑެތި ޤައުމުތަކުން ދަނީ ގޮވާލަމުންނެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ހަނގުރާމަވެރިންގެ ބާރު ދަށުގައި އޮތްނަމަވެސް ސީރިޔާގެ ސިފައިން ހިސާރު ކޮށްފައިވާ ޣޫޠާގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަކި ވަގުތު ތަކެއްގައި ހަމަލާތައް ހުއްޓާލުމަށް ގޮވާލި ނަމަވެސް ސީރިޔާގެ ސިފައިންނާއި އަދި ރަޝިޔާއިންވެސް އެއްވެސް ވަރަކަށް އިޖާބަ ދީފައިނުވާކަން ފާހަގަކޮށްލެވެއެވެ.
 
ސީރިޔާ އަދި ރަޝިޔާއިން ގުޅިގެން ޣޫޠާއަށް ހަމަލާތަކެއް ދީ އެތައް ބަޔަކު މަރަމުންދާއިރު އިއްޔެ ދިން ހަމަލާތަކެއްގައި ވެސް ސާޅީހަށްވުރެ ގިނަ އާންމުން މަރުވެފައިވެއެވެ. މިހަމަލާތަކާއި ގުޅިގެން އެމެރިކާއިން ބުނެފައިވަނީ ސީރިޔާ އަދި ރަޝިޔާގެ ސިފައިން ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް އެއްވެސް ވަރަކަށް އިޖާބަނުދީ ހަމަލާތައް ދެމުންގެންދާނަމަ އެމެރިކާއިންވެސް ހަމަލާދޭން ޖެހިދާނެކަމަށެވެ. އެމެރިކާއިން މިހެން ބުނުމާއި ގުޅިގެން އދގެ ސެކެރެޓަރީ ޖެނެރަލް ވަނީ ސީރިޔާގައި ހިސާރު ކޮށްފައިވާ ޣޫޠާގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަށް ހުއްޓުވުމަށް ޔޫއެންގެ ސެކިޔުރިޓީ ކައުންސިލް މެމްބަރުންނަށް ގޮވާލާފައެވެ.

ސީރިޔާއަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުން ކާމިޔާބު ވެފައި ނުވަނީ ރަޝިޔާގެ ސަބަބުން ކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އެގޮތުން އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައިވާ ސަފީރު ނިކީ ހެލީ ވިދާޅުވެފައިވަނީ ރަޝިޔާއިން އެމީހުންގެ ވެފައިވާ އެއްބަސްވުމާއި ޚިލާފްވާތަން ފެންނަން ފަށާފައިވާކަމަށެވެ. އެގޮތުން އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވަނިކޮށް ހަމަލާތައް ދޭން ފެށުމުން އެނގިގެންދަނީ ރަޝިޔާއަށް އެމީހުންގެ ބަހުގައި ހިފެހެއްޓިފައިނުވާކަން ކަމަށް ނިކީ ވިދާޅުވިއެވެ.
.
އަދި މިއަދު ސީރިއާގެ ސިފައިން ޣޫޠާގެ ސްކޫލުތަކާއި ސިއްޙީ ޚިދުމަތްދޭ ހޮސްޕިޓަލުތަކާއި ކްލިނިކުތަކާއި އެމްބިއުލާންސްތަކަށް ހަމަލާދީ މީހުން ދިރިއުޅެމުންދާ އަވަށްތަކަށް ހަމަލާ ދެމުންދާއިރު އެކަންތައް ރަޝިޔާއިން ނުހުއްޓުވަނީ ކީއްވެތޯ އޭނާވަނީ ސުވާލުކުރައްވާފައެވެ.
 
ހަނގުރާމަވެރިންގެ ބާރުގެ ދަށުން ޣޫޠާ އަތުލުމަށް ކަމަށްބުނެ ރަޝިޔާ އަދި ސީރިޔާ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ އަވަށުގެ އެތައް ސަތޭކަ އާއްމުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ. އަނިޔާވެރިކަމާއި ބަނޑުހައި ހޫނު ކަމުގައި އެތައް ކުދިންނެއް މަރުވަމުންދާއިރު މިކަންތައްތަކުން ސަލާމަތްވުމަށް އެ އަވަށް ދޫކޮށް ދާން ބޭނުންވާ ފަރާތްތައްވެސް ޙަމަލާތަކުގެ ސަބަބުން ވަނީ އެ އަވަށުގައި ތާށިވެފައެވެ. ދާދި ފަހުން އދ. އިންވަނީ އެ އަވަށަށް 46 ޓްރަކްގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އިންސާނީ އެހީވެސް ފޯރުކޮށްދީފައެވެ. ނަމަވެސް އެއީ ހަތަރުލައްކައަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅޭ ޣޫޠާގެ އެއްމެ 27،000 ރައްޔިތުންނަށް ފުދޭ ވަރުގެ އެހީއެއްކަމަށް އދ. ން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...