ރޮހިންޔާ ފަންޑަށް ލިބުނު ފައިސާ ވަނީ ބޭންކާ ހަވާލުކުރެވިފަ، އެ ފައިސާއަށް ޚިޔާނަތްތެރިއެއް ނުވަން: ޑރ. ޒިޔާދު

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދު

ރޮހިންޔާ ފަންޑަށް ޖަމާކުރެވުނު ފައިސާ އޭގެ ހައްޤުވެރިންނަށް ފޮނުވުމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބޭންކް އޮފް މޯލްޑިވްސް އަށް ލިއުމަކުން އަންގާފައިވާކަމަށާއި މިއިން އެއްވެސް ފައިސާއެއް އެއްވެސް އިރަކު ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް ޖަމާކުރެވިފައި ނުވާނެ ކަމަށް އިސްލާމިކު މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

ރޮހިންޔާގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެއްކުރި ފައިސާއަށް ވީނުވީއެއް ނޭނގިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ދޮގު ކުރައްވާ ޗެނަލް 13އަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ބާޤިރު ވިދާޅުވީ ފަންޑު ފޮއްޓާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ބަޔަކު އަޑީގައި ތިބެ ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ރޮހިންޔާ ރައްޔިތުންނަށް އެހީވުމަށް ފައިސާ އެއްކުރުމަށް ހިންގި ހަރަކާތަކީ ހަމައެކަނި އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫން ކަމަށާއި، މިހަރަކާތުގައި ގިނަ ބަޔަކު ބައިވެރިވެފައިވާކަމަށެވެ. އަދި އެ ހަރަކާތް ކުރިއަށް ގެންދިޔަ ގޮތާއި ފައިސާ ޖަމާކުރެވުނު ގޮތްތައް މީޑިއާ މެދުވެރިކޮށް ވަގުތުން ވަގުތަށް ކިޔާދެވިފައިވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ ރޮހިންޔާގެ ފަންޑަށް އެއްކުރެވުނު ފައިސާ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގެ އެކައުންޓަކަށް ޖަމާވެފައިނުވާނެ ކަމަށެވެ. އެގޮތުން ފައިސާ ގުނުމުގެ ކަންތައްތައް މީރާގެ މުވައްޒަފުން މެދުވެރިކޮށް ކުރިއިރު، ފައިސާ ޖަމާކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަކަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ގާއިމް ކުރެވުނު ފަންޑު ފޮއްޓަށް ލިބިފައިވަނީ 18.1 މިލިއަން ދިވެހި ރުފިޔާ ކަމަށާއި، މީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ފަންޑަށް ލިބުނު ފައިސާއާއި އެކި އެކި ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުން ފަންޑަށް ދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެންނެވި ފައިސާވެސް ހިމެނޭ ކަމަށެވެ. މީގެއިތުރުން އެކި ފަރާތްތަކުން ފަންޑަށް ދޭން ވަޢުދުވި ފައިސާ ހޯދައި ފަންޑަށް ޖަމާކުރުމަށް ދިގުމުއްދަތެއް ވަންދެން މަސައްކަތް ކުރަން ޖެހެނު ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ފަންޑު ފޮއްޓަށް ލިބިފައިވާ ފައިސާ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި ފައިސާގެ ހައްޤުވެރި ފަރާތަށް ފޯރުކޮށްދެވޭނެކަން ސަރުކާރުން ކަށަވަރުވެސް ކުރާނެ ކަމަށެވެ. އެހެންކަމުން މިފަދަ ވާހަކަތައް ދެއްކުމުގެ ކުރިން ކަމުގެ ހަޤީގަތް ބެލުމަށްފަހު ޒިންމާދާރު ކަމާއެކު ޚަބަރު ފެތުރުމަށް ހުރިހާ ފަރާތްތަކަށް މިނިސްޓަރ ވަނީ ގޮވާލައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...