ރޮހިންޔާ ފަންޑަށް ލިބުނު ފައިސާ ވަރަށް އަވަހަށް ފޮނުވާނެ: އިސްލާމިކް މިނިސްޓްރީ

ރޮހިންޔާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި ކުރިއަށް ގެންދިޔަ ފަންޑަށް ލިބުނު ފައިސާ އޭގެ ޙައްޤުވެރި ފަރާތްތަކަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތް ނިމިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. 

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ ރޮހިންޔާގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އެއްކުރި ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ، ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރު ދޮގު ކުރައްވާ ނެރުނު ނޫސްބަޔާނެއްގައެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ރޮހިންޔާގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމަށް ފައިސާ ހޯދުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތަކަށް ލިބުނު ފައިސާއާއި މެދު ސުވާލު އުފެދޭ ގޮތަށް ބައެއް ނޫސްތަކުގައި ޚަބަރު ގެނެސްދެމުން ގެންދާކަމަށެވެ.

އެގޮތުން ރޮހިންޔާ ފަންޑަށް ފައިސާ ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިމުމަށް ފަހު މީޑިއާތަކާއި ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބައެއް ނޫސްތަކުގެ ޙަބަރުގައި ރިޢާޔަތްކޮށްފައި ނުވާކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ. މީގެއިތުރުން ބައެއް ނޫސްތަކުން ޙަބަރު ގެނެސްދީފައިވާއިރު، ފޮރިން މިނިސްޓްރީއާއި ހަވާލާ ދެއްވާފައިވާ ދެއްވުން އެ މިނިސްޓްރީން ދޮގު ކުރައްވާފައިވާތީ އެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ސަރުކާރުގެ ފަރާތުން ކުރިއަށް ގެންދިޔަ ހަރަކާތުން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ޤާއިމް ކުރެވުނު ފަންޑު ފޮއްޓަށް ލިބިފައިވަނީ 18.1 މިލިއަން ދިވެހި ރުފިޔާ ކަމަށާއި، މީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ފަންޑަށް ލިބުނު ފައިސާއާއި އެކި އެކި ވިޔަފާރިވެރިންނާއި ކުންފުނިތަކުން ފަންޑަށް ދެއްވާނެ ކަމަށް ވަޢުދުވެ ވަޑައިގެންނެވި ފައިސާވެސް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން އެކި ފަރާތްތަކުން ވަޢުދުވި ފައިސާތައް ހޯދައި ފަންޑަށް ޖަމާ ކުރުމަށް ދިގުމުއްދަތެއް ވަންދެން މަސައްކަތް ކުރަން ޖެހުނު ކަން މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. 

އިސްލާމިކް މިނިސްޓްރީން ބުނީ މި ފަންޑު ފޮއްޓަށް ލިބިފައިވާ ފައިސާ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން މި ފައިސާގެ ޙައްޤުވެރި ފަރާތަށް ފައިސާ ފޯރުކޮށްދެވޭނެކަން ކަށަވަރު ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން އަރުވާކަމަށް ހާމަކޮށްފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...