ޑޭވިސް ކަޕާއި ފެޑް ކަޕްގައި ވާދަކުރުމަށް ޓެނިސް ކުޅުންތެރިން ލަންކާ އަށް

މިއަހަރުގެ ތެރޭ ބާއްވަން ހަމަޖެހިފައިވާ ޑޭވިސް ކަޕާއި ފެޑް ކަޕްގައި ވާދަކުރުމަށް ސޯޅަ އަހަރުން ދަށުގެ ގައުމީ ޓެނިސް ކުޅުންތެރިން އަވައްޓެރި ސްރީ ލަންކާއަށް ގޮސްފިއެވެ.


ރާއްޖޭގެ ފަރާތުން އެ ދެ މުބާރާތުގައި ވާދަކުރުމަށް ލަންކާއަށް ގޮސްފައި ވަނީ ޖުމްލަ ހަ ކުޅުންތެރިއަކާއި ކުޅުންތެރިންނާ ހަވާލުވެ ހުންނެވި ކޯޗުންނާއި މެނޭޖަރުންނެވެ. ޖުމްލަ ތިން އަންހެން ވާދަވެރިންނާއި ދެ ފިރިހެން ވާދަވެރިން ހިމެނިގެން ފުރި އެތުލީޓުންގެ ކޯޗެއްގެ ގޮތުގައި ނޭޕާލްގެ ކުމާރު އަދިކާރީ ހަރަކާތްތެރިވާ އިރު، ޓީމްގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މުޙައްމަދު ހާނިމްއެވެ. 


ކުޅުންތެރިން ފުރުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން ޓީމްގެ މެނޭޖަރު މުޙައްމަދު ހާނިމް ވިދާޅުވީ، މިއީ ބައިނަލްއަޤްވާމީ ގޮތުންވެސް ނަން މަޝްހޫރު ފެޑް ކަޕާއި ޑޭވިސް ކަޕަށް ކޮލިފައިވުމަށް، ރާއްޖޭގެ ޓެނިހުގެ ތާރީޚުގައިވެސް ދިވެހި ކުޅުންތެރިންތަކަކަށް ލިބުނު ފުރަތަމަ ފުރުސަތު ކަމަށާއި، ނަމަވެސް، މިފަހަރު ވާދަކުރާނީ ތަޖުރިބާ ހޯދަން ނޫން ކަމަށެވެ. އެއާ ޚިލާފަށް، އޭނާ ވިދާޅުވީ، ބޭނުންވަނީ ކުޅުންތެރިންގެ މަސައްކަތުން މުބާރާތަށް ކޮލިފައިވެ، މުޅި ދުނިޔޭގެވެސް ގިނަ ބައިވެރިންތަކެއް ވާދަކުރާ މުބާރާތުން ދިވެހި ބައިވެރިންނަށް ފުރުސަތު ހޯދައިދޭން ކަމަށެވެ.


ރާއްޖޭގެ ކޯޗު ކުމާރު އަދިކާރީ ބުނީ ކޮލިފައިންގައި ކުރިއަށް ދިޔުމުގެ ފުރުސަތު ރާއްޖެއަށް ބޮޑު ކަމަށާއި އެ މުބާރާތުގައި ރާއްޖެއާ އެއް ފެންވަރެއްގެ ޤައުމުތަކެއް ވާދަކުރުމަކީ ލިބޭ ހިތްވަރެއް ކަމަށެވެ. އޭނާ ބުނީ، ރާއްޖެއާ އެއް ފެންވަރެއްގައި އޮތީ މޮންގޯލިއާ، ކެމްބޯޑިއާ، ބޫޓާން ފަދަ ޤައުމުތައް ކަމަށެވެ. އަދި ރާއްޖޭގެ ކުޅުންތެރިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރި ފަރިތަކުރުންތަކުގެ ސަބަބުންވެސް، ކުރިއަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ކޯޗު ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...