މަހަކަށް ފަހު ސީރިއާގެ އިރުމަތީ ޣޫތާއަށް އެހީގެ ތަކެތި ފޯރުކޮށްދީފި

ޣޫތާ އަށް އެހީގެ ތަކެތި ފޯރުކޮށްދީފި

ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ސީރިއާގެ އިރުމަތީ ޣޫތާގެ ރައްޔިތުންނަށް ތިބީ އެހީއަކަށް އިންތިހާއަށް ބޭނުންވެފައެވެ. ސީރިއާ އާއި ރަޝީޔާގެ ސިފައިން އެސަރަހައްދަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެހީ ފޯރުކޮށްދޭ އުޅަދުތަކަށް އެހިސާބަށް ދެވޭ ގޮތް ވަނީ ނުވެފައެވެ. ނަމަވެސް ޣޫތާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭ އުޅަނދުތައް މިހާރުވަނީ އެސަރަހައްދަށް ވާސިލްވެފައެވެ.

އުނދަގޫތަކާއެކު ސީރިއާގެ ސިފައިންގެ ޗެކް ފޮއިންޓްތައް ފަސްދީ އެހިސާބަށް 46 އުޅަދެއް އެހީއާއެކު ވަދެފައިވާއިރު އޭގެ ތެރޭގައި ހިމެނޭ ބައެއް މެޑިކަލް ތަކެތި ވަނީ ސީރިއާގެ ސިފައިން ހިފަހައްޓާފައެވެ.

ޣޫތާގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުންވެފައިވާ އެހީ އެ ސަރަހައްދަށް ފޯރުކޮށްދީފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ކޮންމެހެން ބޭނުންވެފައިވާ ބައެއް ބޭހާއި އޮފަރޭޝަން ކުރުމަށް ބޭނުންވާ ބައެއް ސާމާނާއި، 5500 ދަބަހުގެ ކާނާއި ފުށުގެ ބާވަތްތަކެވެ.

އިންޓަރނޭޝަނަލް ކޮމިއުނިޓީ އޮފް ރެޑް ކޮރޮސް އިން ބުނެފައިވަނީ މިއީ ޣޫތާގައި ދިރިއުޅޭ ހަތަރުލައްކަ ރައްޔިތުންގެ ތެރެއިން އެންމެ 27،000 މީހުންނަށް ފުދޭ ވަރުގެ އެހީއެއް ކަމަށެވެ. އަދި މިތަކެތި އުޅަނދުތަކުން ބޭލުމަށް ވެސް އެތައް ގަޑިއިރެއް ނަގާނެ ކަމަށް އެހީގެ ތަކެއްޗާއެކު ޣޫތާއަށް ދިޔަ އ.ދ. ގެ އޮފިޝަލާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.

ޑަބްލިއު.އެޗް.އޯ. ގެ އޮފިޝަލަކާއި ހަވާލާދީ އަލްޖަޒީރާގައި ބުނެފައިވަނީ އެހީއާއެކު ގެންދިއަ މެޑިކަލްތަކެތީގެ ތެރޭގައި ހިމެނޭ ބައެއްތަކެތި ނެގުމަށް ސީރިއާގެ ސަރުކާރުން އަމުރުކުރުމާއި ގުޅިގެން އެތަކެތި ނަގާފައިވާ ކަމަށެވެ.

އެގޮތުން އެހީއާއެކު ގެންދިއަ މެޑިކަލް ތަކެތީގެ 70 އިންސައްތަ ސަރުކާރުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. ސިފައިން ހިފަހައްޓާފައިވާ ތަކެތީގެ ތެރޭގައި ކުއްލި ހާލަތުގައި ބޭނުންކުރާ މެޑިކަލް ތަކެއްޗާއި ސާޖިކަލް ކިޓާއި އިންސިއުލިން ކިޓް ފަދަ ތަކެތި ހިމެނެއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން އިރުމަތީ ޣޫތާއަށް ސީރިއާ އަދި ރަޝީއާގެ ސިފައިން މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން 700 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...