ދިހަ އަހަރަށް ފަހު ރެއާލް މެޑްރިޑް އަތުން އެސްޕަންޔޯލް މޮޅުވެއްޖެ

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ރެއާލް މެޑްރިޑްގެ ގޯލު ފޫއަޅުވާލާ އެ ޓީމްގެ މައްޗަށް ދިހަ އަހަރު ފަހު، ފުރަތަމަ ފަހަރަށް އެސްޕަންޔޯލް ކުރިހޯދައިފިއެވެ.


ސްޕޭނުގެ ލީގުގައި ރޭ ކުޅުނު އެ މެޗާ ކުރިމަތިލި އިރު ރެއާލް މެޑްރިޑް ވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެވެ. ރޭގެ މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ބައެއް ކުޅުންތެރިނާއި ނުލައި ރެއާލް މެޑްރިޑުން ދަނޑުމައްޗަށް ނުކުތް އިރު، އެ ޓީމްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިފައެއް ނުވެއެވެ. މެޗު ނިމެން ކައިރިވެފައިވަނިކޮށް، މެޑްރިޑްގެ އެންމެ މުހިންމު ޑިފެންޑަރު ސާޖިއޯ ރާމޮސް، ސްޓްރައިކަރެއްގެ މަގާމަށް ކުޅުނުތަން ފެނިގެން ދިޔައިރު، އެސްޕަންޔޯލްގެ މޮރޭނޯ ވަނީ ފަހު ވަގުތުކޮޅު ސާޖިއޯ ގާސިއާ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗުގެ ތިން ޕޮއިންޓް ހޯދާފައެވެ. 


ރެއާލް މެޑްރިޑާ ދެކޮޅަށް އެސްޕަންޔޯލް އެންމެ ފަހުން ކުޅުނު 22 މެޗުގެ ތެރެއިން އެއްވެސް މެޗަކުން އެ ޓީމަށް މޮޅެއް ލިބިފައި ނުވާއިރު، މެޑްރިޑާ އެއްވަރު ކުރެވިފައިވަނީ އެންމެ ތިން ފަހަރުކަން ފާހަގަކޮށްލެވެ އެވެ. ރޭގެ މެޗުގެ ކުރިން އެސްޕަންޔޯލް އަށް މެޑްރިޑް އަތުން މޮޅުވެވުނީ 2007 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމްގެ ގޮތުގައި އޮތް މެޑްރިޑް އޮތީ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާގެ 14 ޕޮއިންޓް ފަހަތުން ތިންވަނައިގައެވެ. ރެއާލް މެޑްރިޑަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...