ވިގަން އަތުން ބަލިވެ، މެންޗެސްޓަރ ސިޓީ އެފްއޭ ކަޕުން ކަޓައިފި

އިނގިރޭސީ އެފްއޭކަޕުގައި އިނގިރޭސީ ދެވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ވިގަން އެތްލެޓިކް އަތުން ބަލިވެ، މެންޗެސްޓަރ ސިޓީ އެ މުބާރާތުން ކަޓައިފިއެވެ.

ވިގަންގެ އަމިއްލަ ދަނޑުގައި ކުޅުނު އެފްއޭ ކަޕުގެ ފަސްވަނަ ބުރުގެ މި މެޗުގައި ގިނަ އިރު ބޯޅަ ހިފަހައްޓައި، ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ހޯދާފައިވަނީ ސިޓީއިންނެވެ.

އެގޮތުން މެޗުގެ ޕޮސެޝަނަށް ބަލާއިރު 83 އިންސައްތަ ސިޓީއަށް ލިބިފައިވާއިރު، ވިގަންއަށް ލިބިފައިވަނީ އެންމެ 17 އިންސައްތައެވެ. އަދި މުޅި މެޗުގައި ސިޓީއިން 29 ޝޮޓު ހަދާފައިވާއިރު، އޭގެ ތެރެއިން ވިގަންގެ ގޯލާ އަމާޒުވެފައިވަނީ އެންމެ ފަސް ޝޮޓެވެ. މި މެޗުގެ ހަމައެކަނި ގޯލު މެޗުގެ 79 ވަނަ މިނެޓުގައި ވިގަންއަށް ކާމިޔާބުކޮށްދިނީ ވިލް ގްރިގްއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނިކޮށް ސިޓީގެ ފަބިއަން ޑެލްފް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑެއް ދައްކާ، ދަނޑުން ފޮނުވާލާފައެވެ. މި ކާޑު ދެއްކުމާއެކު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާއި އެ ޓީމުގެ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މި ހިތްހަމަނުޖެހުމުގެ ތެރޭގައި ގާޑިއޯލާއާއި ވިގަންގެ މެނޭޖަރު ޕޯލް ކުކްއާއި ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ވަނީ ބަދަލުކޮށްފައެވެ. އަދި ހާފް ޓައިމްގައި ގާޑިއޯލާ އާއި ކުކްގެ ދެބަސްވުން އިތުރަށް ހޫނުވުމާއެކު ދެ ޓީމުގެ އޮފިޝަލުން ވަނީ ހަމަނުޖެހުމެއް ހިނގުމުގެ ކުރިން އެ ދެމީހުން ދުރުކޮށްފައެވެ. މި ކާޑާއި ގުޅޭގޮތުން ގާޑިއޯލާ ހިތްހަމަ ނުޖެހުނު ނަމަވެސް، މެޗަށް ފަހު އޭނާ ބުނީ ރެފްރީގެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ.

މީގެ އިތުރުން މެޗު ނިމުމަށްފަހު، ވިގަންގެ ސަޕޯޓަރުން އުފާފާޅު ކުރަން ގަވައިދާ ޚިލާފަށް ދަނޑަށް އަރާ އުޅުމުގެ ތެރޭގައި ސިޓީގެ ސަރޖިއޯ އަގުއޭރޯ ވަނީ ވިގަންގެ ސަޕޯޓަރަކަށް ހަމާލާދީފައެވެ. އަގުއޭރޯ ވިގަންގެ ސަޕޯޓަރަކަށް ހަމަލާދީފައިވަނީ އޭނާއަށް ހަމަލާ ދިނުމުން ކަމަށް ސިޓީއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަ މިހާރު އެފްއޭއަށް ހުށަހަޅާފައިވާއިރު، ވިގަންގެ މެނޭޖްމަންޓުން ވަނީ އެ ޓީމުގެ ސަޕޯޓަރުން މެޗު ނިމުނު ފަހުން ދަނޑަށް އެރިއެރުން ކުށްވެރިކޮށްފައެވެ.

ސިޓީ ބަލި ކުރުމަށްފަހު އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓަރ ފައިނަލަށް ވިގަން އެތްލެޓިކް ދަތުރު ކޮށްފައިވާއިރު، މިއީ އެފްއޭ ކަޕުގައި ސިޓީއާއި ވިގަންގެ ކުރިމަތިލުންތަކުން ވިދިވިދިގެން ސިޓީ ބަލިވި ތިންވަނަ ފަހަރެވެ. އެގޮތުން 2013 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ސިޓީ ބަލިކޮށް، ވިގަން ތަށި އުފުލާލާފައިވާއިރު، 2014 ވަނަ އަހަރުގެ މުބާރާތުގެ ކުއާޓަރ ފައިނަލުން ސިޓީ އަލްވަދާއު ކިޔަން ޖެހުނީ ވެސް ވިގަން އަތުން ބަލިވެގެންނެވެ.

ކުއާޓަރ ފައިނަލުގައި ވިގަންއިން ނިކުންނާނީ ޕްރިމިއަރ ލީގުގެ ޓީމެއް ކަމަށްވާ ސަދަމްޓަންއާއި ދެކޮޅަށެވެ. މިއަހަރުގެ މުބާރާތުގެ މިހާތަނަށް އައިއިރު، ވިގަންއިން ވަނީ ޕްރިމިއަރ ލީގުގެ ތިން ޓީމު ބަލިކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...