ހުސްވި ޖަނަވަރީ މަހު މީރާއިން 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި

މިދިޔަ މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ. މިއީ ޖަނަވަރީ މަހު މީރާއަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށްވުރެ 10.7 އިންސައްތަ އިތުރު އަދަދެކެވެ.

މިރާއިން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާ ގޮތުގައި ޖަނަވަރީ މަހު އެ އިދާރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވަނީ ބީޕީޓީންނެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި ބީޕީޓީގެ ގޮތުގައި ލިބިފައިވާ 872 މިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ 39.8 އިންސައްތައެވެ. އަދި އާމްދަނީގެ ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކޮށްފައިވާ ޖީއެސްޓީގެ ގޮތުގައި 825 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ.

މީގެ އިތުރުން ޖަނަވަރީ މަހު ގްރީން ޓެކުހުގެ ގޮތުގައި 102.5 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 79.3 މިލިއަން ރުފިޔާ މީރާއަށް ވަނީ ލިބިފައެވެ. އަދި ލޭންޑް އެކިއުސިޝަން އެންޑް ކޮންވަރޝަން ފީގެ ގޮތުގައި 69.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.3 މިލިއަން ރުފިޔާ ޖަނަވަރީ މަހުގެ ތެރޭގައި ބަލައިގެންފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

އަދި ޖުމްލަ އާމްދަނީގެ ތެރެއިން 79.3 މިލިއަން ރުފިޔާއަކީ ޔޫއެސް ޑޮލަރުގެ ގޮތުގައި ބަލައިގަތް ފައިސާ ކަމަށް މީރާއިން ބުނެއެވެ.

ޖަނަވަރީ މަހު މީރާއަށް ދެ ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާއިރު، ޖަނަވަރީ މަހަކީ ޓެކުހުގެ މުހިންމު ސުންގަޑިތަކެއް އަންނަ މަހެކެވެ.

އެގޮތުން ޖަނަވަރީ މަހުގެ 28 ވަނަ ދުވަހަކީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި ޑިސެމްބަރު މަހުގެ ޖީއެސްޓީ ދެއްކުމުގެ އެންމެ ފަހު ދުވަސް ކަމަށްވާއިރު، ޖަނަވަރީ 31 ވަނަ ދުވަހަކީ މިދިޔަ އަހަރުގެ ބީޕީޓީގެ ދެވަނަ އިންޓަރިމް ޕޭމަންޓް ދެއްކުމުގެ ސުންގަޑި ހަމަވާ ދުވަހެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...