މިދިޔަ މަހު ކަސްޓަމްސްއަށް ލިބުނު އާމްދަނީ 23 އިންސައްތަ އިތުރުވެއްޖެ

މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބުނު އާމްދަނީ އަހަރުން އަހަރަށް ބަލާއިރު 23 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ޖެނުއަރީ މަހު އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 276 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ލިބިފައިވަނީ 224 މިލިއަން ރުފިޔާއެވެ.

ޖެނުއަރީ މަހު ކަސްޓަމްސްގެ އާމްދަނީ އިތުރުވެފައިވާއިރު، ރާއްޖެއިން މުދާ އެސްޕޯޓްކުރި މިންވަރު މަހުން މަހަށް ބަލާއިރު މިދިޔަ ޖެނުއަރީ މަހު ހައެއް އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 445 މިލިއަން ރުފިޔާގެ މުދާ ރާއްޖޭން އެކްސްޕޯޓް ކޮށްފައިވާއިރު، މިދިޔަ ޖެނުއަރީ މަހު މުދާ އެކްސްޕޯޓް ކުރި މިންވަރު 474 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

މިދިޔަ ޖެނުއަރީ މަހު އެކްސްޕޯޓްކުރި މުދަލުގެ 41 އިންސައްތަ މުދާ އެކްސްޕޯޓް ކޮށްފައިވަނީ ތައިލެންޑަށެވެ. އަދި މުދަލުގެ 10 އިންސައްތަ އެމެރިކާއަށް އެކްސްޕޯޓް ކޮށްފައިވާއިރު، މުދަލުގެ އަށެއް އިންސައްތަ އެކްސްޕޯޓް ކޮށްފައިވަނީ ޖަރުމަނަށާއި އިނގިރޭސިވިލާތަށެވެ. އަދި ފަރަންސޭސިވިލާތަށް މުދަލުގެ ހަތެއް އިންސައްތަ އެކްސްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި ރާއްޖެއަށް އެތެރެކުރި މުދަލުގެ ސީއައިއެފް އަގު އަހަރުން އަހަރަށް ބަލާއިރު 17 އިންސައްތަ އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 3.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހު އެ އަދަދު ވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އަގުގެ ގޮތުން ބަލާއިރު އެތެރެކުރި މުދަލުގެ 20 އިންސައްތަ އެތެރެކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތުންނެވެ. އަދި މުދަލުގެ 19 އިންސައްތަ ޗައިނާއިން އެތެރެކޮށްފައިވާއިރު، މުދަލުގެ 12 އިންސައްތަ އެތެރެކޮށްފައިވަނީ އިންޑިއާއިންނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...