ބީއެމްއެލްގެ ކޭޝްލެސް ރައިޑް ޚިދުމަތް ހުޅުމާލޭގައި ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޓެކްސީތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭ ބީއެމްއެލް ކޭޝްލެސް ރައިޑް ޚިދުމަތް ހުޅުމާލޭގައި ތައާރަފުކޮށްފިއެވެ.

މިދިޔަ އަހަރުގެ ފެބްރުވަރީ މަހު މުޅިން އަލަށް ރާއްޖޭގައި ތައާރަފްކުރި މި ޚިދުމަތަކީ ޓެކްސީތަކުގައި ބަހައްޓާފައި ހުންނަ ޕީއޯއެސް މެޝިނެއް މެދުވެރިކޮށްގެން ދަތުރުތަކަށް ފައިސާ ދެއްކޭ ގޮތަށް ފަރުމާކޮށްފައިވާ ޚިދުމަތެކެވެ.

މި ޚިދުމަތުގައި ބީއެމްއެލްއިން ގަބޫލުކުރާ ކޮންމެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް ބޭނުންކޮށްގެން ޓެކްސީއަށް ފައިސާ ދެއްކުމުގެ ނިޒާމު ހަމަޖައްސާފައިވާއިރު، ބީއެމްއެލް މޮބައިލް ޕޭ ބޭނުންކޮށްގެން ވެސް ޓެކްސީއަށް ފައިސާ ދެއްކޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ހުޅުމާލޭގައި ކޭޝްލެސް ރައިޑް ޚިދުމަތް ތައާރަފްކުރުމާއި ގުޅޭގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓަރ އޮފް އޮޕަރޭޝަންސް މުޙައްމަދު ޝަރީފް ވިދާޅުވީ، ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީއަށް މިފަދަ ފަސޭހަ ޚިދުމަތެއް ބޭނުންކޮށްގެން ރައްކާތެރިކަމާއެކު އަވަހަށް ފައިސާ ދެއްކޭނެ ގޮތެއް ހޯދައިދެވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އަދި މި ޚިދުމަތާއެކު، ޓެކްސީ ދަތުރުތަކަށްފަހު ފައިސާ ހަމަކުރުމަށް ނުވަތަ ބާކީ ލާރި ލިބެންދެން މަޑުކުރަން ނުޖެހި ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ދަތުރު ނިންމާލައި، ފައިސާ ދެއްކުމަށް މަގު ފަހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެއަށް މި ޚިދުމަތް މުޅިން އަލަށް ތައާރަފްކޮށްފައިވާއިރު، މިހާރު ވެސް މާލޭގައި މި ޚިދުމަތަށް ބޮޑު ތަރުހީބެއް ލިބެމުންދާކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...