ރޮހިންޔާ ރެފިއުޖީންނަށް މިޔަންމާއަށް އެނބުރި ދިއުމުގެ ހުއްދަ އަދިވެސް ނުލިބޭ

6 ލައްކައަށް ވުރެ ގިނަ ރޮހިންޔާ މުސްލިމުން އަންނަނީ ބަންގްލަދޭޝްގައި ދިރިއުޅެމުން.

ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ ރެފިއުޖީންނަށް އެމީހުންގެ އަމިއްލަ ގައުމު މިޔަންމާއަށް ދިއުމުގެ ހުއްދަ އަދިވެސް ނުދޭ ކަމަށް އދއިން ރެފިއުޖީންނަށް ކަނޑައަޅާފައި ހުންނަ ހައި ކޮމިޝަނަރ ފިލިޕޯ ގްރާންޑީ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ ރެފިއުޖީންނާއި ގުޅޭގޮތުން އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އދއިން ރެފިއުޖީންނަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރ ފިލިޕޯ ގްރާންޑީ ވިދާޅުވީ، މިޔަންމާގައި ރޮހިންޔާ ދަރިކޮޅުގެ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ޤާއިމް ކޮށްދެވިފައިނުވާ ކަމަށެވެ. އަދި މިހާރު ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ 6 ލައްކައަށް ވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން އަންނަނީ ވަރަށް ދަތި ހާލުގައި ކަމަށްވެސް ފިލިޕޯ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރޮހިންޔާ ދަރިކޮޅުގެ މީހުން ރެފިއުޖީންގެ ގޮތުގައި އެހެން ގައުމަކަށް ދާން ޖެހުނު ސަބަބުތަކަކީ ކޮބައިކަން ބަލާ އެ މައްސަލަތައް ހައްލު ކުރުމަށް މިޔަންމާގެ ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ. އަދި މިޔަންމާގެ ސަރުކާރުން ރޮހިންޔާ މުސްލިމުންގެ އެތައް ހައްގެއް ހިފަހައްޓާފައިވާ ކަމަށްވެސް އދގެ ރެފިއުޖީންނާއި ބެހޭ ހައި ކޮމިޝަނަރ ވަނީ ފާހަގަ ކުރައްވާފައެވެ. ރޮހިންޔާ ރެފިއުޖީންނަށް އެހީވުމަށް އދއިން މަސައްކަތް ކުރަމުން އަންނައިރު، ރެފިއުޖީންނަށް އެހީވާ އެޖެންސީ އުންރާގެ އޮފިޝަލުންނަށް މިޔަންމާގެ ރަޚައިން ސްޓޭޓަށް އެރުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިޔަންމާގެ ސިފައިން 2017 ވަނަ އަހަރުގައި ރަހައިން ސްޓޭޓްގައި ހިންގި ޖަރީމާތަކުގައި އެތައް ގެއެއްގައި ހުޅުޖަހާފައިވެއެވެ. މިޔަންމާގެ ސިފައިން ހިންގި ޖަރީމާތަކުގައި ސުންނާފަތިކޮށްފައިވާ ސަރަހައްދުތައް ބެލުމުގެ ހުއްދަ ބައިނަލްއަގްވާމީ އެއްވެސް ޖަމުއިއްޔާއަކަށް ނުދޭ ކަމަށް ޚަބަރުތައް ބުނެއެވެ. އދގެ ރެފިއުޖީންނާއި ބެހޭ ހައި ކޮމިޝަނަރ ފިލިޕޯ ވިދާޅުވީ އަންނަ މަހުގައި ބަންގްލަދޭޝްއަށް މޫސުމީ ވިއްސާރަ ކުރާނެ ކަމަށާއި، އެ ވިއްސާރައާއި ގުޅިގެން އެޤައުމުގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ ރޮހިންޔާ ރެފިއުޖީންނަށް އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. 

އެގޮތުން ރޮހިންޔާގެ ރެފިއުޖީންގެ ތެރެއިން ލައްކައެއްހާ މީހުން މިވަގުތު ދިރިއުޅެމުން އަންނަނީ ވިއްސާރަވެ ފެންބޮޑުވެއްޖެ ނަމަ އެކަމުގެ ގެއްލުން ލިބޭނެ ސަރަހައްދުތަކުގައި ކަމަށް ފިލިޕޯ ވަނީ ވިދާޅުވެފައެވެ. އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ފިލިޕޯ ވަނީ ރެފިއުޖީންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބަންގްލަދޭޝް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރައްވާފައެވެ.އެހެންނަމަވެސް ރޮހިންޔާ މުސްލިމުންގެ މައްސަލަ ހައްލު ކުރުމަށް އދ ފެއިލް ވެފައިވާ ކަމަށްވެސް ފިލިޕޯ ވިދާޅުވިއެވެ.

ރޮހިންޔާ މުސްލިމުންގެ މައްސަލައާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ނިކީ ހޭލީ ވިދާޅުވީ، މި މައްސަލައިގެ ޒިންމާ އުފުއްލަވަން ޖެހޭނެ ފަރާތަކީ މިޔަންމާގެ ސްޓޭޓް ކައުންސެލަރ އަންސަން ސޫޗީ ކަމަށެވެ. އަދި މިކަން ހައްލު ކުރުމާއި ދެކޮޅަށް މިޔަންމާ ސަރުކާރަށް ދެއްކޭނެ އެއްވެސް ބަހަނާއެއް ނެތް ކަމަށްވެސް ނިކީ ވިދާޅުވިއެވެ.

މީގެ އިތުރުން ނިކީ ވިދާޅުވީ، މިޔަންމާ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ އެގައުމުގެ ރަހައިން ސްޓޭޓްގައި ހިނގި ކަންކަމަކީ މީޑިއާއިން ފަތުރާ ދޮގުވާހަކަތަކެއް ކަމަށް ދުނިޔެއަށް ދެއްކުމަށް ކަމަށެވެ. ނިކީ ވަނީ ރޮހިންޔާގެ މައްސަލަ ކަވަރ ކުރަމުން އައި ރޮއިޓަރސްގެ 2 ނޫސްވެރިން ހައްޔަރުކޮށްފައިވާކަންވެސް ފާހަގަ ކުރައްވާފައެވެ. ރަހައިން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނަށް ރައްކާތެރި މާހައުލެއް ނެތްއިރު، މިދިޔަ މަހުވެސް 15000 މީހުން ބަންގްލަދޭޝްއަށް ހިޖުރަ ކޮށްފައިވާ ކަމަށް އދއިން ވަނީ ހާމަކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...