ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލަނީ

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާނެ ކަމަށް އިޒްރޭލްގެ ފުލުހުން ބުނެފިއެވެ.

އިޒްރޭލްގެ ފުލުހުން ބުނީ ބޮޑުވަޒީރު ނަތަންޔާހޫއާއި ދެކޮޅަށް މަކަރާއި ހީލަތް ހެދުމުގެ އިތުރުން ރިޝްވަތު ދިނުމުގެ ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. އެތުހުމަތުތަކާއި ގުޅޭގޮތުން ޓީވީ މެދުވެރި ކުރައްވާ ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އިޒްރޭލްގެ ބޮޑުވަޒީރުގެ މަގާމްގައި ދެމިހުންނަވާނެ ކަމަށެވެ.

އަދި ކޮރަޕްޝަންގެ ދައުވާ އުފުލަން ކުރާ މަސައްކަތުން އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށްވެސް ނަތަންޔާހޫ ވަނީ ވިދާޅުވެފައެވެ. ނަތަންޔާހޫގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި އިޒްރޭލްގެ ނޫހަކަށް ރިޝްވަތުދީގެން އޭނާގެ ސަރުކާރު ޕްރޮމޯޓް ވާ ގޮތަށް ހަބަރު ފެތުރުމަށް އެދިވަޑައިގަތުން ހިމެނެއެވެ. އެކަމުގެ ބަދަލުގައި ނަތަންޔާހޫ ވަނީ އެނޫހަށް ކުރިއެރުން ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން ހޮލީވުޑްގެ ޕްރޮޑިއުސަރަކަށް އެމެރިކާގެ ވިސާ ހޯދައިދީގެން އޭނާއަތުން ފައިސާގެ ބޮޑެތި ހަދިޔާތަކެއް ހޯދި ކަމުގެ ތުހުމަތުވެސް އިޒްރޭލްގެ ބޮޑުވަޒީރުގެ މައްޗަށް ކުރެވެއެވެ. އިޒްރޭލްގެ ފުލުހުން ބުނީ ރިޝްވަތުގެ ފައިސާ ހިފި ނޫހުގެ އެޑިޓަރަށާއި، ހޮލީވުޑްގެ ޕްރޮޑިއުސަރުގެ މައްޗަށްވެސް ދައުވާ ކުރާނެ ކަމަށެވެ. ނަތަންޔާހޫގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރާނެކަން ނުވަތަ ނޫން ކަން ނިންމާނީ އެޓަރނީ ޖެނެރަލްގެ އޮފީހުންނެވެ. އެކަމަށް އެއް މަސް ދުވަސް ހޭދަވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓީވީ މެދުވެރިކުރައްވާ ދެއްވި ތަގްރީރުގައި އުމުރުން 68 އަހަރުގެ ނަތަންޔާހޫ ވިދާޅުވީ މީގެ ކުރިންވެސް ކޮރަޕްޝަންގެ މައްސަލަތަކުގެ ތުހުމަތު އޭނާގެ މައްޗަށް ކޮށްފައިވާ ކަމަށާއި، އެހެންނަމަވެސް މިހާތަނަށް އެއިން އެއްވެސް ކަމެއް ސާބިތު ކުރެވިފައިނުވާ ކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...