ވަކި ފިކުރަކަށް ވީތީ، މި ސަރުކާރުން އެއްވެސް ކައުންސިލަކާ ދޭތެރޭ ތަފާތު ކުރުމެއް ނުގެންގުޅުއްވާ- އަބުދުލް ލަތީފް

ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބުދުލް ލަތީފް ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ވަކި ފިކުރެއްގެ ކައުންސިލަކަށް ވީތީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ކައުންސިލަކާ ދޭތެރޭ ތަފާތު ކުރުމެއް ނުގެންގުޅުއްވާކަމަށާއި، ކައުންސިލްތަކުން ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބެމުން ދާކަމަށް ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބުދުލް ލަތީފް ވިދާޅުވެއްޖެއެވެ. 

ޗެނަލް ތާރޓީންގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ތުރާކުނު ކައުންސިލްގެ ރައީސް ޢަލީ އަބުދުލް ލަތީފް ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މަސައްކަތް ކުރިކަމަށް ވަކާލާތުކުރި ނަމަވެސް އެކަމަކަށް އެސަރުކާރުން އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާކަމަށެވެ. އޭނާ ވިދާޅުވީ އޭރުގައި ސަރުކާރުގެ މިނިސްޓްރީތަކާ މުއައްސަސާތަކަށް އެކި ކަންކަމުގައި ދިއުމުމުން ފޮނި ހުވަފެން ދެއްކުމަށްފަހު ފޮނުވާލުމަށްފަހު ކުރެއްވި އެއްވެސް ކަމެއް ނެތްކަމަށެވެ. އަދި އެންމެ ފުރަތަމަ ލާމަރުކަޒީ ނިޒާމް ޤާއިމް ކޮށް، ހެދި ޕްރޮވިންސް އޮފީސްތަކުންވެސް އެދެވޭ މަސައްކަތަކެއް ކޮށްފައި ނުވާކަމަށް އަބުދުލް ލަތީފް ވިދާޅުވިއެވެ. 


އަބުދުލް ލަތީފް ރައީސް ނަޝީދުގެ ސަރުކާރުގައި ރައްޔިތުން ބޭނުންވާ އެއްވެސް ކަމެއްގައި ކުލަޖެހިފައި ނުވާ ކަމަށާއި، އެއާއި ޚިލާފަށް މިސަރުކާރުގައި ކައުންސިލް ތަކުން ކުރަމުންދާ މަސައްކަތްތަކުގައި ނުހަނު ބޮޑު އެއްބާރުލުމެއް ދެއްވަމުން ގެންދަވާ ކަމަށެވެ. އަދި ވަކި ފިކުރަކަށް ވީތީ މި ސަރުކާރުން އެއްވެސް ކައުންސިލަކާ ދޭތެރޭ ތަފާތު ކުރުމެއް ނުގެންގުޅުއްވާކަން ހާމަކުރަމުން އަބުދުލް ލަތީފް ވިދާޅުވީ އެމްޑީޕީ ކައުންސިލް ހުންނަ ދާއިރާ ތަކަށްވެސް ތަފާތު ކުރުމެއްނެތި މި ސަރުކާރުން އެއްބާރުލުން ދެމުން ގެންދަވާ ކަމަށެވެ.


އަބުދުލް ލަތީފް ވަނީ ނަޝީދުގެ ސަރުކާރުގައި ތަހަމަލް ކުރަންޖެހުނު ބައެއް ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގައި މައްސަލައެއް ހައްލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް އެކިފަހަރުމަތިން ގޮސްގެންވެސް އެދެވޭ ނަތީޖާއެއް ލިބިފައި ނުވާކަންކަން ރައީސް ޔާމީންގެ ސަރުކާރުގައި ކައުންސިލުން ބޭނުންވާ ގޮތަށް ހައްލުކޮށްދީފައިވާކަމަށެވެ. އެހެންކަމުން ރައީސް ޔާމީނަކީ ދުވެހިރައްޔިތުންނާއި ގުޅިގެން ރައްޔިތުންނަށް ވެރިކަން ކޮށްދެއްވާ ރައީސެއްކަމަށް އޭނާ ވިދާޅުވިއެވެ. 


ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމުގައި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ފެއިލް ވެފައި ވާކަން ފާހަގަ ކުރަމުން އަބުދުލް ލަތީފް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި އެރަށުގެ ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ހޯދާފައިވާ ފައިސާ ސަރުކާރު ހިންގަންދަތިވެގެން ކަމަށްބުނެ، ނަހަމަގޮތުގައި ބޭނުން ކުރުމަށްޓަކައި ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށެވެ. އަދި މިގޮތަށް ކަންކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އޭރުގެ ސަރުކާރުން އެއްވެސް ވަރަކަށް ވިސްނާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...