ޗެލްސީއިން ވެސްޓް ބްރޮމްގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފި

އިނގިރޭސި ޕްރިމިއަރ ލީގުގައި ވެސްޓް ބްރޮމްއާއި ބައްދަލުކުރި މެޗުން ފަސޭހަކަމާއެކު ޗެލްސީ މޮޅުވެއްޖެއެވެ.

ޗެލްސީގެ ސެޓްމްފަޑް ބްރިޖްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ގޯލު މެޗުގެ 25 ވަނަ މިނެޓުގައި ޗެލްސީއަށް ކާމިޔާބުކޮށްދިނީ އެޑެން ހަޒާޑްއެވެ. މި ގޯލަކީ އެންމެ ފަހުގެ ޓްރާންސްފަރ ސީޒަނުގައި އާސެނަލްއިން ޗެލްސީއަށް އައި ޖިރޫޑް ފަހިކޮށްދިން ފުރުސަތަކުން ހަޒާޑް ޖެހި ގޯލެކެވެ.

މެޗުގެ ކުރީ ކޮޅުގައި ވެސްޓް ބްރޯމްއިން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފައެވެ. 1-0 ގެ ނަތީޖާއަކުން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައިވަނީ ޗެލްސީއިންނެވެ.

މެޗުގެ 63 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ ވިކްޓަރ މޯސެސްއެވެ. އަދި މެޗުގެ 71 ވަނަ މިނެޓުގައި ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ އެ ޓީމަށް މެޗުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކޮށްދިން ހަޒާޑްއެވެ.

ވެސްޓް ބްރޮމްގެ މައްޗަށް ހޯދި ކާމިޔާބާއެކު ޗެލްސީ އޮތީ ޕްރިމިއަރ ލީގު ތާވަލުގެ ހަތަރުވަނައިގައި 53 ޕޮއިންޓް ލިބިގެންނެވެ. އަދި ޗެލްސީއާ އެންމެ ގާތުން ފަސްވަނައިގައި އޮތް ޓޮޓެންހަމްއަށް 52 ޕޮއިންޓް ލިބިފައިވާއިރު، 54 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައި އޮތީ ލިވަޕޫލްއެވެ. އަދި 56 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު، އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތީ 72 ޕޮއިންޓް ލިބިގެންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...