ކުރީގެ ރައީސް މައުމޫން ތަހުޤީޤަށް އެއްބާރުލުމެއް ނުދޭ- ޝައިނީ

މިނިސްޓަރ ޝައިނީ ކުރެއްވި 2 ޓްވީޓް: ފޮޓޯ އޮންލައިން

ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޤާނޫނާއި ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ނުދެއްވާ ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝައިނީ މިހެން ވިދާޅުވީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރިކަމުގެ ތުހުމަތާއެކު މިމަހުގެ ފަސް ވަނަ ދުވަހުގެރޭ ހައްޔަރުކުރި ކުރީގެ ރައީސް މައުމޫން ދޫކޮށްލަން ގޮވާލާ އެމަނިކުފާނުގެ ދަރިކަނބަލުން، ދުންޔާ މައުމޫން ކުރެއްވި ޓްވީޓަށް ރައްދުދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.


ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ ބައްޕާފުޅަށް އާއިލާ އާއި ވަކީލުންނާ ބައްދަލު ކުރެއްވޭނެ ގޮތް ހަމަޖައްސައިދީ، ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ގޮވާލައްވަފައެވެ. އަދި ބައްޕާފުޅު މިނިވަންކޮށް ގެ އަށް ދޫކޮށްލުމަށް ގޮވާލާފައިވެއެވެ. މި ޓްވީޓަށް ރައްދުދެއްވާ ޝައިނީ ވަނީ 
ރައީސް މައުމޫން ހައްޔަރު ކުރެވިފައި ވަނީ ބަޣާވާތް ކުރަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަމަށްވާއިރު، އެހެން ކުށްވެރިންނާއި ތަފާތުކޮށް ރައީސް މައުމޫނާއިމެދު އަމަލު ކުރަންވީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. 


އަދި ރައީސް މައުމޫނަށް ސިއްޙީ ފަރުވާއާއި ޤާނޫނީ ވަކީލުންނާއި ބައްދަލު ނުކުރެވޭ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައްވެސް ޝައިނީ ވަނީ ދޮގު ކުރައްވާފައެވެ. ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި، ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޝަރުއީ ހުކުމްތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ތުހުމަތުގެ އިތުރުން ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފައްދާ ސަރުކާރާއި ދެކޮޅަށް ނިކުތުމަށް ހިތްވަރު ދިނުން ހިމެނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...