މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގައި ބޮޑަށް އިސްކަން ދީފައިވަނީ އުފެއްދުންތެރި މުވައްޒަފުން އުފެއްދުމަށް- ފިނޭންސް މިނިސްޓަރ

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުގައި އެންމެ ބޮޑަށް އިސްކަން ދީފައިވަނީ އުފެއްދުންތެރި މުވައްޒަފުން އުފެއްދުމަށާއި، މުވައްޒަފުންގެ ކުރިއެރުމަށް ބާރުއެޅިގެންދާނެ ގޮތަށް ބަލައިގެން ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިތުރު ކުރުމުގައި ސަރުކާރުން ބަލާފައިވާ އިގްތިސާދީ ކަންކަން މީޑިއާއާއި ހިއްސާ ކުރައްވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވިހި ހާހަށްވުރެ ގިނަ ސިވިލް ސަރވިސް މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ސިވިލް ސަރވިސްގެ އެކި ގިންތީގެ މުވައްޒަފުންގެ މުސާރަ އެކި މަރުހަލާތަކަށް ބަހާލައިގެން އެކި ފަހަރުމަތިން ބޮޑު ކުރިނަމަވެސް، ގިނަ މުވައްޒަފުންގެ މުސާރައަށް ބަދަލެއް ނައިސް ގިނަ އަހަރުތަކެއް ވަނީ ފާއިތުވެގެން ގޮސްފައެވެ. ނަމަވެސް މިމަހުން ފެށިގެން ސިވިލްސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުކޮށްފައި އަދި މިމަހުގެ މުސާރަ ލިބިގެންދާނީ ބޮޑު ކުރި މުސާރައާއެކުގައިކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.  މުސާރައާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އަހްމަދު މުނައްވަރު ވިދާޅުވީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އެކި މަރުހަލާތަކަށް ބަހާލައިގެން ބޮޑު ކުރަމުންދަނީ އިގްތިސާދީ ގޮތުން ބަލާއިރު، އަންނާނެ ބަދަލުތަކަށް ބެލުމަށްފަހުގައި ކަމަށެވެ. އެގޮތުން މުސާރަ ބޮޑު ކުރާއިރު، ތަކެތީގެ އަގު އުފުލުމުން ކުރާ އަސަރު ނުވަތަ އިންފްލޭޝަން ކުޑަވާނެ ގޮތަކަށް މުސާރަ އިތުރު ކުރުމަށް ސަރުކާރުން ވިސްނާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންނަކީ، މަތީ ތައުލީމް ހާސިލް ކުރާ އަދި އުފެއްދުންތެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން މަތީ ތައުލީމް ހާސިލްކޮށް، އިދާރާތަކުގެ ކޯ މަސައްކަތްތައް ކުރާ މަގާމުތަކުގައި ތިބި މުވައްޒަފުންނަށް 28 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާއިރު، ޓެކްނިކަލް ކޯގައި މިވަގުތު ނުހިމެނޭ މުވައްޒަފުންވެސް މަގާމާއި ގުޅޭ ތައުލީމާއި ތަމްރީން ލިބިގަތުމުން ޓެކްނިކަލް ކޯގެ އެލަވަންސް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިބަދަލުގެ އެންމެ ބޮޑު އެއް މަގްސަދަކީ، ފަންނީ ޤާބިލްކަން ހުންނަ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދީ ވަޒީފާގައި ދެމި ތިބުމަށް ބާރު އެޅުން ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ، ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިތުރު ކުރާއިރު، ބޮޑު ކުރާބައި، އެލަވަންސެއްގެ ގޮތުގައި ކަނޑައަޅާ އެއް ސަބަބަކީ، މުސާރަ ބޮޑު ކުރުމަށް ބަޖެޓްގައި ކަނޑައަޅާފައިވާ މިންވަރު އެއްކޮށް ސިވިލް ސަރވަންޓުންނަށް ފޯރުކޮށްދިނުން ކަމަށެވެ. ސިވިލް ސަރވަންޓުންނަށް 2018 ވަނަ އަހަރުގެ ބަޖެޓްގައި 234 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ސިވިލް ސަރވަންޓުންގެ މުސާރަ ބޮޑުކުރިއިރު އަސާސީ މުސާރަ ބޮޑުކޮށްފައި ނުވަނީ އެމުސާރަ ބޮޑުކޮށްފިނަމަ ޕެންޝަނަށް އުނިކުރުމުން ވަގުތުން ވަގުތަށް މުސާރައަށް އަންނަ ހެޔޮ ބަދަލު ކުޑަވެގެންދާނެތީ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިތުރު ކުރުމުގައި ސަރުކާރުން ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި، ފާއިތުވި 5 އަހަރުގެ ތެރޭގައި މުސާރަ ބޮޑުވެފައިނުވާ ފަރާތްތަކަށް ގެއަށް ގެންދަން ލިބޭ އާމްދަނީ އިތުރު ކުރުމާއި، ދިރިއުޅުމުގެ އަގުތައް ކުޑަ ކުޑަކުރުން ހިމެނެއެވެ. 

މިފަހަރު މުސާރަ ބޮޑު ކޮށްފައިވަނީ ދައުލަތުގެ ފިސްކަލް ސްޓްރެޓެޖީއަށާއި، މެކްރޯ އިކޮނޮމިކް ބެލަންސް ހިފެހެއްޓޭނެ ގޮތްތަކަށާއި، އިންފްލޭޝަންގެ އަސަރު ކުޑަކުރެވޭނެ ގޮތްތަކަށާއި، އެކްސްޗޭންޖް ރޭޓް ޑީވެލިއު ކުރަން ނުޖެހޭނެ މިންވަރަށް ވިސްނައިގެން މުސާރަ ބޮޑުވުމުގެ ފައިދާ ސިވިލް ސަރވިސް މުވައްޒަފުންނަށް ކުރާނެ ގޮތަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
 
ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ އިތުރު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވެވަޑައިގެންފައިވާ ވައުދު ފުއްދަވާދެއްވާފައިވާއިރު، އެމުވައްޒަފުންގެ މުސާރައަށް އައި ކުރިއެމާއެކު ޕެންޝަނަރުންނަށް ލިބޭ އިނާޔަތަށްވުރެ ދަށުން މުސާރަ ލިބޭ ސިވިލް ސަރވިސް މުވައްޒަފަކު ނުހުންނާނެކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...