އަލީ ހަމީދުގެ ދަބަހަކުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނިއްޖެ

ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން މީދިޔާ އާއި މަޢުލޫމާތު ހިއްސާ ކުރައްވަނީ: ފޮޓޯ ޗެނަލް13

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ނިސްބަތްވާ ދަބަހެއްގެ ތެރެއިން 3 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބުނެފިއެވެ.


ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް ބަޔަކު ކުރި މަސައްކަތުގެ ތަހްގީގާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މިމައްސަލައާއި ގުޅިގެން މީގެކުރިން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމާއި، އަބުދުﷲ ސައީދާއި، ޢަލީ ހަމީދު މުހައްމަދާއި، ހަސަން ސައީދު ހުސެއިނާއެކު ޖުމްލަ 8 ފަރާތެއް މިވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ. މީގެއިތުރުން މި މައްސަލާގައި ގއ.ގެމަނަފުށީ އޯކިޑްމާގެ އިލްހާމް އަހްމަދު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން ދާކަމަށް އޭނާ ވިދާޅުވިއެވެ. 


ޝިފާން ވިދާޅުވީ މިމައްސަލައިގެ ތަހުޤީޤްގައި މިހާތަނަށް 30 ފަރާތަކާ ސުވާލުކޮށްފައިވާއިރު، މި މައްސަލަޔާ ގުޅޭ ހެއްކާ ގަރީނާ ހޯދުމަށްޓަކައި 15 ތަނެއް ބަލާ ފާސްކޮށްފައި ވާކަމަށެވެ. ޝިފާން ވިދާޅުވީ މިމައްސަލަޔާ ގުޅިގެން ހައްޔަރުކުރި ޢަލީ ހަމީދު މުހައްމަދަށް ނިސްބަތްވާ ދަބަހަކުން ދެލައްކަ ފަނަރަހާސް ޔޫ.އެސް ޑޮލަރާ، އެއްލައްކަ ފަންސާސްހާސް ދިވެހި ރުފިޔާ ފެނިފައިވާކަމަށެވެ. އަދި ޢަލީ ހަމީދު މުހައްމަދުގެ ޢާއިލާއަށް ކުރީގެ ރައީސް މައުމޫން ތަފާތު އެކި ގޮތްގޮތަށް އެހީތެރިވަމުން އަންނަކަން ތަހުޤީޤަށް ޔަޤީން ކުރެވިފައި ވާކަމަށް ވިދާޅުވިއެވެ.


ޝިފާން ވިދާޅުވީ އަލީ ހަމީދު މުހައްމަދު ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން ފްލެޓެއް ގަނެފައިވާ ކަމުގެ ހެކި އެކަން ޔަޤީން ކުރެވޭ މިންވަރަށް ލިބިފައި ވާއިރު، އަލީ ހަމީދުގެ ޢާއިލާއަށް ދިވެހިރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބޮޑު ކުންފުންޏަކުން 2.4 މިލިޔަން ޔޫ.އެސް ޑޮލަރުގެ އެހީއެއް ލޯނެއްގެ ގޮތުގައި ދީފައި ވާކަންވެސް ތަހްގީގަށް ޔަގީން ކުރެވިފައިވާކަމަށެވެ.


މީގެއިތުރުން މި ތަހުޤީޤުގައި ފާހަގަކުރެވުނު އިތުރުކަންތަކަށް އަލިއަޅުވާލަމުން ޝިފާން ވިދާޅުވީ މާފަންނު އެންދެރިމާގެއިން ސިއްރުން ނެރެގެންދިޔަ ކަޅު ފޮއްޓެއްގެ ތެރެއިން ފަނޑިޔާރުންނަށް ކަނޑައެޅިގެން ނުފޫޒް ފޯރުވުމަށް އަހްމަދު ފާރިސް މައުމޫން މަސައްކަތް ކޮށްފައިވާ ކަމުގެ ހެކި ލިބިފައިވާކަމަށެވެ. 

ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެކި ބޭފުޅުންގެ ނަމުގައި ރާއްޖެއިން ބޭރުން ފްލެޓްތަކާއި އެޕާޓްމަންޓްތައް ގަނެފައިވާކަމުގެ ހެކިވެސް މިހާތަނަށް ތަހުގީގަށް ލިބިފައިވާކަމަށެވެ. މި މައްސަލައިގެ ފުޅާމިނާއި، ތަހުޤީޤުގެ ތެރެއިން ފާހަގަކުރެވޭ ކަންކަން ހޯދާ ބަލާލާއިރު، އަދިވެސް ތަހުޤީޤަށް އެނގެންބޭނުންވާ ވަރަށް ގިނަ މަޢުލޫމާތުތައް އެބަހުރިކަމަށް ފުލުހުން ބުނެއެވެ.


ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި މި މަހުގެ 5 ވަނަ ދުވަހުގެ ރޭ ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި، ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ޝަރުއީ ހުކުމްތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުގެ ތުހުމަތުގެ އިތުރުން ސަލާމަތީ ބާރުތަކުގެ މެދުގައި ބައިބައިވުން އުފައްދާ ސަރުކާރާއި ދެކޮޅަށް ނިކުތުމަށް ނިކުތުމަށް ހިތްވަރު ދިނުން ހިމެނެއެވެ. އަދި މިމައްސަލައާއި ގުޅިގެން ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތުގެ ފައިސާ ހިފުމަށްފަހު، ޝަރުއީ ހުކުމްތައް ކުރުމާއި، ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ހުރަސް އެޅުން ހިމެނެއެވެ.


ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށް މަގާމްގެ ނުފޫޒް ބޭނުން ކުރުމާއި، ރިޝްވަތުގެ ފައިސާގައި ހިފުން ހިމެނެއެވެ. ބަޣާވަތް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތާއި، ރިޝްވަތުގައި ހިފުމުގެ ތުހުމަތު ހިމެނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...