ލިވަޕޫލް މޮޅުވި އިރު މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެ

އިނގިރޭސީ ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން އެކެއް ސުމެއްގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި އިރު، ސައުތުއެމްޓަނާއި ލިވަޕޫލްގެ ކުރިމަތިލުން، ދެއެއް ސުމެއްގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކޮށްފި އެވެ.


ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވުމާ އެކު، އެކަން ވެގެން ގޮސްފައިވަނީ ދެހާސް ސަތާރަވަނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު ނިއުކާސަލްގެ އަމިއްލަ ދަނޑުގައި އެ ޓީމަށް ތިން ޕޮއިންޓް ހޯދުނު ފުރަތަމަ މެޗަށެވެ. މެޗުގެ ހަމައެކަނި ލަނޑު މެޓް ރިޗީ ކާމިޔާބުކުރި އިރު، އެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ނިއުކާސަލް ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެފަ އެވެ. އަދި މެޗުން ބަލިވުމުން، ލީގު ތާވަލުގެ ދެވަނައިގައި އޮތް ޔުނައިޓެޑާއި އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީ އާ ދެމެދު އޮތް ފަރަގު ވަނީ ސޯޅަ ޕޮއިންޓަށް ބޮޑުވެފަ އެވެ. 


ނަމަވެސް، މެޗުގައި ޔުނައިޓެޑަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އަދި ނިއުކާސަލްގެ ގޯލް ބެލެހެއްޓި މާޓިން ޑަބްރާކާގެ ފަރާތުން މޮޅު ކުޅުމެއް ފެނުންކަން ފާހަގަކޮށްލެވެ އެވެ. 


ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ސައުތުއެމްޓަން ބައްދަލުކުރި މެޗު ދެއެއް ސުމެއްގެ ނަތީޖާއަކުން ލިވަޕޫލް ކާމިޔާބުކުރުމާ އެކު އެ ޓީމުން ވަނީ ލީގު ތާވަލުގެ ތިންވަނައިގައި އޮވެ، ދެވަނައިގަ އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ދެ ޕޮއިންޓް ކައިރިއަށް ޖެހިލާފަ އެވެ. މެޗު ފެށިގެން ވިހިވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ލަނޑެއް ޖަހައި ލިވަޕޫލަށް ލީޑު ނަގައިދިން އިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ މިސްރު ފޮވާޑް މުހައްމަދު ސަލާހް ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ޖަހާފަ އެވެ. ސަލާހްގެ ފަރާތުން ލިވަޕޫލުގައި މޮޅު ކުޅުމެއް ފެންނަމުން އަންނަ އިރު، ރޭގެ ލަނޑާއެކު އޭނާ ވަނީ ލިވަޕޫލަށް ބަދަލުވި ފަހުން މުޅިއަކު ނަވާވީސް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްފަ އެވެ.


ދެވަނަ ހާފްގެ ކުޅުން ފެށިގެންވެސް ލިވަޕޫލުން މޮޅަށް ކުޅެމުން އައި އިރު، ސައުތުއެމްޓަން އަށް ލަނޑު ޖަހަން ލިބުނު މަދު ފުރުސަތުތައް އެ ޓީމުން ވަނީ ބޭކާރުކޮށްލާފަ އެވެ.


 ރޭގެ މެޗުތަކާ އެކު، ލީގު ތާވަލުގެ އެއްވަނައިގަ ހަތްދިހަ ދެ ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އޮތް އިރު ޔުނައިޓެޑް ދެވަނައިގަ އޮތީ ފަންސާސް ހަ ޕޮއިންޓާއެކުގަ އެވެ. ތިންވަނައިގަ އޮތް ލިވަޕޫލަށް ފަންސާސް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު ހަތަރުވަނައިގަ އޮތް ޓޮޓެންހަމް އަށް ލިބިފައިވަނީ ފަންސާސް ދެ ޕޮއިންޓެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...