ގެޓާފޭ އާއި ބާސެލޯނާގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ސްޕޭނުގެ ލަލީގާގައި ރޭ ގެޓާފޭ އާއި ބާސެލޯނާ ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.


މިއީ މި ސީޒަނުގައި ބާސެލޯނާ އިން ލަނޑެއް ނުޖަހައި މެޗެއް ނިންމާލި ފުރަތަމަ ފަހަރެވެ. ބާސެލޯނާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގެޓާފޭ އިން ވަނީ ބާސެލޯނާގެ ހަމަލާތަކަށް ގިނަ ފަހަރުތަކެއްގެ މަތިން ހުރަސްއަޅާފަ އެވެ. ލީގުގައި ބާސާއިން އަދި މި ސީޒަނުގައި ބަލިވެފައި ނުވާ އިރު، އެ ޓީމް އަދިވެސް އޮތީ ލީގު ތާވަލުގެ އެއްވަނައިގަ ހަމަޖެހިލައިގެންނެވެ. އެންމެ ގާތުން ދެވަނައިން ވާދަކުރަމުން އަންނަ އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާގެ ދެމެދުގައި ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. 


ރޭގެ މެޗުގައި ކޫޓީނިއޯ އަދި ލިއޮނަލް މެސީގެ ހުޝިޔާރު ހަމަލާތަކެއް ގެޓާފޭގެ ގޯލަށް އަމާޒުވި އިރު، ގެޓާފޭގެ ކީޕަރު ވިސެންޓޭ ވަނީ އެ ހަމަލާތައް މަތަކޮށްފަ. އަނެއްކޮޅުން ބަލާއިރު، އިދިކޮޅު ގެޓާފޭ އިންވެސް ވަނީ ބާސެލޯނާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލަފައެވެ.



ލީގުގައި ކުޅުނު ފަހުގެ މެޗުތަކަށް ފަހު ފަންސާސް ނުވަ ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގަ ބާސެލޯނާ އޮތްއިރު، ދެވަނައިގަ އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ފަންސާސް ދެ ޕޮއިންޓް ހޯދާފަ އެވެ. އަދި ލެވާންޓޭ އަތުން ތިނެއް އެކެއްގެ ނަތީޖާއަކުން މޮޅުވެ ވެލެންސިއާ ސާޅީސް ތިން ޕޮއިންޓާއެކު ތިންވަނަ އަށް އެރި އިރު، ރެއާލް މެޑްރިޑް ވަނީ ސާޅީސް ދެ ޕޮއިންޓާއެކު ހަތަރުވަނަ އަށް ވެއްޓިފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...