މުސާރަ އެންމެ ބޮޑުވެގެންދާނީ ދަށް ފަންތީގެ މުވައްޒަފުންނަށް: ސީއެސްސީ

ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަނީ: ފޮޓޯ ޗެނަލް13

ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް މިފަހަރު ގެނައި ބަދަލާއެކު މިއީ، ދަށް ފަންތީގެ މުސާރަވެރިންނަށް މިހާތަނަށް އެންމެ ބޮޑު ކުރިއެރުން ލިބުނު ފަހަރު ކަމަށް ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވެއްޖެއެވެ.


މިމަހުން ފެށިގެން ސިވިލްސާވިސް މުވައްޒަފުންގެ މުސާރަ ގެނައި ބައްދަލާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިވިލް ސާރވިސް ކޮމިޝަނުގެ ރައީސް ޑރ. ޢަލީ ޝަމީމް ވިދާޅުވީ މި މަހުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ އެލަވަންސެއްދީ މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން ދިވެހި ސިވިލް ސާރވިސް މުވައްޒަފުންގެ މުސާރަ ނުވަތަ އިނާޔަތް ބޮޑުކުރެވިފައިވަނީ އެކަމާ ގުޅިގެން ދިރާސާ ކުރެވި، ޕޭ ކޮމިޝަނާ ސިވިލް ސާރވިސް ކޮމިޝަނާ އަދި ސިވިލް ސަރވިސްގެ ކަންކަމާ ގުޅޭގޮތުން އެ ކޮމިޝަނާ ސަރުކަރާ ދެމެދު މަޝްވަރާތައް ކުރުމަށް އުފައްދަވާފައިވާ ވިލަރެސް ކޮމިޓީގެ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށް ޝަމީމް ވިދާޅުވިއެވެ.


މިފަހަރުގެ މުސާރައަށް ބަދަލު ގެނައުމުގައި ވިސްނާފައިވާނީ އެއްވެސް މުވައްޒަފަކު ގެއަށް ގެންދަން ލިބޭ ފައިސާ ނުކެނޑޭ ގޮތަށް ބަލައިގެން، ސީދާ އަސާސީ މުސާރައަށް ބަދަލު ގެނައުމުގެ ބަދަލުގައި އިތުރު އެލަވެންސްއެއް ތަޢާރަފްކޮށް މުސާރަ ބޮޑުވާގޮތަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން މަޤާމުގެ ގޮތުން ތިރީ ފަންތީގެ ވަޒީފާގައި ތިބޭ މުވައްޒަފުންނަށް މަދުވެގެން މުސާރައިގެ 37 އިންސައްތަ ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

މީގެއިތުރުން ޑރ. ޝަމީމް ވިދާޅުވީ މިފަހަރު މުސާރަ ބޮޑުކުރާ މަޤާމްތަކުގެ ތެރެއިން 33 އިންސައްތަ މަޤާމްތަކަށް 28 އިންސައްތަ އިން ފެށިގެން 39 އިންސައްތައާ ދެމެދުގެ އަދަދެއްގެ ކުރިއެރުންމެއް ލިބޭނެ ކަމަށެވެ. އަދި ސަޕޯޓް ސާވިސް ކެޓަގަރީގައި ފަސްހާސް އަށްސަތޭކައަށް ވުރެން ގިނަ ވަޒީފާ ހުރިއިރު، އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ސަޕޯޓް ސާރވިސް ނުވަތަ އެސް.އެސް ކެޓަގަރީ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.


މަތީފަންތީގެ މަޤާމްތަކުގެ އިނާޔަތްތައް ތަޢާރަފް ކުރުމުގައި ބަލާފައިވާ އުސޫލުތަކަށް އަލިއަޅުވާލަމުން ޝަމީމް ވިދާޅުވީ އެ މަޤާމްތަކުގެ އިނާޔަތްތައް ކަނޑައަޅާފައިވަނީ މަތީ ފަންތީގެ މަޤާމްތަކުގައިތިބި ތަޖުރިބަކާރު އަދި ފަންނުވަރި މުވައްޒަފުން ޚިދުމަތުގައި ދެމިތިއްބަވާނެ ގޮތްތަކަށް ވިސްނުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް މުސާރައިގެ 28 އިންސައްތައިގެ ކުރިއެރުމެއް ލިބޭގޮތަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.


މުސާރައަށް ބަދަލުގެނެވިފައިވާ ގޮތުގެ ޚުލާސާއަށް އަލިއަޅުވާލަމުން ޝަމީމް ވިދާޅުވީ ދައުލަތަށް ޢާމްދަނީ އިތުރުވާ މިންވަރަކަށް ދިވެހި ސިވިލް ސާރވިސްގެ ހުރިހާ މުވައްޒަފުންގެ މުސާރަތައް ނުވަތަ އިނާޔަތްތައް އެއްފަހަރާ ބޮޑުނުކޮށް އެކި ފަންތިތަކަށް އެކި ދުވަސްވަރުގައި ބޮޑު ކުރާގޮތަށް ވިސްނާފައި ވާކަމަށެވެ. އަދި މިގޮތަށް ހެދުމަށް ނިންމާފައިވަނީ މަޒީގެ ތަޖުރިބާއަށް ބަލުމަށްފަހުގައި ކަމަށް ވިދާޅުވިއެވެ. މުސާރައަށް މިފަހަރުގެނައި ބަދަލާއެކު، 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށްއައިރު، މުސާރަ ބޮޑުނުވާ ހުރިހާ ފަރާތްތަކަށް މުސާރަ ބޮޑުކުރެވިގެންދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...