ރޮހިންޔާ މައްސަލައިގައި ޓްރަމްޕާއި މޯދީ މަޝްވަރާ ކުރައްވައިފި

މިޔަންމާގެ ރަޚައިން ސްޓޭޓްގައި ދިރިއުޅެމުން އަންނަ ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ހައްލެއް ގެނައުމާއި ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.

ވައިޓް ހައުސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރޮހިންޔާ މުސްލިމުންގެ މައްސަލައަށް ހައްލެއް ގެނައުމަށް، ޓްރަމްޕާއި މޯދީ މަޝްވަރާ ކުރައްވާފައިވަނީ ފޯނުން ގުޅުއްވާ ދެއްކެވި ވާހަކަފުޅުގައި ކަމަށެވެ.  މިޔަންމާގެ ސިފައިން ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް ހިންގި ޖަރީމާތައް މިނިވަން މުއައްސަސާއަކުން ތަހްގީގް ކުރަން ޖެހޭ ކަމަށް މީގެ ކުރިން އެމެރިކާއިން ވަނީ ބުނެފައެވެ.

އަދި މިޔަންމާއަށް ފޯރުކޮށްދެމުން އައި ބައެއް އަސްކަރީ އެހީތައް ދިނުން ހުއްޓާލުމަށްވެސް އެމެރިކާއިން ކުރިން ނިންމާފައިވާކަން ފާހަގަކޮށްލެވެއެވެ. ވައިޓް ހައުސްއިން ބުނީ، އެމެރިކާގެ ރައީސް ޓްރަމްޕް އަދި މޯދީ، އަފްޣާނިސްތާނުގެ ސަލާމަތާއި ބެހޭގޮތުންވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.  އެމެރިކާއިން ދާދި ފަހުން ވަނީ އިންޑިއާއާއި ގުޅުން ހީނަރުވެފައިވާ ޕާކިސްތާނަށް ދެމުން އައި ބައެއް އެހީތައް ދިނުން ވެސް ހުއްޓާލާފައެވެ.

މި އެހީތައް ހުއްޓާލާފައިވަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކަށް ޕާކިސްތާނުން ހިމާޔަތް ދޭ ކަމަށް ތުހުމަތުކޮށެވެ. ޓްރަމްޕާއި މޯދީގެ ވާހަކަފުޅުގައި ވަނީ އެމެރިކާއާއި އިންޑިއާއާއި ދެމެދުގައި އޮންނަ އިޤްތިސާދީ އަދި އަސްކަރީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާއި ގުޅޭގޮތުންވެސް މުހިއްމު މަޝްވަރާތަކެއް ކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...