ބޭރުގެ އަސްކަރިއްޔާއިން އައުމަށް ދިވެހި ރައްޔިތަކަށް ދައުވަތެއް ނުދެވޭނެ- ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

ހުއްބުލް ވަތަނުގެ ލޯބި ހިތުގައި އޮތް މީހަކު ރާއްޖެއަށް ބޭރުގެ އަސްކަރިއްޔާއިން އައުމަށް ދައުވަތު ނުދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"މަގެ ދީނާއި މަގެ ޤައުމާ" މިނަމުގައި ޕީޕީއެމްއިން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަޮތް ކަމަށް ބުނެ، ދިވެހި ގައުމު އަޅުވެތި ކަމުގެ ދަށަށް ދިއުމަށް މަގުފަހިވާ ފަދަ ވާހަކަތައް ދިވެހި ރައްޔިތަކަށް ނުދެއްކޭނެ ކަމަށެވެ. އަދި ބޭރުގެ އަސްކަރިއްޔާއިން ރާއްޖެ އައުމަށް ގޮވާލުމަކީ، ޤާނޫނީ ކުށެއްކަން ފާހަގަ ކުރައްވާ ރައީސް ވަނީ ހުއްބުލް ވަތަނުގެ ލޯބި އެއްވެސް ވަރަކަށް ހުރި ނަމަ، އެފަދަ ވާހަކަ ނުދައްކާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރާއްޖެއަށް ބޭރުގެ ސިފައިން އައުމަށް އެމްޑީޕީގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުން ގޮވާލުމަކީ، އެޕާޓީގެ މެމްބަރުން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހޭ ކަމެއް ކަމަށެވެ. އަދި އެފަދަ ވާހަކައެއް ދެއްކިގެން ނުވާނެކަން ފާހަގަކުރައްވާ އެމްޑީޕީގެ މެމްބަރުން އެވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. ޕީޕީއެމުން ބޭއްވި އެއްވުމަށް އިޝާރާތް ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، އެއީ ފެއްސާއި ރަތާއި ހުދުގެ އެއްވުމެއް ކަމަށެވެ. އަދި އެއީ ޣައްދާރުވެރިންނާއި ބާޣީންނާއި ނަސްރަށް މަސައްކަތް ކުރި މީހުންނާއި، އަދި ﷲގެ މަގުން ކަސިޔާރުވެ ނުދިޔަ މީހުން ފާހަގަ ކުރަން ދަމާލާ ރޮނގަށް އެއްވި އެއްވުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް ކުލީ ސިފައިން ގެނައުމަށް ތާއީދު ކުރައްވާ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އެންޑީޓީވީގައި ދެއްކެވި ވާހަކަފުޅާއި ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ވެރިކަމަށް އަންނަން ބޭނުންވާ ފަރާތްތަކުގެ ކިބައިން އިވެން ޖެހޭނެ ވާހަކަ ތަކަކީ ގައުމަށް ބޭރު ސިފައިން ގެނެސް ދިވެހި ރައްޔިތުންނާ ހަނގުރާމަ ކުރުން ނޫން ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ މެންދަމާހަމައަށް ދިޔައިރު، ދިވެހި ގައުމު އަޅުވެތިކަމާ ދިމާއަށް މިސްރާބު ޖެހި ކަމަށެވެ. އަދި އެކަން ކުރަން ރޭވި ބަޔަކު އެމަސައްކަތް މާ ކުރިން ފަށާފައިވާކަން ތަހުގީގަށް ފަހު ގަބޫލް ކުރަން މަޖުބޫރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ތާރީހަކީ މުހިއްމު ފިލާވަޅާއި އިބްރަތްތައް އަބަދުވެސް ގެނެސްދޭ އެއްޗެއް ކަމަށެވެ. އަދި ތާރީހުން ފިލާވަޅު ނަގާއިރު، ހަމައެކަނި ހިޔާލަށް އަންނަނީ ގައުމުގެ ދިފާއުގައި މަސައްކަތް ކުރެއްވި އަބްތާލުންނާއި މުޖާހިދުން އެކަނި ނޫން ކަމަށެވެ. އެމުޖާހިދުން އުފެދުނީ ކޮން ސަބަބުތަކެއް މެދުވެރިވެގެން ކަމާމެދު ރައްޔިތުން ވިސްނާލަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...