ނޭމާގެ ފުޓްސަލް މުބާރާތަށް ދިވެހިން ތައްޔާރުތަ؟

ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ނޭމާގެ ފުޓްސަލް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފި އެވެ.


ނޭމާ އަކީ ކާކުކަން ފުޓްބޯޅަ އަށް ލޯބިކުރާ އެންމެހާ ފަރާތްތަކަށްވެސް އެނގޭނެ އެވެ. ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ ފިޔަވައި ދެން ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިއަކީ ކޮބައިތޯ ސުވާލުކުރުމުން ގިނަ ފަރާތްތަކުން ދޭނެ ޖަވާބަކީ ނޭމާ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަދި ބްރެޒިލް އަށް އުފަން ތަރީގެ ނަމުގައި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގެ ޓީމުތަކަށް ބައިވެރިވެވޭ ގޮތަށް ރެޑްބުލް އިން ބާއްވާ ފުޓްސަލް މުބާރާތަކީ މިހާރު ގިނަ ދިވެހިންނަށްވެސް އެނގިފައިވާ މުބާރާތެއްކަން ޔަގީނެވެ. އެގޮތުން މިދިޔަ އަހަރުވެސް ރާއްޖޭގައި ކޮލިފައިން ބުރުތަކެއް ކުޅުނު އިރު، ރާއްޖޭގެ ހަ ސަރަހައްދަކުން ދުވިސައްތަ ފަސްދޮޅަސް ހަތް ޓީމެއް ވާދަކޮށް އެއް ހާހަށް ވުރެ ގިނަ ކުޅުންތެރިން މުބާރާތުގައި ކުޅެފައިވުމީ މި މުބާރާތަށް ދިވެހިންގެ މެދުގައި އޮތް މަގްބޫލުކަން ދައްކުވައިދޭ ކަމެކެވެ. އަދި މިއަހަރުވެސް އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ރާއްޖެއަށް މިވަނީ ލިބިފައެވެ.


ރާއްޖެ އަށް ނޭމާ ޖޫނިއާސް ފައިވްގެ ތިންވަނަ އެޑިޝަން އައިސްފައިވާ އިރު، މިއަހަރުގެ މުބާރާތް އޮތީ ކުރީގެ އެޑިޝަންތަކާ ހިލާފަށް ވަރަށް ކުލަގަދަކޮށެވެ. މިދިޔަ އަހަރު ފަންސާސް ތިން ގައުމަކުން އެއް ލައްކަ އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވި އިރު، މިއަހަރުގެ މުބާރާތުގައި ފަސްދޮޅަސް ގައުމެއްގެ ޓީމުތައް ވާދަކުރާނެ އެވެ. އަދި ރެޑްބުލް އިން މައުލޫމާތު ދޭ ގޮތުގައި، އެ މުބާރާތުގައި ވާދަކުރާ ކޮންމެ ގައުމެއްގެ ޗެމްޕިއަން ޓީމް، ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭ ބްރެޒިލް އަށް ދަތުރުކޮށް ދުނިޔޭގެ ޗެމްޕިއަން ޓީމްތަކާ ވާދަކުރާނެ އެވެ. 


ނޭމާ ޖޫނިއާގެ ފުޓްސަލް މުބާރާތް ރާއްޖެއަށް އަނެއްކާވެސް އައިސްފައިވާ އިރު، މިއަހަރުގެ މުބާރާތުގެ ރާއްޖޭގެ ކޮލިފައިން އަށް އަތޮޅެއްގައި ބާއްވާނެ އެވެ. ކުރީ އަހަރާ އެއްގޮތަށް މިއަހަރުވެސް މާލެ، ގދ. ތިނަދޫ، ގއ. ވިލިނގިލި، ފުވައްމުލައް އަދި އައްޑޫ ސިޓީގައި ކޮލިފައިން ބުރުތައް ބައްވާ އިރު، މުޅިން އަލަށް، ހދ. ކުޅުދުއްފުއްޓާއި ލ. ގަން އަދި ރީތިރަށް ރިސޯޓުގައިވެސް ކޮލިފައިން ބުރުތައް ކުރިއަށް ދާނެ އެވެ. ރެޑްބުލް އިން މައުލޫމާތު ދޭ ގޮތުގައި ކޮލިފައިން ބުރުތައް މިފަހަރު ބާއްވާނީ ކުރިއަށް އޮތް މާޗު މަހުގެ ތިންވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ އެކާވީހާ ހަމަޔަށެވެ. އަދި ގައުމީ ކޮލިފައިންގެ ފައިނަލް ބާއްވާނީ އެޕްރީލް މަހުގެ އަށާވީސް ވަނަ ދުވަހު މާލޭގައެވެ.


ނޭމާ ޖޫނިއާސް ފައިވް އަކީ އާންމުކޮށް ކުޅޭ ފުޓްސަލް މުބާރާތްތަކާ އަޅާކިޔާލާއިރު ވަރަށް ތަފާތު މުބާރާތަކަށް ވާއިރު، މެޗު ކުޅޭއިރު ދަނޑުމަތީގައި ހަރަކާތްތެރިވާނީ ފަސް ކުޅުންތެރިންކަން ފާހަގަކޮށްލެވެ އެވެ. އަދި ގޯލްކީޕަރަކާ ނުލައި މެޗުތައް ކުޅޭ އިރު މުބާރާތުގެ އެންމެ ތަފާތު ކަމަކީ އިދިކޮޅު ޓީމަކުން ލަނޑެއް ޖެހުމުން ގޯލް ވަތް ކޮޅުގެ ކުޅުންތެރިއަކު ވަގުތުން ބާލަން ޖެހުމެވެ. އަދި ކޮންމެ މެޗަކަށް ދިހަ މިނެޓު ކަނޑައަޅާފައިވާ އިރު ވަގުތު ހަމަވުމުގެ ކުރިން ޓީމެއްގެ ކުޅުންތެރިން ހުސްވެއްޖެނަމަ، ނަތީޖާ ނެރެވުނީ ކަމަށް ބަލައި މެޗު ވަގުތުން ނިންމާލަން ޖެހޭނެ އެވެ. ދެ ޓީމުންވެސް އެއްވަރުވެގެން ނިމިއްޖެ ނަމަ ދެން ނަތީޖާ ނެރޭނީ ކޮންމެ ޓީމަކުން އެއް ކުޅުންތެރިއަކު އަރުވައި ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި މެޗެއް ކުޅެގެންނެވެ.


މި މުބާރާތުގައި ރެޖިސްޓްރީވުމަށް ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީވާން ބޭނުންވާ ޓީމްތަކުން ނޭމާ ޖޫނިއާސް ފައިވް ވެބްސައިޓުން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ރެޑްބުލް އިން މައުލޫމާތު ދެ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...