ބޭރުގެ ސިފައިން ގެނައުމަށް ގޮވާލި ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގުމަށް ގޮވާލައިފި

ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންވަރު އަބްދުއްރަހީމްއަބްދުﷲ- ފޮޓޯ: ޗެނަލް 13

ރާއްޖެއަށް ބޭރުގެ ސިފައިން ގެނައުމަށް ގޮވާލި ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގާ ގާނޫނުގައި އޮތް ހަރުކަށި އަދަބު ދިނުމަށް ޕީޕީއެމުން ގޮވާލައިފިއެވެ. ޕީޕީއެމުން މިކަމަށް ގޮވަލާފައިވަނީ މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާރޓީގެ ޑެޕިއުޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންވަރު އަބްދުއްރަހީމް އަބްދުﷲއާއި އަދި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަ ފުޅުގައެވެ.


ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރާއްޖޭގެ އިސްތިގުލާލަށް ގެއްލުންދީ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތައް ރާއްޖެއަށް ހަނގުރާމަވެރި ފަރާތްތައް ގެނައުމަށް ގޮވާލާ ވާހަކަ ދެއްކި މީހުންގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ ކަމަށެވެ. އަދި އެމީހުންގެ މައްޗަށް ތަހުގީގު ހިންގާ ގާނޫނުގައި ކަނޑައަޅާފައިވާ ހަރުކަށި އަދަބު ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

އަދި ރާއްޖެ ޓީވީ ބަންދުކުރި މައްސަލަ ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވި ރާއްޖެ ޓީވީގެ ބްރޯޑްކާސްޓް ކުރުން އެސްޓޭޝަނުން އަމިއްލައަށް ބަންދުކުރި ކުރުމަކީ އެސްޓޭޝަނުން ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ޚަބަރުތަކާއި ކޮންޓެންޓްތައް ގެންނެސްދޭކަމަށް އަމިއްލައަށް އިއުތިރާފްވުން ކަމަށެވެ. އަދި ގައުމީ ސަލާމަތީ ބާރުތަކުން ނެރެފައިވާ ބަޔާނަކީ ވަކިސްޓޭޝަނަކަށް އަމާޒްކޮށްގެން ނެރުނު ބަޔާނެއްނޫންކަމަށާއި އެއީ ޚަބަރު ފަތުރާ ހުރިހާ ވަސީލަތްތަކަކަށް އަމާޒްކޮށް ނެރެފައިވާ ބަޔާނެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެންބަރ އަލީ އާރިފު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭރުގެ ފަރަތްތަކާއި ގުޅިގެން ގައުމުގައި ބަޣާވާތެއް ހިންގަން މަސައްކަތްކުރާ މީ ފުރަތަމަ ފަހަރު ނޫންކަމަށާއި މީ އެފަރާތްތަކުން އާންމުކޮށް ކުރާކަމެއްކަމަށެވެ. އަދި ދާދިފަހުން ބޭރުގެ ހަނގުރާމަވެރި ޖަމާޢަތްތަކުން ރާއްޖެއަށް އަރާ ރާއްޖޭގެ މަސްލަހަތު ނަގާލާ، އިސްތިގުލާލާއި މިނިވަންކަން ނަގާލުމަށް ދައުވަތުދިން ދިނުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫން އަސާސީ ހަރުއަޑުން ކުއްވެރި ކުރާކަމެއްކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގައިވެސް އެކަމެއްގެ މައްޗައް އެންމެބޮޑު އުގޫބާތެއް ކަނޑައެޅިފައިވާ އެއްކަމަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...