ޤާނޫނީ ވެރިކަން ވައްޓާލަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ ޢަމަލެއް: ރިޔާޒް

ރުމާލު2 ޖަގަހަ ޖަލްސާގައި ރިޔާޒު ރަޝީދު ވާހަކަ ދައްކަވަނީ: ފޮޓޯ ޗެނަލް13

ރާއްޖޭގައި އޮތް ޤާނޫނީ ވެރިކަން ބަދަލުކުރުމަށް އެއްވެސް ފަރާތަކުން ދައުވަތު ދިނުމަކީ އަދި އެ ދައުވަތު ޤަބޫލު ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތަކާއި ގުޅިގެން ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރ ރިޔާޒު ރަޝީދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި މިހާރު ގާއިމްވެފައިވާ ސަރުކާރަކީ ޤާނޫނީ ވެރިކަމެއް ކަމަށާއި، މި ވެރިކަން ބަދަލުކުރުމަށް އެއްވެސް ފަރާތަކުން މަސައްކަތް ކޮށްފިނަމަ އެކަން ވާނީ ޓެރަރިޒަމްގެ ޢަމަލަކަށް ކަމަށެވެ. ރިޔާޒު މިހެން ބުނެފައި މިވަނީ އިދިކޮޅު ފަރާތްތަކުން މެދުކެނޑުމެއްނެތި މި ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ރިޔާޒު ރަޝީދު ކުރެއްވި ޓްވީޓް: ފޮޓޯ އޮންލައިން

އެގޮތުން ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫންގެ މައްޗަށްވެސް ވަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ކުރެވި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައެވެ. ސްޕްރީމް ކޯޓުގެ ހުކުމް ބާތިލް ކުރުމާ ގުޅިގެން ޕީޕީއެމް އިން ދާދި ފަހުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ އިދިކޮޅުން ދައްކާ ހުރިހާ ވާހަކަޔަށް ރައްދު ދޭނަމަ، އެކަމަކަށް ނިމުމެއް ނާންނާނެ ކަމަށެވެ. ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ މިސަރުކާރުން ފާއިތުވެދިޔަ ދުވަސްތަކުގައި މުޅި ރާއްޖެއަށް ގެނެސްފައިވާ ކުރިއެރުންތައް އެފަރާތްތަކަށް ފެންނަމުން ނުދިއުމާއި އެކަންކަން ގަބޫލުކުރަން ދަތިވުމުން ކަމަށެވެ. 

ރިޔާޒު ވިދާޅުވީ އިދިކޮޅުން ޖަހާ ސަކަރާތުގެ ސަބަބުން ޤައުމު ހަލާކުގެ ތެރެއަށް ގެއްލިގެންދިޔަ ނުދޭނެކަމަށެވެ. އަދި އިދިކޮޅުގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ކިބައިގައި ވެރިކަން ކުރެވޭނެ ފެންވަރުގެ ބޭފުޅެއް ނެތްކަމަށާއި، އެކަން ކުރެވޭނީ ހާއްސަ ވަކި ސިފަތަކެއް ހުރެގެން ކަމަށެވެ. މީގެއިތުރުން އޭނާ ވިދާޅުވީ މާދަމާވެސް ޤައުމަށް ކޮންމެފަދަ ކަމެއް ކުރިމަތިވިނަމަވެސް އެކަންކަމާއި ރައީސް ޔާމީން ކުރިމަތި ލައްވާނީ ވަރަށް ކެރިހުރެގެން ސާބިތުކަންމަތީކަމަށެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...