ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު 5 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

ބަންގްލަޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ނޭޝަނަލް ޕާޓީގެ ލީޑަރު ޚާލިދާ ޒިއާ 5 އަހަރަށް ޖަލަށް ލުމަށް އެޤައުމުގެ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މީގެ ކުރިން 2 ފަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރުކަން ކުރެއްވި ޚާލިދާ ޒިއާއަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވުމުންނެވެ. އެގޮތުން ބޭރު ޤައުމަކުން ބަންގްލަދޭޝްގެ ޗެރިޓީއަކަށް ހަދިޔާ ކުރި ފައިސާ ޚާލިދާ ބޭނުން ކުރެއްވިކަން ވަނީ ސާބިތު ވެފައެވެ.

ކޮރަޕްޝަންގެ މި މައްސަލައާއި ގުޅިގެން ކޯޓުން ވަނީ ޚާލިދާގެ ދަރިކަލުން ތޯރިގް ރަހްމާން އާއި އިތުރު 4 މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި އެފަރާތްތައް ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. ޚާލިދާގެ މައްޗަށް އެހުކުމް ކުރީ ބަންގުލަދޭޝްގައި މި އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް އެކަމަނާ ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.

ކުރީގެ ބޮޑުވަޒީރު ހައްޔަރު ކުރުމާއި ގުޅިގެން އެކަމަނާގެ ސަޕޯޓަރުން އަންނަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުން.


އަދި އެހުކުމުގެ ސަބަބުން އެކަމަނާއަށް އިންތިހާބުގައި ވާދަ ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާލިދާ ވަނީ އެކަމަނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި އެއީ ސިޔާސީ ކުލަ ޖެހިފައިވާ ހުކުމެއް ކަމަށްވެސް ޚާލިދާ ވަނީ ވިދާޅުވެފައެވެ.

ބަންގްލަދޭޝްގެ ޤާނޫނު ބުނާގޮތުން ކުށެއް ސާބިތުވެ 2 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ފަރާތަކަށް އިންތިޚާބެއްގައި ވާދައެއް ނުކުރެވޭނެއެވެ. އުމުރުން 72 އަހަރުގެ ޚާލިދާ ޒިއާ މިހާރު އަންހެނުންގެ ޖަލަކަށް ގެންގޮސްފައިވާއިރު، އެކަމަނާއަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ އެކަމަނާ މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...