8 ފެބްރުއަރީ 2012 ވަނަ ދުވަހަކީ ދިވެހިން ތަޖުރިބާކުރި ހިތްދަތި ދުވަހެއް

8 ފެބްރުއަރީ 2012 ގައި ހުޅުޖަހާ އަންދާލާފައިވާ ވެހިކަލްތަކެއްގެ ކައިރީ ފުލުހަކު ހުއްޓިގެން

މިއަދަކީ ފެބުރުއަރީ މަހުގެ އަށް ވަނަ ދުވަސް. މި ދުވަހަކީ ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް ކަޅު ދުވަހެކެވެ. މިދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ހުޅުޖެހުމުގެ ސަބަބުން ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. 

ވެރިކަމުގެ ދަހިވެތި ކަމުގައި ހިންގާ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގައި އެކި ފަހަރު މަތިން ބޮޑުހުޅު ޖެހިކަން ތާރީޚީ ފަތްފުށްތަކުން ފެންނަން އެބަހުއްޓެވެ. އެގޮތުން ރަސްކަމުގެ ދުވަސްވަރުންފެށިގެން ވެސް ރާއްޖޭގައި އެކި ފަހަރު މަތިން ބޮޑު ހުޅުޖަހާ ރައްޔިތުންނަށާއި ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން އެނގެން އެބަހުއްޓެވެ. ރާއްޖޭގައި އެންމެ ފަހުން ބޮޑު ހުޅުޖެހުމުގެ ހާދިސާއެއް ހިނގާފައިވަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު. އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް މަގާމުން އިސްތިއުފާދެއްވިތާ އެންމެ 24 ގަޑި އިރުވެސް ނުވަނީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީގެ އެކްޓިވިސްޓުންގެ ބޭނުން ހިފައިހެން ހިންގި ބޮޑު ޖަރީމާއެކެވެ.

މިހާދިސާގައި ވެރިރަށް މާލެއާއި، އަތޮޅުތަކުގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހާ އަންދާލި އިރު ބައެއް އަތޮޅު ކައުންސިލް އިދާރާތަކާއި، ރަށްރަށުގެ ކޯޓުތަކުގެ އިތުރުން އަމިއްލަ މީހުންގެ މުދަލުގައި ހުޅުޖަހާ އަންދާލިއެވެ. އެދުވަހަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާ ނާމާންކަން އިންތިހާއަށް އިތުރުވި ދުވަހެކެވެ. ވެރިކަމުގެ ދަހިވެތި ކަމުގައި ފަރުދަކު އިސްވެ ހުރެގެން ގައުމުގައި ބޮޑު ހުޅު ޖެހުމުގެ ސަބަބުން ދައުލަތަށް އިޢާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައިރު، ރައްޔިތުންގެ ތެރެއިން ބައެއްގެ ވަރި ކައިވެނީގެ ސެޓްފިކެޓްތަކާއި، މުހިންމު ލިޔެކިޔުންތައް އެއްކޮށް ނެތިގެން ދިޔައެވެ.

ދައުލަތަށް 200 މިލިއަން ރުފިޔާގެ ގެއްލުން ދިން މިހާދިސާގެ މޭސްތިރިއެއްގެ ގޮތުގައި ހުންނެވީ ގައުމުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމާ މެދު އެއްވެސް ޝައްކެތް ނެތެވެ. މި ހުޅާއެކު އެއްބަޔަކަށް ސިޔާސީ މަންފާތަކެއް ހާސިވެގެންދިޔައިރު، ހުޅުޖެހުމުގައި ބައިވެރިވި ނިކަމެތި ރައްޔިތުން ދަނީ ޖަލުގެ ތޭރިތަކުގައި ދުވަސްތައް ގުނަމުންނެވެ. އެދުވަހު މަގުމައްޗަށް ނިކުމެ ހުޅުޖަހަން ގޮވާލި ނަޝީދު ދަނީ ރާއްޖެއިން ބޭރުގައި އަރާމް ކުރައްވަމުންނެވެ.

މިއީ ފަހުގެ ތާރީޚުގައި ހިންގި ޖަރީމާއެއް ކަމުގައި ވިޔަސް މީގެކުރިންވެސް އެކި ދުވަސްވަރުގައި ބޮޑު ހުޅު ޖެހިކަން އެނގެން އެބަހުއްޓެވެ. މުސްކުޅިބަންޑާރައިން އަވަހާރަވެ، އެރަދުންގެ ދަރިކަލުން އިބްރާހީމްނޫރައްދީން ރަސްކަމުގެ ދުވަސްވަރު ގައުމުގައި ސިޔާސީ ހަމަނުޖެހުންތައް ބޮޑުވެ، މީލާދީން 1887ގައި މާލޭގައި ބޮޑުހުޅުޖެހިކަން ތާރީޚުން އެނގެން އެބަހުއްޓެވެ. އަދި އިންޑިއާގެ ވޯރާ ވެރިންގެ ދުއްތުރާތައް ބޮޑުވެ ދިވެހިންގެ ހިތުގައި އެބައި މީހުންގެ މައްޗަށް ނަފުރަތު އުފެދި، ވޯރާއިން ރާއްޖެއިން ފޮނުވާލުމަށް ދިވެހިންގެ ތެރެއިން ބަޔަކު ނުކުމެ، ކުރި މުޒާހަރާތަކެއްގައި ވެސް މާލޭގައި ހުޅުޖަހާފައިވެއެވެ.

އަދި މީގެއިތުރުން އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނު ތިންވަނަ، ރަސްކަމުގެ ދުވަސްވަރު މީލާދީން 1752 ވަނަ އަހަރުގެ ޑިސެންބަރުގެ ވިހި ވަނަ ދުވަހުގެރޭ މަލާބާރީންގެ ލަޝްކަރު މާލެއަރާ މާލޭގައި ބޮޑު ހުޅުޖެހިއެވެ. މަލާބާރީން ބޮޑު ހުޅުޖެހުމުން ރަސްކަމުގެ ތިން ގަނޑުވަރާއި، ތިން މިސްކިތަކާއި، އާންމު ރައްޔިތުންގެ 63 ގެ އަނދާ ހުލިވެގެން ދިޔަ ކަމަށް ދިވެހި ތާރީޚުން އެނގެން އެބަހުއްޓެވެ. އަދި ރަސްކަމުގައި ހުންނެވި މުކައްރަމު މުހައްމަދު އިމާދުއްދީނާއި، ވަލީއަހުދު މުހައްމަދު މަނިކުފާނުގެ އިތުރުން ބައެއް ވަޒީރުން މަލާބާރީންގެ އުޅަނދަށް ގެންގޮސް ރަސްގެފާނުގެ ދެލޯ ކޮނެލުމަށް ފަހު ގޯވާއަށް ގެންދިޔައެވެ. އެރަދުން އަވަހާރަވީ މަލާބާރީންގެ އަތްދަށުގައި ހިޖުރީ ސަނަތުން 7 ޝައްވާލް 1170 ގައި. މީގެއިތުރުން ސިޔާސީ ހަމަނުޖެހުންތައް ބޮޑުވާ ދުވަސްވަރު މާލޭގައި ބޮޑު ހުޅު ޖަހާފައިވެއެވެ.

ކަން މިހެން ހުރިއިރު، މިހާރު ވެސް ސިޔާސީ ހަމަނުޖެހުންތައް ބޮޑުވުމުން މާލޭގައި ހުޅުޖެހުމުގެ ކަންކަން ހިނގަމުންދެއެވެ. މިފަދަ ކަންކަން ކުރާ މީހުންނަކީ ގައުމާ ރައްޔިތުންނާ މެދު އެއްވެސް ވަރަކަށް ވިސްނާ ފިކުރުކުރާ ބައެއްނޫން. ތިމާމެންގެ އަމިއްލަ އެދުމެއް ހާސިލް ކުރުމަށް ދައުލަތާއި ރައްޔިތުންގެ މުދާތައް ހުޅުޖަހާ އަންދާލާއިރު، އެކަމުގެ ހިތްދަތި އިހުސާސްތަކާ ބިރުވެރިކަން ތަހައްމަލްކުރަމުންދަނީ ދިވެހި ރައްޔިތުންނެވެ.

އަދިވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުންދަނީ މިފަދަ ދުވަހެއް ތަކުރާރު ކުރެއްވުމަށްކަން ނަޝީދު ދައްކާ ވާހަކަތަކުން ހެކިދެއެވެ. އެހެންކަމުން މިފަދަ ކަންތައްތަކާއި ދޭތެރޭ ދިވެހިރައްޔިތުން ފުންކޮށް ވިސްނާ ފިކުރުކޮށްލަންޖެހެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ޖެނެރަލް މުސްތަފާ"
Loading...