ފެބްރުއަރީ 7 ވަނަ ދުވަހަކީ ގައުމީ ދުވަހެއްގެ ގޮތުގައި ފާހަގަކުރަންޖެހޭ: ރައީސް

ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް، ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހަކީ ގައުމީ ދުވަހެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ. 

ކަނބަލުންގެ ފަރާތުން ރައީސް ޔާމީން ކެމްޕޭން ޖަގަހައިގައި ބޭއްވި ރެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވީ އެއްބައިވަންތަ ކަމުގެ ދުވަހަށް ވުރެ ގައުމާ ވަޠަނިއްޔަތުގެ ދުވަސް މާ މުހިންމު ކަމަށެވެ. އެހެން ކަމުން ކޮންމެ އަހަރެއްގެ ފެބްރުއަރީ 7 ވަނަ ދުވަހަކީ ގައުމީ ވަޠަނީ ދުވަހެއްގެ ގޮތުގައި ކަނޑައަޅަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހަކީ އަނިޔާވެރި ހަތަރު ޚާއިނުންގެ އަތްދަށުން ގައުމު މިނިވަންވި ދުވަސް ކަމަށާއި، އެކަމުގައި ގުރުބާންވި ބަޔަކީ ދިވެހި ސިފައިންނާ ފުލުހުން ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ބޭރުގެ ގައުމުތަކުން ރާއްޖެއަށް ހަނގުރާމައަށް އައުމަށް ގޮވާލާ ކުރީގެ ރައީސް މުހައްމަދު ދެއްކެވި ވާހަކަތަކަށް އެމަނިކުފާނު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެގޮތުން މީގެ އެތައް އަހަރެއްގެ ކުރިން ކާބަފައިން މަސައްކަތްކޮށްފައިވަނީ ބޭރުގެ ފަރަންޖީންގެ އަތުން ދިވެހި ފަސް ގަނޑު ހިމާޔަތް ކުރުމަށް ކަމަށާއި، ނަޝީދުގެ ހިތުގައި ހުއްބުލް ވަޠަންގެ ކަންފުޅެއްވެސް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން ދެމުންދިޔަ އަނިޔާތައް ތަހައްމަލް ކުރަން ބޭނުންވާނެ ބައެއް ނޫން ކަމަށާއި، ދިވެހި ތާރީޚުގައި ބޭރުގެ ފަރާތްތަކުގެ އަނިޔާވެރިކަން ދިވެހިން ތަޖުރިބާކޮށްފި ކަމަށެވެ. ނަމަވެސް ކުރީގެ ރައީސް ނަޝީދު މަސައްކަތް ކޮށްފައިވަނީ ކޮންމެ ކަމެއްގައިވެސް ފަރަންޖީންނާއެކު މަސައްކަތް ކުރުމަށްކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން ރިޔާސީ ލޯންޗްކޮޅު ގޮއްވާލައި އެމަނިކުފާނު އަވަހާރާކޮށްލުމަށް ދިން ހަމަލާގެ ވާހަކަތައް ތަކުރާރު ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެހާދިސާ ހިނގުމާއެކު ފުލުހުން އެހެން ލޯންޗަކަށް ބަދަލު ކުރެއްވި އިރު ފާލަންމަތި ބައްލަވާ ލެއްވުމުން މަންޒަރު ވަރަށް ސާފުކޮށް އެނގިވަޑައިގެންނެވި ކަމަށެވެ. އަދި އެކަން ކުރީ ކޮން ބައެއްކަން އެމަނިކުފާނު މާލެ ވަޑައިގަތުމާއެކު ސާފުވެގެންދިޔަ ކަމަށް ވިދާޅުވިއެވެ.

ގައުމަށް ޣައްދާރުވި ބޭފުޅުންގެ ގޮތުގައި ރައީސް އިޝާރާތް ކުރެއްވި ހަތަރު ބޭފުޅުންނަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ. ރައީސް ވިދާޅުވީ މަރު ތަންމަތީ ތިބި ނަމަވެސް މި ދުވަސްމަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ސަލާމަތީ ބާރުތަކުން ދެއްކެވި ސާބިތުކަން އަދިވެސް ފާހަގަކުރަނީ އުފަލާއެކު ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ޖެނެރަލް މުސްތަފާ"
Loading...