ރާއްޖޭގެ 10 ކުންފުންޏަކާއެކު މަޓާޓޯއިން ތައިލެންޑުގެ ޓްރެވަލް ފެއާއެއްގައި ބައިވެރިވެއްޖެ

ތައިލެންޑުގައި ކުރިއަށްދާ ތައި އިންޓަނޭޝަނަލް ޓްރެވަލް ފެއާ (ޓީއައިޓީއެފް) ގައި ދިވެހިރާއްޖެ ތަމްސީލު ކުރުމަށް މަޓާޓޯއިން ބައިވެރިވެއްޖެއެވެ.

މަޓާޓޯއިން ބުނީ މި ފެއާގައި ދިވެހިރާއްޖެގެ ފަރާތުން ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓްރެވަލް އޭޖެންޓުން ހިމެނޭ ގޮތަށް 10 ކުންފުންޏަކުން ބައިވެރިވެފައިވާ ކަމަށެވެ.

ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ފެއާގައި ދުނިޔޭގެ 35 އަކަށްވުރެ ގިނަ ގައުމުތަކުން 500 އަށް ވުރެ ގިނަ ފަރާތްތައް ބައިވެރިވާއިރު، ބައި މިލިއަނަށްވުރެ ގިނަ މީހުން މި ފެއާއަށް ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވެއެވެ.

ތައިލެންޑަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަރަށް މުހިންމު މާކެޓެކެވެ. މީގެ މައިގަނޑު ސަބަބަކީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރާ ތައިލެންޑުގެ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ.

އެގޮތުން މިދިޔަ އަހަރުގެ ތައިލެންޑުން 26،037 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ އަހަރުން އަހަރަށް ބަލާއިރު 58.3 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި މަޓާޓޯއިން މިދިޔަ އަހަރު 15 ފެއާއެއްގައި ވަނީ ބައިވެރިވެފައެވެ. އަދި މިއަހަރު ވެސް އެފަދަ 19 ފެއާއެއްގައި ބައިވެރިވާން ރާވާފައިވާ ކަމަށް މަޓާޓޯއިން މައުލޫމާތު ދެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...