ކެއަރ ފޯ ޓައިނީ ހާރޓްސް ކޭމްޕް އަންނަ މާޗް މަހު ބޭއްވުމަށް ނިންމައިފި

ކެއަރ ފޯ ޓައިނީ ހާރޓްސް ކޭމްޕް 2017 ގެ ތެރެއިން: ފޮޓޯ ޓައިނީ ހާރޓްސް

ޓައިނީ ހާޓްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކެއަރ ފޯ ޓައިނީ ހާރޓްސް ކޭމްޕް އަންނަ މާރޗް މަހު ބޭއްވުމަށް ނިންމައިފިއެވެ.

އުފެދުމުގައި ހިތުގެ ބަލިތައް ހުންނަ ކުދިންނަށް އެހީވުމަށް އުފައްދާފައިވާ ޓައިނީ ހާޓްސް ޖަމިއްޔާއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކެއަރ ފޯ ޓައިނީ ހާރޓްސް ކޭމްޕް، އަންނަ މާޗް މަހުގެ 23 ވަނަ ދުވަހުން 25 ވަނަ ދުވަހުގެ ނިލަޔަށް ހުޅުމާލެ ހޮސްޕިޓަލުން ބޭއްވުމަށް ވަނީ ނިންމާފައެވެ.

މި ކޭމްޕް ހިންގުމުގެ މަގުސަދަކީ އުފެދުމުގައި ހިތުގެ އުނިކަން ހުންނަ ކުދިންނަށް ތަޖުރިބާކާރު ކުޑަކުދިންގެ ހިތުގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމަށް މަގުފަހި ކޮށްދީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ބާރުއެޅުން ކަމަށް ޓައިނީ ހާޓްސް އިން ބުނެއެވެ.


ޗެނަލް 13 އަށް މައުލޫމާތު ދެއްވަމުން ޓައިނީ ހާރޓްސްގެ ސެކެޓްރީ ޖެނެރަލް ޖީހާން މަހުމޫދު ވިދާޅުވީ އުފެދުމުގައި ހިތުގެ ބަލި ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ މި ކޭމްޕަކީ ޓައިނީ ހާރޓްސްގައި ރަޖިސްޓަރ ވެފައިވާކުދިންގެ ތެރެއިން، ޤަވައިދުން ޑޮކްޓަރަށް ދެއްކުމަށް ބޭނުންވެފައިވާ ކުދިންނަށް ބޮޑު ހަރަދު ތަކެއް ނުކޮށް ހިލޭ ފަރުވާ ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ކޭމްޕެއް ކަމަށެވެ. އަދި މި ކޭމްޕްގައި ބައިވެރިވާ ކުދިންގެ ތެރެއިން މިދިޔަ އަހަރުގެ ނިޔަލަށް 19 ކުދިންނަށް މިބަލިން އެއްކޮށް ޝިފާ ލިބިފައި ވާކަމަށް ޖީހާން ވިދާޅުވިއެވެ. 

މީގެ އިތުރުން ޖީހާން ވިދާޅުވީ ޓައިނީ ހާރޓްސް އިން ކުރަމުންދާ ތަފާތު މަސައްކަތުގެ ސަބަބުން ހިތުގެ ބަލި ހުންނަކުދިންނަށް އެހެން ކުދިންނެކޭ އެއްފަދައިން އާދައިގެ ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދެވޭ ކަމަށެވެ. އަދި މި ކޭމްޕްގެ ސަބަބުން މައިންބަފައިންނަށާއި، ކުދިންނަށް އެކުދިންގެ ސިއްޙީ ހާލަތަށް ބޭނުންވާ ކަންކަން ދެނެގަނެވި އިތުރަށް ހޭލުންތެރި ކުރުވިގެންދާ ކަމަށް ޖީހާން ވިދާޅުވިއެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޭމްޕް ކުރިއަށްދާއިރު ބޭރުގެ ޑޮކުޓަރުންގެ އެހީ ބޭނުންކޮށްގެން އިތުރު ހަރަކާތްތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާ ކަމަށް ޖީހާން ވިދާޅުވިއެވެ. 

ޖީހާން ވިދާޅުވީ މި ކޭމްޕް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެމުންދަނީ ދަރުމައަށް މަސައްކަތް ކުރައްވާ ވޮލެންޓިއާސްގެ އިތުރުން އައިޖީއެމްއެޗް އިން ކަމަށެވެ. އަދި އާސަންދަ އާއިއެކުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް 5 އަހަރަށް މުޅި ކޭމްޕްގެ އެންމެ ބޮޑު ޕާޓްނަރަކީ އާސަންދަ އާއި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލް ކަމަށް ޖީހާން ވިދާޅުވިއެވެ.


މި ކޭމްޕްގައި އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލްގެ ކުޑަކުދިންގެ ހިތުގެ ހާއްސަ ޑޮކްޓަރުންތަކެއް ފަރުވާ ދިނުމަށް ހަމަޖެހިފައިވެއެވެ. މީ މިގޮތަށް ބޭއްވޭ 10 ވަނަ ކޭމްޕްކަމަށް ޓައިނީ ހާޓްސްއިން މައުލޫމާތު ދެއެވެ.

ޓައިނީ ހާރޓްސްގައި މިވަގުތު 497 ކުދިން ހިތުގެބަލި ހުންނަ ކުދިންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާއިރު، ޓައިނީ ހާޓްސް އިން ބުނީ މި ކޭމްޕްގައި އެވްރެޖް ގޮތެއްގައި 120 ކުދިންނަށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަހި ކޮށްދެވޭނެ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...