ޓައިވާނަށް އައި ބިންހެލުން: މަރުވި މީހުންގެ އަދަދު އިތުރުވެ، އޮފިޝަލުން މީހުން ސަލާމަތް ކުރުމުގައި

ޓައިވާން އަކީ "ރިންގް އޮފް ފަޔަރ"ގައި އޮންނަ ޤައުމެއް. އެއީ ގިނައިން ބިންހެލުން އަންނަ ސަރަހައްދެއް.

ޓައިވާނުގެ އިރުމަތީ ސަރަހައްދަކަށް ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި އައި ބިންހެލުމަކާއި ގުޅިގެން 7 މީހުން މަރުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ 6.4 މެގްނިޓިއުޑްގެ ބާރު މިނުގައެވެ. ބިންހެލުމާއި ގުޅިގެން 7 މީހުން މަރުވެފައިވާއިރު ގެއްލިފައިވާ 67 މީހަކު ހޯދުމުގެ މަސައްކަތް އޮފިޝަލުން އަންނަނީ ކުރަމުންނެވެ. ޓައިވާނަށް އައި ބިންހެލުމާއި ގުޅިގެން 260 މީހުން ވަނީ ޒަހަމްވެފައެވެ. އެޤައުމުގެ ނޭޝަނަލް ފަޔަރ އެޖެންސީއިން ބުނީ، ބައެއް ހޮޓެލްތަކާއި އިމާރާތްތައް ވެއްޓިފައިވާ ކަމަށާއި، އެހެންކަމުން ބިންހެލުމާއި ގުޅިގެން މަރުވި މީހުންގެ އަދަދު އިތުރު ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޓައިވާނަށް އައި ބިންހެލުމާއި ގުޅިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ފަޔަރ ފައިޓަރަކު ހަރަކާތްތެރިވަނީ.

އިމާރާތްތަކުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް އޮފިޝަލުން މަސައްކަތް ކުރަމުން އަންނައިރު، ބިންހެލުމަށްފަހު އަރާފާނެ ކުދި ލޮޅުންތަކުގެ ނުރައްކާ އޮތުމަކީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަން ފާހަގަ ކޮށްލެވެއެވެ.

އޮފިޝަލުން ހާމަކުރާ ގޮތުގައި އަރިއަޅާލާފައިވާ ބައެއް އިމާރާތްތައް ވެއްޓުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. 1999 ވަނަ އަހަރުގައި ޓައިވާނަށް ވަނީ، 7.6 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެއް އައިސްފައެވެ. އެބިންހެލުމާއި ގުޅިގެން 2،400އަށް ވުރެ ގިނަ މީހުން މަރުވިއިރު، އެއް ލައްކަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...