އަޑިއަޑިން ރޭވި ބަޣާވަތް ގޮވީ އަތަށް!

މުޒާހަރާ ކުރުން މަނާ ސަރަޙައްދުގައި މުޒާހަރާ ކުރިޔަ ނުދިނުމަށް ފުލުހުން ބެރިކޭޑް ޖަހާފަ.

ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުން، ދިވެހި ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔަބުކޮށް ދެހާސް ތޭރަވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ސަތާރަވަނަ ދުވަހު ދިވެހި ރާއްޖޭގެ ރައީސުލުޖުމޫރިއްޔާ ކަމުގެ މަޤާމާއި ރައީސް ޔާމީނު ހަވާލުވިއެވެ. އެ މަނިކުފާނު ދިވެހި ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށްފަހު ދިވެހި ޤައުމުގެ އިޤުތިސާދީ ދުވެލި ހަލުވިވެ، ތަރައްޤީގެ ނާރެހުގައި ދިވެހި ޤައުމު ކުރިން ދުވަހަކު ނުދެކޭހާ ކުރިއެރުންތައް ހޯދަމުން ދާކަމީ ޝައްކެއްއޮތްކަމެއް ނޫނެވެ. ރައްޔިތުންނަށް އުޖާލާ ޒަމާނެއް ހޯދުމަށް ރައީސް ޔާމީނު ވެވަޑައިގެންނެވި ވައުދު ޔަޤިންކަމާއިއެކު ފުއްދަވާ ދެއްވަމުން ، ދިވެހިންގެ އުންމީދުތަކުގައި އެމަނިކުފާނު ދަނީ ކުލަޖައްސަވާ ދެއްވަމުންނެވެ. ރައްޔިތުންގެ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވެ، ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު ރައީސް ޔާމީނަށް ލިބެމުންދާ ތާއީދާއި ކުރިއެރުން ފެނި އިދިކޮޅު މީހުން ތިބީ ބަސްހުއްޓިފައެވެ. 


ރިޔާސީ އިންތިޚާބުގައި އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅުން ކުރަމުން ދިޔަ މަސައްކަތް ފަނުފުލުން ގޮސް ރިޔާސީ އިންތިޚާބު ގެއްލިދާނޭ ކަމުގެ ބިރު އިދިކޮޅު ފަރާތްތަކަށް ޔަޤީންވި ހިސާބުން، މުޅި މި ދިވެހި ތާރީޚުގައި އަދި މިވީހާތަނަށް ޤައުމުގެ އެތެރެއިން ކުޅުނު އެންމެ ހަޑި ކުޅިވަރު މިބައި މީހުން ކުޅެންފެށިއެވެ. މާކުރިން ރޭވިގެން އަންނަ ކަމެއްކަން އެގޭގޮތަށް ނިޝާންތައް ދައްކަމުން، ދިވެހި ތާރީޚް އަދިރިގަނޑަކަށް ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން އަޑިނުބައި އަދި އަމިއްލަ އެދުމުން ފުރިގެންވާ ޕްލޭންތައް ރާވާލާ ރުކުރުވާލާ އެ މަސައްކަތް ފެށިއެވެ. 
މިބައި މީހުންނަށް ދުވަހަކު ކޮޅުންވެސް ކަމުނުގޮސް އަބަދުމެ، އެބަޔަކަށް ފާޑުކިޔަމުންދާ ޝަރުއީ ނިޒާމް ކުއްލިއަކަށް ރަނގަޅުވެ، ކޯޓްތަކުން އަންނާނެކަމަށް ލަފާ ކުރާ ހުކުމްތަކުގެ ވާހަތައް ދައްކަން ފެށިއެވެ. ކުއްލިއަކަށް ދެން އިވިގެންދިޔައީ ދިވެހިރާއްޖެގެ ސްޕްރީމް ކޯޓު މެދުވެރިކޮށް ދިވެހި ދައުލަތުގެ ހިންގުން ހުއްޓުވާލާ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރިތަނެވެ. އެގޮތުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ކުއްލިއަކަށް ސްޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު އިދިކޮޅު ފަރާތްތަކުން މުޅި ގައުމު ހަލަބޮލިކޮށް، ވެރިކަން ފޮރޮޅާލަން މަސައްކަތް ފެށިއެވެ. އަމުރުގައި ވާގޮތުން ޖަލުގައި ހުކުމްކޮށްފައިވާ ބައެއް ޤައިދީންނާއި މައްސަލަތަކުގެ ތުހުމުތުތަކުގައި ހައްޔަރުކޮށްފައިވާ ބައެއް ފަރާތްތައް ވަގުތުން ދޫކޮށްލަން އަމުރުކޮށްފައިވެއެވެ. އަދި ޤާނޫނު އަސާސީގެ 148ވަނަ މާއްދާގެ ބާރު އެއްކޮށް ކަނޑުވާލާފާވައިވެއެވެ.


 ދިވެހިރާއްޖޭގެ އަދުލް އިންސާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރުން ދައުލަތުގެ އެއްވެސް ބަހެއް ހޯދުމެއް ނެތި ކުރި އަމުރާއި ގުޅިގެން ދައުލަތުގެ ފަރާތުން ދައުލަތުގެ ވަކީލުން އުއްތަމަ ފަނޑިޔާރާއި މަޝްވަރާކުރުމަށް ކުރި މަސައްކަތްވެސް ކާމިޔާބެއް ނުވިއެވެ. އަދި ދައުލަތުގެ ފަރާތުން ހުށަހެޅި މައްސަލަތައްވެސް ބަލައެއް ނުގަތެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލް ޖުމުހޫރިއްޔާ ބައްދަލުކޮށްލަން އެދިވަޑައިގަތުމުން އެކަމަށްވެސް އެފަރާތްތަކުން ދީފައިވަނީ ބީރު ކަންފަތެކެވެ. އުއްތަމަ ފަނޑިޔާރު ހުންނެވީ ސީދާ އިދިކޮޅު ފަރާތްތަކުގެ ކޮމާންޑްގެ މަތީގައި ކަމަށް ސިޔާސީ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެގޮތުން ރައީސް ގުޅުއްވުމުން ފޯނު ނުނަންގަވާ، އެމަނިކުފާނު ނަންގަވަމުން ގެންދެވީ ބައެއް ސަފީރުންނާއި އިދިކޮޅު ފަރާތްތަކުގެ ފޯނު ކޯލްތައްކަން އެފަރާތްތަކުން މީޑިއާގައި ދައްކަވާފައިވާ ވާހަކަތަކުން ސާބިތުވެއެވެ. 


މިފަދަ ހުތޫރަތްތެރި ދަނޑިވަޅެއްގައި މާލޭގެ މަގުމަތި ހަލަބޮލިކޮށް ވެރިކަން ވެއްޓެނީކަމަށް ބުނެ، ރައްޔިތުންނަށް ހުވަފެންދައްކަން ބަޔަކު މީހުން ފެށިއެވެ. އެބައި މީހުންގެ މަދު ސަޕޯޓަރުންނާއި އެކު ހެނދުނެއް، ހަވީރެއް، ރޭގަނޑެއް، ދަންވަރެއް، ފަތިހެއް ބެލުމެއް ނެތި މުޒާހަރާ ކުރަންފެށިއެވެ. އަދި ފުލުހުންނާއި ކުރިމަތިލާ، އެމީހުންނަށްވެސް އިދިކޮޅާއި ގުޅުމަށް ތަކުރާރުކޮށް ދައުވަތު ދެމުން ގެންދިޔައެވެ. 
ދަނޑިވަޅުގެ ބެނުން ހިފާ ސްޕްރީމް ކޯޓު މެދުވެރިކޮށް، ރައީސް ޔާމީނުގެ ވެރިކަން އަޒުލު ކުރުމަށްވެސް އިދިކޮޅު މީހުން މަސައްކަތް ފެށިއެވެ. އަދި އެކަމުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މަޝްވަރާކުރެއްވިއެވެ. ޤައުމެއްގެ ހަޔާތުގައި ޖުޑީޝަލް ކޫ އެއް ގެންނަން އިދިކޮޅު ފަރާތްތަކާއި އުއްތަމަ ފަނޑިޔާރު މަސައްކަތް ކުރިއެވެ. 


ރައިސް ޔާމީނު ހުންނެވީ އެކަނި ވެފައިކަމަށާއި، ކުޑަ ހިއްވަރެއްކޮށްލުމުން ވެރިކަންވެސް ފޮރޮޅާލެވޭނޭކަމަށް ބުނެ އިދިކޮޅުން މަގުމަތީގައި ނަށާ އުފާ ފާޅުކުރަމުން ދިޔަ މަންޒަރު ފެނި ރަށްރަށުގައި ތިބި އިދިކޮޅު މީހުންވެސް އުފާ ފާޅުކުރަން ފެށިއެވެ. ވަގުތު ވަރަށް ކައިރިވެއްޖެ ކަމަށާއި، ސްޕްރީމް ކޯޓުން އިސާހިތަކު ރައީސް ޔާމީނުގެ ވެރިކަން އަޒުލުކޮށް ސިފައިންނަށް ރައީސް ޔާމީނު ހައްޔަރުކުރަން އަމުރު ނެރޭނެ ކަމަށް ބުނެ ސަޕޯޓަރުން ހިތްހަމަ ޖައްސައިދޭން ފެށިއެވެ. ނަމަވެސް ވަގުތު ފާއިތުވެ، އެމީހުން ރާވާފައިވާ ޕްލޭން "އޭ" އާއި ޕްލޭން "ބީ" ވެސް ފެއިލްވިއެވެ.


 ދިވެހި ޤައުމުގެ ހުންގާނުގައި ހުންނެވީ އެބައި މީހުން އެހީކުރި ކަހަލަ ފިޑި ރައީސެއް ނޫން ކަން އެހިސާބުން ކަށަވަރުވެގެންދިޔައެވެ. ރައީސް ޔާމީނަކީ 21ވަނަ ޤަރުނަށް ލޯހުޅުވިފައި ހުރި ގަޓު ރައީސެއްކަން އެމަނިކުފާނުގެ ހިކުމަތު އަމަލުމް ސާބިތުކޮށްދޭން ފެށިއެވެ. ރައްޔިތުންނަށް ދިމާވަ މިފަދަ ދަނޑިވަޅުތަކުގައި އެމަނިކުފާނަކީ ފިލައިގެންދާނޭ މީހެއް ނޫންކަން ޢަމަލުފުޅުން ސާބިތުކޮށްދެއްވިއެވެ. އަދި ދެ މީހަކު އެއްވެފައި ބާރަށް ހޯކެއް ޖެހިޔަސް އެމަނިކުފާނު ސިއްސައިގެން ނުދާނޭކަން އެވަނީ ސާބިތު ކޮށްދީފައެވެ. ފަހަރުގަ އިދިކޮޅު މީހުންނަށް އެހާ ފަސޭހައިން ވެރިކަން ވެއްޓޭނެޔޭ ހިތަށް އެރީ 07 ފެބުރުއަރީ 2012 ގައި އޭރުގައި ހުންނެވި ރައީސްމީހާ ބިރުން އިސްތިއުފާ ދެއްވުމަށްފަހު ފިލި ފިލުން ހަނދާން އާވީމަކަމަށް ވެދާނެއެވެ.


ޤައުމަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުވީ ހިކުމަތްތެރި ރައިސެއްގެ ވިސްނުންފުޅާއި، ދިވެހި ޤައުމުދެކެ އިންތިހާއަށް ލޯބިވާ، މި ޤައުމާއި ދިން ހިމާޔަތްކުރަން އަތުކުރި އޮޅާލައިގެން ތިއްބެވި ދިވެހި ސިފައިންނާއި ފުލުހުން ދެއްކެވި ޤައުމީވަންތަ ނަމޫނާއިންކަން ޔަޤީނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...