ބޮޑު ޕްރޮމޯޝަނަކާއެކު ހަ އަހަރަށްފަހު އެސްޓީއޯ އިލެކްޓްރޯނިކްސްގެ ޝޯރޫމް ހުޅުވައިފި

އަގުހުރި އިނާމުތަކާއި ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނަކާއެކު ހަ އަހަރުގެ ދިގު މުއްދަތަކަށްފަހު އެސްޓީއޯ އިލެކްޓްރޯނިކްސްގެ ޝޯރޫމް ހުޅުވައިފިއެވެ.

ސިޓީ ސްކޮއަރ އިމާރާތުގެ ތިރީ ފަންގިފިލާގައި އެސްޓީއޯ އިލެކްޓްރޯނިކްސްގެ ޝޯރޫމް ރަސްމީކޮށް ހުޅުވައިދެއްވީ އެސްޓީއޯގެ ޗެއާމަން ހުސައިން ސާލިމް މުހައްމަދު އެވެ. ހަ އަހަރުގެ މުއްދަތަކަށްފަހު އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، އަލުން ހުޅުވާފައިވާއިރު، ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ބްރޭންޑްތައް އެ ޝޯރޫމުން ލިބިގެންދާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިކަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އެންޑް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދު ވިދާޅުވީ، ޝޯރޫމް އަލުން ހުޅުވުމަށްޓަކައި އެންމެ ބޮޑަށް ވިސްނާފައިވަނީ ކަސްޓަމަރުން އެންމެ ބޭނުންވާ ބާވަތްތަކުގެ މުދާ އެތަނުން ފޯރުކޮށްދިނުމަށް ކަމަށާއި، އެކަން ދެނެގަތުމަށްޓަކައި ސަރވޭ އެއް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސް ޝޯރޫމް ހުޅުވުމާއެކު އެތަނުން ވިއްކާ މުދަލުގެ ބާވަތްތަކަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަނާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެސްޓީއޯގެ މާކެޓިންގް މެނޭޖަރ އައިމިނަތު ޝިރުފާ ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ އިލެކްޓްރޯނިކްސް އިން ވިއްކާ މުދަލުގެ ބާވަތްތަކަށް 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު ޕްރޮމޯޝަން ކުރިއަށްދާއިރު ކޮންމެ ހަފްތާއަކު އެއްފަހަރު ނަގާ ލަކީޑްރޯއަކުން ހޮވޭ ނަސީބުވެރި ފަރާތަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށާއި، މީގެ އިތުރުން ވިޒިޓް އެންޑް ވިން ޕްރޮމޯޝަނެއް ވެސް އާދީއްތަ ދުވަހު ފަށާފައިވާ ކަމަށް ޝިރުފާ ވިދާޅުވިއެވެ.

ވިޒިޓް އެންޑް ވިން ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ އިލެކްޓްރޯނިކްސް އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކޫޕަނެއް ލިބިގެންދާނެ ކަމަށާއި، ކޮންމެ ދުވަހަކު އެއްފަހަރު ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި ޓީވީއަކާއި ހެޑްސެޓެއް ލިބިގެންދާނެ ކަމަށް ވެސް ޝިރުފާ ވިދާޅުވިއެވެ.

އެސްޓީއޯ އިލެކްޓްރޯނިކްސްގެ ފިހާރައެއް ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވާފައިވަނީ 1993 ވަނަ އަހަރު އުމަރު ޝޮޕިންގް އާކޭޑްގައެވެ. އަދި 2011 ވަނަ އަހަރު އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވުމާއެކު އެކުންފުނިން ވިއްކަމުންދިޔަ އިލެކްޓްރޯނިކްސްގެ ބާވަތްތައް އެ ޝޯރޫމަށް ވަނީ ބަދަލުކޮށްފައެވެ.

ހަ އަހަރުގެ މުއްދަތަކަށްފަހު އެސްޓީއޯ އިލެކްޓްރޯނިކްސްގެ ޝޯރޫމެއް އަލުން ހުޅުވާފައިވާއިރު، މާލޭގެ ދެވަނަ ކަރަންޓު ސިޑި ނުވަތަ އެސްކަލޭޓަރު ވެސް އެ ޝޯރޫމްގައި ވަނީ ބަހައްޓާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...