200 އަށް ވުރެ ގިނަ ބައިވެރިންނާއެކު ރާއްޖޭގެ ފުރަތަމަ މާކެޓަރސް ފޯރަމް ފަށައިފި

މާކެޓިންގް ދާއިރާއަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފޯރަމް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ފަށައިފިއެވެ.

ކޯޕަރޭޓް މޯލްޑިވްސް އެކަޑަމީ (ސީއެމްއޭ) އިން އިންތިޒާމުކޮށްގެން މޯލްޑިވްސް މާކެޓަރސް ފޯރަމްގެ ނަމުގައި ކުރިއަށްގެންދާ މި ފޯރަމްގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ 200 އަށް ވުރެ ގިނަ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

މި ފޯރަމާ ބެހޭގޮތުން ނެރުނު ނޫސްބަޔާނުގައި ސީއެމްއޭއިން ބުނީ ފޯރަމްގައި ބޭރުގެ ތަޖުރިބާކާރުންގެ ފަރާތުން ދެ ވޯކްޝޮޕަކާއި ޕެނަލް ޑިސްކަޝަން އެއް ބޭއްވުމަށް ހަމަޖެފައިވާ ކަމަށެވެ. މި ފޯރަމްގައި 200 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާއިރު، އޭގެ ތެރެއިން 10 އިންސައްތައަކީ އަމިއްލަ ފަރާތްތަކެވެ. އަދި ބާކީ 90 އިންސައްތަ ބައިވެރިންގެ ތެރެއިން 20 އިންސައްތައަކީ އެގްޒެކެޓިވް ފަންތީގެ ފަރާތްތަކެވެ.

މި ފޯރަމްގައި މާކެޓިންގް ދާއިރާގެ ތިން ދާއިރާއަކަށް އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާކެޓިންގް އުކުޅުތަކާއި، ޓެކްނޮލޮޖީ އަދި ސައިކޮލޮޖީ ކަމަށް ސީއެމްއޭއިން މައުލޫމާތު ދެއެވެ. މި ފޯރަމްގެ ޓިކެޓް 200 ޑޮލަރަށް ވިއްކަން ނިންމާފައިވާއިރު، ދެ ޓިކެޓް ގަތުމުން އިތުރު އެއް ޓިކެޓް ހިލޭ ލިބިގެންދާނެ ކަމަށް ސީއެމްއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...