ވަޅުލާފައިވާ ރޮހިންޔާ މުސްލިމުންގެ ހަށިތަކެއް ފެނިއްޖެ

ވަޅުލާފައިވާ ރޮހިންޔާ މުސްލިމުންގެ ހަށިތަކާއި ބެހޭ ގޮތުން އޭޕީއަށް މައުލޫމާތު ދީފައިވަނީ ބަންގްލަދޭޝްގައި ދިރިއުޅެމުން އަންނަ ރޮހިންޔާގެ ރެފިއުޖީން.

މިޔަންމާގެ ރަޚައިން ސްޓޭޓްގައި އެޤައުމުގެ ސިފައިން ހިންގި ޖަރީމާތަކުގައި މަރާލާފައިވާ ރޮހިންޔާ މުސްލިމުންތަކެއްގެ ހަށިތަކެއް ވަޅުލާފައި ވަނިކޮށް ފެނިއްޖެއެވެ.

އެސޯސިއޭޓެޑް ޕްރެސް، އޭޕީއިން ވަނީ މިޔަންމާ ސިފައިންގެ އަނިޔާވެރި އަމަލުތަކުގެ ޝިކާރައަކަށްވެ، ދުނިޔެ ދޫކުރި 400އެއްހާ މީހުންގެ ހަށިގަނޑު ވަޅުލާފައިވަނިކޮސް ފެނިފައިވާކަން އެނިއުސް އެޖެންސީއިން ކުރި ތަހުގީގަކަށް ހާމަވެފައިވާ ކަމަށް ބުނެފައެވެ.  އޭޕީއިން ބުނީ، ވަޅުލާފައިވާ ރޮހިންޔާ މުސްލިމުންގެ ހަށިތައް ހޯދާފައިވަނީ މިހާރު ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުން އަންނަ ރޮހިންޔާ ދަރިކޮޅުގެ މީހުން ދީފައިވާ މައުލޫމާތުތަކުގެ އަލީގައި ކަމަށެވެ. 

އޭޕީގެ ތަހްގީގާއި ގުޅިގެން އދ އަދި އެމެރިކާއިންވެސް ވަނީ ކަންބޮޑުވުންފާޅު ކޮށްފައެވެ.  އެގޮތުން އެމެރިކާއިން ބުނެފައިވަނީ މިޔަންމާގެ ސިފައިން މިދިޔަ އަހަރުގެ އޯގަސްޓްމަހުގައި ރަޚައިން ސްޓޭޓްގައި ހިންގި އަސްކަރީ އޮޕަރޭޝަނުގައި މަރުވެފައިވާ އިތުރު ބައެއްގެ ހަށިގަނޑު ފެނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. 

އަދި ރަޚައިން ސްޓޭޓްގައި އިންސާނީ ހައްޤުތަކަށް އަރައިގަނެފައިވާ ފަރާތްތަކުގެ މައްސަލަތައް ބަލަން ޖެހޭނެ ކަމަށްވެސް އެމެރިކާއިން ވަނީ ބުނެފައެވެ. އެމެރިކާއިން ވަނީ ރަހައިން ސްޓޭޓްގައި މިޔަންމާގެ ސިފައިން ހިންގާފައިވާ އަސްކަރީ އޮޕަރޭޝަނާއި ގުޅޭ މިނިވަން ތަހްގީގެއް ކުރުމަށް މިޔަންމާގެ ސަރުކާރަށް ގޮވާލާފައެވެ. 

އެމެރިކާއިން މިފަދައިން ގޮވާލާފައިވާއިރު، ރޮހިންޔާ މުސްލިމުންނާއި ދެކޮޅަށް މިޔަންމާ ސިފައިން ހިންގި ޖަރީމާތައް ފޮރުވައި، އެކަމުގެ ހަޤީޤަތް އޮޅުވާލުމަށް މިޔަންމާގެ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބައިނަލްއަޤްވާމީ މީޑިޔާތަކުން ވަނީ ހާމަކޮށްފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...