ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!

ބުދަ ދުވަހު ނިމުނު ޖަނަވަރީ ޓްރާންސްފާގައި ޕްރިމިއާ ލީގު ކްލަބުތަކުން ރެކޯޑް އަދަދެއް އާ ކުޅުންތެރިން ގެނައުމަށް ހޭދަކޮށްފި އެވެ. 


ޓްރާންސްފާގެ އެންމެފަހު ދުވަހު އެކަނިވެސް ކްލަބުތަކުން ސަތޭކަ ފަންސާސް މިލިއަން ޕައުންޑްގެ ބޮޑު ހޭދައެއް ކުރި އިރު، ޖަނަވަރީ ޓްރާންސްފާ އިން ފެނުނު އެންމެ އަގުބޮޑު ޓްރާންސްފާ އަކަށްވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން އާސެނަލް އަށް ބަދަލުވި ޕިއެރޭ އެމެރިކް އައުބަމަޔާންގްގެ ޓްރާންސްފާ އެވެ. އޭނާ އާސެނަލް އަށް ބަދަލުވެފައިވަނީ އާސެނަލްގެވެސް ރެކޯޑް އަގެއް ކަމަށްވާ ފަންސާސް ހަ މިލިއަން ޕައުންޑަށް ކަމަށްވާ އިރު އައުބަމަޔާންގް އާސެނަލް އަށް އައުމާ ވިދިގެން އެ ކްލަބުގެ ސްޓްރައިކަރު އޮލިވިޔާ ޖިރޫޑް ވަނީ ޗެލްސީ އަށް ބަދަލުވެފަ އެވެ. މީގެ އިތުރުން، ޕީއެސްޖީގެ ވިންގަރެއް ކަމަށްވާ ލޫކަސް މޯރާ ގެނައުމަށް ޓޮޓެންހަމް އިން ތޭވީސް މިލިއަން ޕައުންޑް ހަރަދުކުރި އިރު، އަންޑްރޭ އަޔޫ ވަނީ ސްވެންސީ އަށް ބަދަލުވެފަ އެވެ.


މިހާރު ކުރިއަށްދާ ސީޒަނުގެ ޖަނަވަރީ ޓްރާންސްފާ ވިންޑޯ އިން ފެނިގެން ދިޔަ ހަރަދު ކުރުންތަކާ އެކު އެ އަދަދުތައް ރެކޯޑް ފޮތްފޮތަށް އަރާފައިވާ އިރު، އެކަން ވެގެން ގޮސްފައިވަނީ 2011 ވަނަ އަހަރު އިނގިރޭސި ކްލަބުތަކުން ހޭދަކުރި ރެކޯޑް އަދަދަށް ފަހު އެންމެ ބޮޑު އަގެއްގައި ޖަނަވަރީ މަސްތެރޭ ކުޅުންތެރިން ގެނައި ފަހަރަށެވެ.


ޖަނަވަރީ ޓްރާންސްފާގައި އެންމެ ބޮޑު އަގެއްގައި ކްލަބު ބަދަލުކޮށްފައިވަނީ ލިވަޕޫލަށް ގެނައި އާ ޑިފެންޑަރު ވާޖިލް ވެން ޑައިކް އެވެ. ސައުތުއެމްޓަން އިން ލިވަޕޫލަށް އޭނާ ވިއްކާލާފައިވަނީ ހަތްދިހަ ފަސް މިލިއަން ޕައުންޑަށެވެ. އޭގެ ފަހުން އެވަޓަންގެ ކްލަބް ރެކޯޑް އަދަދެއް ކަމަށްވާ ހަތާވީސް މިލިއަން ޕައުންޑަށް ތުރުކީ ފޮވާޑް ސެންކް ޓޯސުން އެވަޓަން އަށް ގެނާއިރު އިރު އެ ކްލަބުން ވަނީ އާސެނަލްގެ ވިންގަރު ތިއޯ ވޮލްކޮޓް ހޯދުމަށް ވިހި މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގެއް އާސެނަލް އަށް ދައްކާފަ އެވެ. އާސެނަލްގެ އެލެކްސިސް ސެންޗޭޒް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި އިރު، ޔުނައިޓެޑްގެ ހެންރީކް މިކިޓާރްޔަން ވަނީ އާސެނަލް އަށް ބަދަލުވެފަ އެވެ. 


އޭގެ އިތުރުން ލިވަޕޫލަށް ކުޅެމުން އައި ފިލިއްޕޭ ކޫޓީނިއޯ ދުނިޔެ ދެވަނަ އަށް ދުށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބާސެލޯނާ އަށް ބަދަލުވިކަންވެސް ފާހަގަކޮށްލެެވެ އެވެ. އެގޮތުގެ މަތިން، އޭނާ ބާސެލޯނާ އަށް ވިއްކާލުމަށް ސަތޭކަ ސާޅީސް ދެ މިލިއަން ޕައުންޑްގެ ބޮޑު އަގެއް އެ ކްލަބުން ލިވަޕޫލަށް ދެއްކި އެވެ. 


ބޭރުގެ ފުޓްބޯޅަ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ޑެލޮއިޓް އިން ބުނާ ގޮތުގައި ދެހާސް ސަތާރަ އަދި އަށާރަވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ކްލަބުތަކުން ވަނީ އާ ކުޅުންތެރިން ގެނެސް ސްކޮޑު ވަރުގަދަކުރުމަށް އެކެއް ޕޮއިންޓް ނުވައެއް ބިލިއަން ޕައުންޑްގެ ބޮޑު ހަރަދެއް ކޮށްފަ އެވެ. އަދި އަންދާޒާ ކުރެވޭ ގޮތުގައި ކުރިއަށް އޮތް ސީޒަންތަކުގައި އެ އަދަދުތައް ދާނީ އިތުރުވަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...