ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި

މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަހަރެންގެ ބޭންކްގެ ނަމުގައި މުޖުތަމައަށް އެހީތެރިވުމަށް ކުރިއަށްގެންދާ ކެމްޕޭންގެ މިއަހަރުގެ ކެމްޕޭން ރަސްމީކޮށް ފަށައިފިއެވެ.

މިއަހަރުގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށާފައިވަނީ ބީއެމްއެލްގެ ހެޑްއޮފީހުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ގުޅިގެން ބޭއްވި ޚާއްސަ ހަރަކާތްތަކަކާއެކުގައެވެ.

އަހަރެންގެ ބޭންކް ކެމްޕޭނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށި ކެމްޕޭނެކެވެ. އެ ކެމްޕޭނުގެ ދަށުން ފެބްރުއަރީ މަހުގެ ކޮންމެ ދުވަހަކު ވެސް މުޖުތަމައަށް ފައިދާ ކުރަނިވި ހަރަކާތެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި ކެމްޕޭނާ ބެހޭގޮތުން ބީއެމްއެލްގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަރާ ޚިލާފަށް މިއަހަރު އެ ކެމްޕޭނުގެ ދަށުން ހަމައެކަނި ފެބްރުއަރީ މަހުގެ ތެރޭގައި ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ ބަދަލުގައި މުޅި އަހަރަށް ރާވައިގެން ފަސްދޮޅަހަށްވުރެ ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

މިއަހަރުގެ ކެމްޕޭނުގެ ދަށުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ހަރަކާތްތަކާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރުން ތިމާވެއްޓާ ގުޅުން ހުރި ހަރަކާތްތަކެއް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...