މިއަދަކީ ދުނިޔޭގެ "ބުރުގާ" ދުވަސް!

ނަޒްމާ ޚާން- އޭނާއަށް ބުރުގާ އަޅާތީ ގައިރު މުސްލިމުންގެ އުނދަގޫތައް ކުރިމަތިވި.

އެމެރިކާގެ ނިޔުޔޯކް ސިޓީގައި ދިރިއުޅެމުން އަންނަ އުމުރުން 35 އަހަރުގެ ނަޒްމާ ޚާން އަކީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އަންހެނެކެވެ.  ނަޒްމާއަކީ މިއަދު ފާހަގަ ކުރަމުން އަންނަ ވޯލްޑް ހިޖާބް ޑޭގެ ބާނީއެވެ. ނަޒްމާ ނިޔުޔޯކްއަށް ބަދަލުވެފައިވަނީ 2011 ވަނަ އަހަރުގައެވެ. ޣައިރު މުސްލިމުން ގިނަ ޤައުމެއްގައި އުޅެން ފެށުމުން ދީނީ ތަފާތު ކުރުންތަކާއި، އެކި ފަރާތްތަކުގެ ފުރައްސާރައަށް ވަރަށް ހަގު އުމުރަކުން ފެށިގެން ނަޒްމާއަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.

އަދި ސްކޫލްގައި ކިޔަވަމުން ދިޔައިރުވެސް ނަޒްމާވަނީ ބުލީގެ ޝިކާރައަކަށްވެ، ހިތްދަތި އެތައް ކަމެއް ތަޖުރިބާވެސް ކޮށްފައެވެ. ނަޒްމާ ބުނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު އެމެރިކާގެ ޓްވިން ޓަވަރަށް ދިން ހަމަލާއަށް ފަހު، އޭނާއަށް ސްކޫލް މާހައުލުގައި ކުރިމަތިވި ފުރައްސާރަވެސް އިތުރުވެގެންދިޔަ ކަމަށެވެ. އަދި ފައިމަގުގައި ހިނގުންވެސް އުނދަގޫ ކަމަކަށް ވެގެން ދިޔަ ކަމަށް ނަޒްމާ ވަނީ ކިޔައިދީފައެވެ.

އެގޮތުން މަގުމަތިން ހިނގާފައިދާއިރު، އޭނާގެ ފަހަތުން އައުމާއި، ގަޔަށް ކުޅު ޖެހުން ފަދަ މުޑުދާރު އަމަލުތައް ބައެއް ފަރާތްތަކުން ހިންގާފައިވާ ކަމަށް ނަޒްމާ ވަނީ ބުނެފައެވެ.  މީގެ އިތުރުން "އުސާމާ ބިން ލާދިން" ނުވަތަ "ޓެރަރިސްޓް"ގެ ނަމުންވެސް އޭނާއަށް މުޙާތަބު ކުރި ކަމަށް ނަޒްމާ ވަނީ ކިޔައިދީފައެވެ. ނަޒްމާ ބުނީ އޭނާއަށް ކުރިމަތިވި ފުރައްސާރައާއި މަލާމާތާއި، ރުޅިވެރިކަމަކީ އޭނާ އަޅާ ބުރުގާއާއި ގުޅިގެން ކުރިމަތިވިކަންކަން ކަމަށެވެ. 

އަދި މިފަދަ ކަންކަން ބުރުގާ އަޅާ އެހެން އަންހެނުންނަށް ކުރިމަތިވާނެކަން އެނގޭތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ނަޒްމާ ނިންމިއެވެ. ނަޒްމާ ބުނީ ޣައިރު މުސްލިމުން ގިނަ ޤައުމުތަކުގައި ދިރިއުޅޭ އޭނާގެ އަންހެން ރަހްމަތްތެރިންވެސް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުގެ ހަނގާ ކުރުމާއި ކުރިމަތިލާން ޖެހޭކަމަށް ބުނެ، އެމީހުންނަށް ދިމާވި ކަންކަން ހިއްސާކޮށްފައިވާ ކަމަށެވެ.  ނަޒްމާ ބޭނުންވީ ބުރުގާ އެޅުމުގެ ސަބަބުން އޭނާގެ ރަހްމަތްތެރިންނަށްވެސް ދިމާވާ ކަންތައްތަކުން އެފަރާތްތައް ސަލާމަތް ކޮށްދިނުމަށެވެ.

އެގޮތުން އޭނާ ވަނީ "ވޯލްޑް ހިޖާބް ޑޭ" ނުވަތަ ދުނިޔޭގެ ބުރުގާ ދުވަސް ފާހަގަ ކުރަން ފަށާފައެވެ. ނަޒްމާ އުފައްދާފައިވާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމުއިއްޔާއިން އެންމެ ފުރަތަމަ ވޯލްޑް ހިޖާބް ޑޭ ފާހަގަ ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރާއިރު، ބުރުގާ އަޅާ މުސްލިމް އަންހެނުންނާއި އެކީގައިވާކަން ހާމަކޮށްދިނުމަށްޓަކައި، ޣައިރު މުސްލިމް އަންހެނުންވެސް ވޯލްޑް ހިޖާބް ޑޭގައި ބުރުގާ އަޅާކަން ފާހަގަ ކޮށްލެވެއެވެ.

ދުނިޔޭގެ ބުރުގާ ދުވަސް ފާހަގަ ކުރަން ފެށީސުރެ މިއަދާއި ހަމައަށް 45ގައުމެއްގެ 70 ގްލޯބަލް އެމްބެސެޑަރުން މިދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވެއެވެ. އަދި 190 ގައުމަކުން މިދުވަސް ފާހަގަ ކުރުމަށް ބާއްވާ އަހަރީ ހަރަކާތުގައި ބައިވެރިވާކަން ފާހަގަ ކޮށްލެވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...