މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!

2017 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ނަތީޖާ ފާއިތުވި 10 އަހަރާ އަޅާބަލާއިރު ރަނގަޅުވުމުން އިދިކޮޅު ފަރާތްތަކަށް އެކަން ހަޖަމް ނުވެ، ރައްޔިތުންނަށް ހަޤީގަތް އޮޅުވާލަން މަސައްކަތް ކޮށްފިއެވެ.

2017 ވަނަ އަހަރުގައި އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުން ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ފުރިހަމަ ނަތީޖާއާއި ގުޅިގެން ބެލެނިވެރިންނާއި، ޓީޗަރުންގެ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދީފައިވާއިރު، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ގެންދަނީ، މި ހަޤީގަތް ބަދަލު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޖީ. ސީ. އީ. އޯ ލެވެލް އިމްތިޙާނުގައި ރާއްޖޭގެ ސްކޫލްތަކުން ބައިވެރިވި ދަރިވަރުންގެ 77 އިންސައްތަ 5 މާއްދާއިން ފާސްވެފައި ވާކަމަށާއި، މާއްދާތަކުން ފޭލްވިކުދިންގެ ނިސްބަތް 7 އިންސައްތައަށް ދަށްވެފައިވާ ކަމަށް ބުނެފައިވަނީ އޮޅުވާލުމަށް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށް ދައުވާ ކުރަމުން އަންނަ އެމްޑީޕީން ވަނީ ބުނެފައެވެ. އެމްޑީޕީން ބުނެފައިވަނީ މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ ހާމަކޮށް، އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނަކީ، ރާއްޖޭގެ ސްކޫލްތަކުގެ ތަޢުލީމީ ފެންވަރާ ބެހޭ ހިސާބު ކިތާބު ގަޑުބަޑުކުރެއްވުމަށާއި ދިވެހި ރައްޔިތުންނަށް އޮޅުވައިލެއްވުމަށްޓަކައި ކުރައްވާފައިވާ ކަމެއް ކަމަށެވެ.

ދެން އެމްޑީޕީން ފެތުރި އިތުރު ދޮގު ވާހަކައަކީ މިދިޔަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިކޮށްފައިވަނީ ހުސް މޮޅު ކުދިން ކަމަށެވެ. އަދި އެފަދަ ކާމިޔާބު ނަތީޖާއެއް ނެރެވުނީ ކިޔެވުމަށް ފެންވަރު ދަށް ކުދިން ބައިވެރި ނުކޮށް ކަމަށްވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މިހާހިސާބުން އެމްޑީޕީގެ ވާހަކަ ދެކޮޅުޖެހޭ ކަމާމެދުވެސް ސުވާލު އުފެދެއެވެ. އިމްތިހާނުން ނަތީޖާ އަކީ ސައްހަ ނޫން ނަތީޖާއެއް ކަމަށް ބުނެފައި، ދެން އެމްޑީޕީން ބުނީ އެއީ ސައްހަ ނަތީޖާއެއް ކަމަށެވެ.  އެހެންނަމަވެސް އެނަތީޖާ ހޯދުނީ މުޅިންވެސް މޮޅު ކުދިން ހޮވައިގެން އިމްތިހާނުގައި ބައިވެރި ކޮށްގެން ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ނޫނީ ދިވެހިންނަށް ލިބޭ އެއްވެސް މޮޅެއް، އުފަލެއް އެމްޑީޕީއަކަށް ބަލައެއް ނުގަނެވޭ ކަހަލައެވެ. އެމްޑީޕީން ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި މަތީ ސާނަވީ އިމްތިހާނާއި ގުޅޭގޮތުން ނޫސް ބަޔާނެއް ނެރުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދެއްވާފައެވެ.

މި ސަރުކާރުގެ ތައުލީމްގެ ސިޔާސަތުގައިވެސް ވާ ގޮތަށް 2017 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގައި "އެއްވެސް ކުއްޖަކު ބާކީ ނުކޮށް" ހުރިހާ ދަރިވަރުންނަށް ވަނީ ހަމަހަމަ ފުރުސަތުތަކެއް ދެވިފައެވެ. މިކަން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޝަފީއު ވަނީ ބަޔާން ކޮށްދެއްވާފައެވެ. 

އެމްޑީޕީން މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އޮޅުވާލަން މަސައްކަތް ކުރިއިރު، ފާއިތުވި 10 އަހަރުގެ ނަތީޖާގެ ތަފާސް ހިސާބުތަކަށް ބަލާލުމުން ހާމަވެގެން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތައުލީމީ ދާއިރާއަށް ގެނެސްފައިވާ އިންގިލާބީ ބަދަލުތަކާއެކު، ދަރިވަރުން ހޯދާ ނަތީޖާތައް އަހަރަކަށް ވުރެ އަހަރެއް ރަނގަޅުވަމުން އައިސްފައިވާކަމެވެ.

މިއީ، ބަޔަކު ގަބޫލުކުރިއަސް ނުވަތަ ނުކުރިއަސް ބަދަލުކޮށްލެވޭނެ ހަގީގަތެއް ނޫނެވެ.  އިދިކޮޅު އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހެވާލާބަޔަށް މަސައްކަތް ކުރާ ކޮންމެ ފަހަރަކުމެ، އެކަމެއް ހުއްޓުވާ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާ ބައެކެވެ.  އެޕާޓީން މިފަހަރު މަސައްކަތް ކޮށްފައި އެވަނީ، ކަނޑައެޅިގެން ފެންނަށް ހުރި ތަފާސް ހިސާބްތަކެއް އޮޅުވާލުމަށެވެ. އެހެންނަމަވެސް މި ހަގީގަތް ކޮންމެ ދިވެހިރައްޔިތަކަށްވެސް ފެންނަށް ހުންނާނެކަން ޔަގީނެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...