އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ

ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވުމުގެ ގޮތުން، 42.5 މިލިއަން ޔޫރޯ ދިނުމަށް ޔޫރަޕިއަން ޔޫނިއަން(އީޔޫ)އިން ނިންމައިފިއެވެ.

ސާޅީސް ދޭއް ޕޮއިންޓް ފަހެއް މިލިއަން ޔޫރޯ އަކީ، 53 މިލިއަން ޑޮލަރެވެ. އީޔޫއިން ވަނީ ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވުމުގެ އިތުރުން، ފަލަސްތީނުގެ ރެފިއުޖީންނަށް އެހީތެރިވާ އދގެ އޭޖެންސީ، އުންރާއަށްވެސް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ކަނޑައަޅަން ބޭނުންވާ އިރުމަތީ ޤުދުސްގެ ތަރައްޤީއަށް މާލީ ގޮތުން އެހީތެރިވުމަށް އީޔޫއިން ވަނީ ނިންމާފައެވެ. އީޔޫއިން ވަނީ ފަލަސްތީނާއި އިޒްރޭލާއި ދެމެދު ސުލްހަ ޤާއިމް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ދެފަރާތާއި އެކީގައިވެސް މަޝްވަރާ ކުރުމަށް ގޮވާލާފައެވެ.

އަދި މަޝްވަރާތަކުގައި އެއްފަރާތެއް ބައިވެރި ނުކޮށް، އެކަން ކާމިޔާބު ކުރަން މަސައްކަތް ކުރުމަކީ ބޭކާރު ވެގެންދާނެ ވަގުތުތަކެއް ކަމަށްވެސް އީޔޫއިން ބުނެފައިވެއެވެ. އީޔޫ އިން ވަނީ، ފަލަސްތީނާއި އިޒްރޭލްގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނާއި އިޒްރޭލަކީ ވަކި ދެ ދައުލަތަކަށް ހެދުން ކަމަށް ބުނެފައެވެ. 

އިޒްރޭލާއި ފަލަސްތީނުގެ މައްސަލަ އިތުރަށް ހޫނުވެފައިވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ޤުދުސް އަކީ އިޒްރޭލްގެ ވެރި ރަށުގެ ގޮތުގައި ބަލައިގަތުމަށް ނިންމުމާއި ގުޅިގެންނެވެ.

ވިލާތުގެ އިއްތިހާދުން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު، ބެލްޖިއަމްގެ ބްރަސަލްސްގައި ވަރަށް އަވަހަށް ފަލަސްތީނާއި އިޒްރޭލްގެ މައްސަލަ ހައްލު ކުރުމަށް ސުލްހައިގެ ވާހަކަތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...