މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު އެލައިޑްގެ އާ ޓްރެވަލް އިންޝުއަރެންސް ޕްލޭން ތައާރަފްކޮށްފި

މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމަނައިގެން އެލައިޑް އިންޝުއަރެންސްއިން މުޅިން އާ ޓްރެވަލް އިންޝުއަރެންސް ޕްލޭނެއް ތައާރަފްކޮށްފިއެވެ.

މި ޕްލޭން އެލައިޑް އިންޝުއަރެންސްއިން ތައާރަފްކުރީ އެ ކުންފުންޏަށް 33 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އަލަށް ތައާރަފުކުރި ޓްރެވަލް އިންޝުއަރަންސް ޕްލޭންގެ ދަށުން ޗެކިން ކޮށްފައިވާ ލަގެޖާއި އަގުހުރި މުދަލުގެ އިތުރުން ލަގެޖު ލިބުން ލަސްވުމުން ދިމާވާ ދަތިތައް އިންޝުއަރ ކުރެވޭނެއެވެ. އަދި ދަތުރުފަތުރު ކުރާއިރު ލަގެޖު ގެއްލުމުން ލިބޭ ގެއްލުންތަކާއި ފްލައިޓް ލަސްވުމުންނާއި އެއާޕޯޓަށް ކުރާ ދަތުރު ލަސްވެގެން ދިމާވާ ގެއްލުންތައް ވެސް އެ ޕްލޭނުގެ ދަށުން ކަވަރ ކުރެވޭނެ ކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ޕްލޭންގެ ދަށުން ވިޔަފާރި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ވެސް ވަރަށް ޚާއްސަ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ކުރީގެ ޓްރެވަލް އިންޝުއަރެންސް ޕްލޭންތަކާ އާ ޕްލޭނާ ހުރި އެންމެ ބޮޑު އެއް ތަފާތަކީ، މުނިފޫހިފިލުވުމުގެ ހަރަކާތްތަކާ ގުޅޭ އިންޝުއަރެންސް އެ ޕްލޭންގައި ހިމަނާފައިވުމެވެ. އެ ހަރަކާތްތަކުގެ ތެރޭގައި ޕެރަސެއިލިންގް، އައިސް ސްކޭޓިންގް އަދި ބަންޖީ ޖަމްޕިންގް ހިމެނެއެވެ.

މީގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ސިޔާސީ ހާލަތު ތަފާތުވުމާއެކު އަލަށް ތައާރަފްކުރި ޕްލޭންގައި ސިޔާސީ ހަމަނުޖެހުންތަކާއި ހަލަބޮލިކަމުގެ ސަބަބުން ލިބޭ ގެއްލުންތައް ކަވަރު ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އަލަށް ތައާރަފްކުރި ޕްލޭންގެ ދަށުން އެއް ހަފްތާ، 10 ދުވަސް ނުވަތަ ދެ ހަފްތާގެ އިތުރުން މުޅި އަހަރު ދުވަހުގެ އިންޝުއަރެންސް ޕްކޭޖް ނެގުމުގެ އިޚްތިޔާރު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި ބޭނުންވާ ގޮތަށް ޕެކޭޖްތައް ފަރުމާ ކުރުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.

ރޭގެ ރަސްމިއްޔާތުގައި ޓްރެވަލް އިންޝުއަރެންސް ޕްލޭންގެ އިތުރުން އެކުންފުނީގެ ބިލްޑަރސް އިންޝުއަރެންސް ޕްލޭންއާއި ހެލްތު އިންޝުއަރެންސް ޕްލޭން ވެސް ބަދަލުތަކަކާއެކު އަލުން ވަނީ ތައާރަފުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...