ފަސް އަހަރުގެ ތެރޭގައި އެލައިޑަށް 112 އިންސައްތައިގެ މާލީ ކުރިއެރުމެއް

ފާއިތުދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެލައިޑް އިންޝުއަރެންސް ކުންފުންޏަށް ސަރަހައްދީ ފެންވަރުގެ މާލީ ކުރިއެރުން ލިބިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު އަމީލް ވިދާޅުވެއްޖެއެވެ.

އެލައިޑް އިންޝުއަރެންސްގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީލް ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް އެލައިޑް ކުންފުންޏަށް 112 އިންސައްތައިގެ މާލީ ކުރިއެރުން ލިބިފައިވާ ކަމަށެވެ.

އަދި އެލައިޑުން މަސައްކަތް ކުރަމުންދަނީ ދުނިޔޭގެ އެންމެ ފުންނާބު އުސް 10 ރީއިންޝުއަރެންސް ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތަކާއި ގުޅިގެން ކަމަށާއި، އެކުންފުނިތަކުގެ އެހީތެރިކަމާއެކު އެލައިޑުގެ އިންޝުއަރ ކުރުމުގެ ގާބިލުކަން 120 މިލިއަން ޑޮލަރަށް އަރާފައިވާ ކަން އަމީލްގެ ވާހަކައިގައި ފާހަގަ ކުރެއްވެވިއެވެ. ހަމައެއާއެކު އެލައިޑުގެ ރިޒަރވްގައި ހުރި ފައިސާގެ މިންވަރު 100 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ވެސް އަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން އަމީލް ވިދާޅުވީ އިންޝިއުރެންސްގެ ބަދަލުގައި ފައިސާ ދިނުމުގެ ގާބިލުކަން ނުވަތަ ކްލެއިމް ޕޭބެކް ކުރުމަކީ އިންޝިއުރެންސް ކުންފުންޏެއްގެ އެންމެ މުހިންމު އެއް ސިފަ ކަމަށެވެ. އެގޮތުން މިދިޔަ ފަސް އަހަރުގެ ތެރޭގައި އިންޝިއުރެންސްގެ ބަދަލުގެ ގޮތުގައި 797 މިލިއަން ރުފިޔާ އެލައިޑުން ދީފައިވާ ކަމަށް އަމީލް ވިދާޅުވިއެވެ.

ފާއިތުދިޔަ ފަސް އަހަރު ތެރޭގައި އެލައިޑް އިންޝިއުރެންސްއަށް މާލީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާއިރު، އަމީލް ވިދާޅުވީ މިކަމުގެ ވަރަށް ބޮޑު ޝުކުރެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ޙައްޤުވާ ކަމަށެވެ. އެގޮތުން އެމަނިކުފާނުގެ އިޤްތިސާދީ ސިޔާސަތާއި ރިސްކް މެނޭޖްމަންޓް ސިޔާސަތުގެ ސަބަބުން އެލައިޑް ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާ ކަމަށް އަމީލް ވިދާޅުވިއެވެ.

އެލައިޑް އިންޝުއަރެންސްއަށް 33 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި އެކުންފުނިން ވަނީ އާ އިންޝިއުރެންސް ޕެކޭޖުތަކެއް ވެސް ތައާރަފްކޮށްފައެވެ. އަދި އެ ރަސްމިއްޔާތުގައި ރާއްޖޭގެ ބައެއް ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...